"ކަނޑު އިބިލީސް"ރިލީޒްކުރާނީ އަންނަ މަހު ފަހެއްގައި

"ކަނޑު އިބިލީސް" ގެ މަންޒަރެއް....

ކުޑަކުދީންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް"ގެ ފަސްކޮށްފި އެވެ.

އެ ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ މަހު ދެއަކަށެވެ. ނަމަވެސް ފިލްމު މިހާރު ވަނީ އަންނަ މަހު ފަހެއްގައި ޕްރިމިއާކުރާ ގޮތަށް ނިންމައިފަ އެވެ.

އެ ފިލްމު ރެޑް ކާޕެޓް ހަފްލާއެއްގައި ޕްރިމިއާކުރުމަށް ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގަ އެވެ. އެ ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. އަދި "ކަނޑު އިބިލީސް"ގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ އެވެ.

މި ފިލްމުގެ ޕްރޮމޯޝަން ލަވަ މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ލަވައަކީ މަޝްހޫރު ބޮޑުބެރު ގްރޫޕް "ބިދަބިން" އިން ކިޔާދީފައިވާ ހިތްގައިމު ލަވައެކެވެ. ލަވައިގެ މެލޮޑީ އަދި ލިރިކްސް ހަދާފައި ވަނީ ހޯރަ އައްޔަ އެވެ.

ކޮޕީ އިއްސެގެ ބައްޕަގެ ވާހަކައަކަށް ހަދާފައިވާ އެ ފިލްމު ޑައިރެކްޓްކުރީ ކޮޕީ އިއްސެ އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ކޮޕީ އިއްސެ އާއި އަހުމަދު ޒިޔާ އާ އެވެ.

ކުޅުދުއްފުއްޓާއި ލަންކާއާ އެއްކޮށް އެ ފިލްމު ލ. އިސްދޫ ކަޅައިދޫ، ލ.ގަން، ލ.ހިތަދޫ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގއ. ވިލިނގިލި، ކ.ކާށިދޫ، އދ.މާމިގިލި، ޅ.ނައިފަރު، ޅ.ހިންނަވަރު، ގދ.ވާދޫ، ދ.ކުޑަހުވަދޫ އަދި ކ.ގާފަރު ގައި ފިލްމު އަޅުވަން މިހާރު ވަނީ ފައިނަލް ވެފަ އެވެ.

"ކަނޑު އިބިލީސް"ގެ ޓިކެޓްގެ އަގު އެހެން ފިލްމުތަކަށް ވުރެން ހެޔޮވާނެެ އެވެ. "ކަނޑުއިބިލީސް"ގެ ޓިކެޓު ވިއްކާނީ 50 ރުފިޔާ އަށް ކަމަށް ޓީމުން ބުނެ އެވެ.

އަތޮޅުތަކުގައި ފިލްމު ދެއްކުމަށް ފަހު މާލެ، ހުޅުމާލެ އަދި ޝްވެކް ސިނަމާގައި ވެސް ފިލްމު ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް