އަލަސްކާއަށް 7.0 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އަލަސްކާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަގުތައް ހަލާކުވެފައި -- ފޮޓޯ: ބީބީސީ

އެންކަރޭޖް (ޑިސެމްބަރު 1): އެމެރިކާގެ އަލަސްކާއަށް 7.0 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއް އައިސް، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނި ގޮތުގައި އެބިންހެލުން އައީ އަލަސްކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އެންކަރޭޖްގެ އުތުރުން 11 ކިލޯމީޓަރަށެވެ. އަދި 40.9 ކިލޯ މީޓަރު އަޑިއަށް އައި އެބިންހެލުމަށް ފަހު ކުދި ބިންހެލުންތަކެއް އައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އޭގެ ތެރޭގައި 5.7 މެގްނިޓިއުޑުގެ ބާރު މިނުގައި އައި ބިންހެލުމެއްވެސް ހިމެނެ އެވެ.

އަލަސްކާއަށް އައި ބިންހެލުމުގެ ސަބަބުން އެންކަރޭޖްގައި ހުންނަ ޓީވީ ސްޓޭޝަނަކަށް ގެއްލުން ލިބިފައި -- ފޮޓޯ: ސީބީއެސް ނިއުސް

އަލަސްކާގެ އާތްކުއޭކް ސެންޓަރުން ރިޕޯޓު ކުރި ގޮތުގައި މިހާތަނަށް 40 ކުދި ބިންހެލުން އައިސްފައިވެ އެވެ. އޭގެ ތެރޭގައި 4.0 މެގްނިޓިއުޑަށް ވުރެ ބާރުގަދަ 10 ބިންހެލުމާއި 5.0 މެގްނިޓިއުޑަށް ވުރެ ބާރުގަދަ ތިން ބިންހެލުން ހިމެނެ އެވެ.

އަލަސްކާއަށް ފުރަތަމަ އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދިން ނަމަވެސް، އެއިންޒާރު ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެބިންހެލުމާ ގުޅިގެން އެއްވެސް މީހަކު މަރުވެފައިވާ ކަމަށް އަދި ރިޕޯޓުކޮށްފައެއް ނުވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާ ބޭނުން ކުރާ ބައެއް މީހުން ވަނީ ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ ސީލިންގެ ބައިތަކާއި ހަލާކުވެފައިވާ މަގުތަކުގެ ފޮޓޯ ހިއްސާކޮށްފަ އެވެ.

comment ކޮމެންޓް