ސައުތު އެފްރިކާއިން އައްޑު އަށް ސީދާ ދަތުރުތައް ފަށައިފި

ސައުތު އެފްރިކަން އެއާވޭސް އިން ގަމަށް ދަތުރު ފެށުން ---

ސައުތުއެފްރިކާ އިން އައްޑ އަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ސައުތު އެފްރިކާގެ ޖޮހެނެސްބާގުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓު ވަނީ މިއަދު މެންދުރު ކުރި 11:30 އެހާކަންހާއިރު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފަ އެވެ.

ސައުތު އެފްރިކަން އެއާވޭސްގެ ދަތުރުތައް އައްޑޫ ސިޓީ ގަމަށް ފެށުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އެ ދަތުރުތައް ފެށުމާ އެކު ދެކުނުގެ ފަތުރުވެރި ކަމަށް އަދި ވިޔަފާރިތަކަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ.

"އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ސަރަހައްދުތަކަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް އަޅުގަނޑުމެންވަނީ ޕްލޭންކޮށްފައި. މިހާރު ބޭސްއާ އެއްޗެހި ރެޑީ ވެފައި އޮތީ. މި ދަތުުރުތަކާ އެކު ހުރިހާ ސަރަހައްދެއް ގުޅާލުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ވަސީލަތްތައް ފުރިހަމަ އެއާޕޯޓެއް ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންގްސްގެ ފަރާތުން ވާހަކަ ދައްކަވަމުން ޗަމްޕާ ހުސައިން އަފީފް ވިދާޅުވީ ސައުތު އެފްރިކާ އިން ގަމަށް ދަތުރު ފެށުމަކީ ސައުތު އެފްރިކާގެ ޓްރެވެލް އެޖެންޓެއްގެ ހިޔާލެއް ކަމަށެވެ. މި ދަތުރުތަކާ އެކު ސައުތު އެފްރިކާ އިން މުދާ ގެންނަން ބޭނުންވާ އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އަފީފް ވިދާޅުވި އެވެ.

ސައުތު އެފްރިކަން އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ކުރިއަށް އޮތްތަނުގައި ފުޅާކޮށް އިތުރު މާކެޓުތަކަށް ދަތުރުތައް ބާއްވަން ވަނީ ނިންމައިފަ އެވެ.

އައްޑޫ އަށް ސައުތު އެފްރިކާ އިން ހަފްތާ އަކު އެއް ދަތުރު ބާއްވާނެ އެވެ. ކޮންމެ އާދިއްތަ ދުވަހަކު ބާއްވާ މި ދަތުރުތައް ބާއްވާނީ 300 މީހުންގެ ޖާގައިގެ އޭ300 ގެ ފްލައިޓެއްގަ އެވެ.

comment ކޮމެންޓް