ބޮޑު ބިންހެލުމަށް ފަހު އެލެސްކާއަށް 1000 އަށް ވުރެ ގިނަ ލޮޅުން އަރައިފައިވޭ

މިދިޔަ ހުކުރި ދުވަހު އެލެސްކާއަށް އައި ބިން ހެލުމަށް ފަހު---

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ އެލެސްކާއަށް އައި ބޮޑު ބިން ހެލުމަށްފަހު 1000 އަށް ވުރެ ގިނަ ކުދި ލޮޅުންތައް އަރައިފިއެވެ.

އެ ގޮތުން އެރި އެކި ލޮޅުންތަކުގައި ރެކްޓާ މިންގަނޑުން 2.5 އަށް ވުރެ މަތިކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. މިދިޔަ ހުކުރު ދުވަހު އެލެސްކާއަށް އެރި ވަރުގަދަ ބިންހެލުމުގައި ރެކްޓާ މިންގަނޑުން 7 ރެކޯޑް ކުރެވިފައިވެއެވެ.

އެހާ ގިނަ ކުދިކުދި ލޮޅުންތަކެއް އެރި ނަމަވެސް އެލެސްކާގައި ދިރިއުޅޭ މީހުން ބުނީ ދިރިއުޅުން މިހާރު ހަމައަކަށް އެޅެމުންދާ ކަމަށެވެ. އަދި އެ ކުދިކުދި ލޮޅުން ތަކުގައި މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެލެސްކާގެ އެންމެ ބޮޑު ސިޓީ އެންކަރޭޖްގައި މިހާރުވެސް 300،000 އަށް ވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ. އަދި އެތަނުގައި ހުރި އެއާޕޯޓާއި، ހޮސްޕިޓަލްތަކާއި އަދި ގިނަ ވިޔަފާރިތައް ހުއްޓުމެއް ނެތި މިހާރުވެސް ހިންގަމުން ދެއެވެ.

ހުކުރު ދުވަހު ހިނގި ބާރުގަދަ ބިން ހެލުމުގެ ހާދިސާގައި އެލެސްކާގެ މަގުތަކުގެ ބިން ގަނޑު ކަނޑައިގެން ދިއުމުގެ އިތުރުން ބޮޑެތި ފިހާރަތަކަށް ވަނީ ކުދި ގެއްލުންތަކެއް ލިބިފަައެވެ. ނަމަވެސް 1964 ވަނަ އަހަރު އެލެސްކާއަށް އައި ބިން ހެލުމުގައި ލިބުނު ގެއްލުންތައްހާ ބޮޑެތި ގެއްލުންތަކެއް ނުވެއެެވެ. ސަބަބަކީ އެ ބިން ހެލުމަށް ފަހު އެ ސްޓޭޓްގެ އިމާރާތްތައް ހަދައިފައިވަނީ އިމާރާތްތައް ގެއްލުން ނުވާނެގޮތަށް ކަމަށް ވާތީއެވެ.

comment ކޮމެންޓް