ފާރިސް މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައްދަލުކުރައްވަނީ -- ފޮޓޯ/ ޓްވިޓާ (މައުމޫން އަބްދުލްގައްޔޫމް)

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފާރިސް، އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެންމެ ގާތް ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މަހާތީރާ މިއަދު ބައްދަލުކުރެއްވީ މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީސް ހުންނަ ޕެރްދާނާ ޕުޓްރާޖާޔާގައެވެ.

ޑރ. މަހާތީރު ފާރިސް ބައްދަލުކުރައްވާ ފޮޓޯއެއް ޓްވީޓުކުރައްވައި، ރައީސް މައުމޫން މިއަދު ވަނީ އެމަނިކުފާނުގެ އެކުވެރި ޑރ. މަހާތީރަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ. މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަން އެންމެ ފުރަތަމަ ކުރެއްވީ ޖުލައި 1981 އިން އޮކްޓޫބަރު 2003 އަށެވެ. މާލޭގައި އިސްލާމީ މަރުކަޒު ހުޅުވި ރަސްމިއްޔާތަށް، ރައީސް މައުމޫނުގެ ދައުވަތުފުޅަކަށް މަހާތީރު ރާއްޖެވެސް ވަޑައިގެންނެވިއެވެ.

އުމުރުން 93 އަހަރުފުޅުގެ ޑރ. މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ދެވަނަ ފަހަރަށް އިންތިހާބުވެވަޑައިގަތީ މި އަހަރުއެވެ. އޭނާ އިންތިހާބުވީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ވާދަކޮށެވެ. ކުރިން ސިޔާސީ މަސައްކަތުގައި އެކުގައި އުޅުއްވި ނަޖީބާ ދެކޮޅަށް މަހާތީރު ނުކުމެވަޑައިގަތީ ނަޖީބުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއި އެހެނިހެން ކަންކަމާވެސް ހިތްހަމަޖެހިވަޑައިނުގެންނެވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް