ސުމިތު ދޫކޮށްލުމަށް އެދި އަޑުއުފުލަނީ ފައިލް ފޮޓޯ --

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކުރިއަށް އޮތް ފަސް އަހަރު ދުވަހު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ވާހަކަ އާއި ސޯލިހުގެ ކެބިނެޓަށް ބޭފުޅުން ނެގުމުގެ ފުރިހަމަ އިހުތިޔާރު ރައީސް ސޯލިހަށް އޮންނަން ޖެހޭނެ ކަމަށް އެންމެ އަޑުހަރުކޮށް ދެއްކެވި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު ވިދާޅުވި އެވެ؛ ހަށިގަނޑުގައި ނޭވާ ހިނގާހާ ހިނދަކު އަދި ހިތުގައި ވިންދު ހިނގާހާ ހިނދަކު ސޯލިހުގެ ވެރިކަން ދަމަހައްޓަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ނަޝީދު މި މަހު ފުރަތަމަ ދުވަހު މާލެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ވިދާޅުވި ވާހަކައަކީ އެއީ އެވެ. އެއަށް ފަހު ވިދާޅުވާން ފެއްޓެވީ ސޯލިހުގެ ކެބިނެޓް އެކުލަވާލުމުގެ ފުރިހަމަ އިހުތިޔާރު ރައީސް ސޯލިހަށް އޮންނަން ޖެހޭނެ ކަމަށާއި އެ ކެބިނެޓަށް އެހެން މީހުން "ސަވާރުވާން" ނުޖެހޭނެ ކަމަށެވެ.

ވަރަށް ރަނގަޅު ވާހަކަފުޅެކެވެ. ރައްޔިތުން ވޯޓު ދިނީ ކޯލިޝަން ސަރުކާރަކަށެވެ. އަދި ރައީސެއްގެ ގޮތުގައި ދިވެހި ރައްޔިތުން ވޯޓު ދިނީ އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ފަސް އަހަރު ދުވަހުގެ ދައުރެއް ފުރިހަމަ ކުރުމަށެވެ. މެދު ތެރެއިން ނޫނީ 18 މަސް ދުވަހަށް ފަހު، އިސްތިއުފާ ދެއްވައި ނޫނީ އެ ނޫން ގޮތަކުން ވެސް ވެރިކަން ބަދަލުކުރާކަށް ނޫނެވެ.

އެހެން ނަމަވެސް އަޅުގަނޑުގެ ކުޑަ ކަންބޮޑުވުމެއް ހިއްސާކޮށްލާނަމެވެ. ކުރީ ސަރުކާރު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ޓީވީއެއްގައި ދެއްކި ވާހަކަކާ ގުޅިގެން އޭނާގެ ގަޔަށް އަތްލައި މަރާމާރީ ހިންގުމުން އެމްޑީޕީގެ އެކްޓިވިސްޓް، ހއ. ދިއްދޫ، އޯޓަމްވާދީ އަލީ ހާޝިމް (ސުމިތު) ހައްޔަރު ކުރި އެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ހަތް ދުވަހުގެ ތައްގަނޑު ވެސް ޖެއްސި އެވެ. ނަމަވެސް އެއާ އެކު ސޯޝަލް މީޑިއާގައި އޭނާ ދޫކޮށްލުމަށް ގޮވަން ފެއްޓި އެވެ. އެ ގޮވުމަށް އެންމެ ބޮޑު ހިއްވަރެއް ލިބުނީ ކުރީގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލުމުންނެވެ. ނަޝީދު ވިދާޅުވީ ސިއްދީގުގެ "ހަމަލާތަކާ"އި އަނގަ ހުތުރު ކަމަކީ މުޅި ޓުވީޓާ ދަންނަ ކަމެއް ކަމަށެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. މީހަކު ކުށެއް ކުރާ އިރަށް އަދި ތަހުގީގު ނިމުމަށް ފަހު، އެ ކުށެއްގެ ބާވަތުން އެމީހަކީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ޖެހޭ މީހެއް ނޫން ނަމަ ވިހި ތިރީސް ދުވަހު ބަންދުގައި ބަހައްޓާކަށް ނުޖެހެ އެވެ. އެއީ ފުހެލަން ޖެހޭ ސަގާފަތެކެވެ. އެކަމަކު މީހެއްގެ އަޑު ގަދަވުމަކީ ނުވަތަ އަނގަ ހުތުރުވުމަކީ އެ މީހެއްގެ ގަޔަށް އަތްލައި މަރާމާރީ ހިންގަން ޖެހޭ ކަމެއް ވެސް ނުމެ ނޫންތޯ އެވެ. އަދި ހިޔާލުފާޅުކުރުމަށް ހިތްވަރުދީ އަޑުފުލާ ބަޔަކު މިފަދަ ކަމެއް ހަޖަމު ނުކުރެވުމުން އެ ދެވެނީ ކޮން މެސެއްޖެއްތޯ ވެސް ސުވާލު އުފައްދަން ޖެހެ އެވެ.

ސުމިތު ބަންދުކުރިތާ 48 ގަޑި އިރު ނުވަނީސް އޭނާ ދޫކޮށްލީ ސަރުކާރަށް މަޖުބުރޫވެގެންތޯ މިއީ ސުވާލެކެވެ. އެ ސުވާލު ބޮޑަށް އުފެދުނީ ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ޓީވީއެމްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ މަނިކުފާނު ވިދާޅުވީ އެކަން ހިނގައި ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެ އިއުތިރާފުން އެނގޭ ކަމަކީ މިނިސްޓަރަށް ނޫނީ ފުލުހުންނަށް ސުމިތު ދޫކޮށްލުމަށް ޕްރެޝަރުތަކެއް ހުރި ކަމެވެ.

އެބޭފުޅުންނަށް ދިމާވީ ކިހާވަރެއްގެ ޕްރެޝަރެއްކަން އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށެވެ. އެކަމަކު ދުރުތިބީންނަށް ފެނުނީ ނަޝީދުގެ ޓުވީޓާ އެކު އެ ދުވަހު ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދަށް މި ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިން، ފުރަތަމަ މުޒާހަރާގެ ގޮތުގައި އަޑުއުފުލުމަށް ނުކުތްތަނެވެ. އަދި އެއޭގެ މާ ފަސްތަކެއް ނުވެ، ހަތް ދުވަހަށް ބަންދު ކުރި ސުމިތު ދޫކޮށްލި ތަނެވެ. ފުލުހުން އޭނާ ދޫކޮށްލީ ކޯޓުން އެ އަމުރު ބާތިލު ކުރުމަށް ފަހުތޯ ނޫނީ ފުލުހުން އޭނާ ހަމަ ދޫކޮށްލީތޯ އެއީ ވެސް ސާފުނުވެ އޮތް ސުވާލެކެވެ.

އަޅުގަނޑުގެ މައްސަލައަކީ ސުމިތު ދޫކޮށްލުމެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުމަކީ އަދުލު އިންސާފު ގާއިމުކޮށް ހަމަހަމަކަން ގާއިމުކުރަން އައި ސަރުކާރެއްގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެފަދަ ކަމެއް ހިނގުމުންނެވެ. އަދި އެއީ އިއްތިފާގަގުން ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓަކަށް ވުމުންނެވެ. އަދި އެކަންބޮޑުވީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ވަކި ބަޔަކު ކަމެއް ކުރުމުން އެއީ ކަމަކަށް ނުވެ، އެއްދޮރުން ވައްދައި އަނެއް ދޮރުން ދޫކުރުމުގެ ސަގާފަތެއް ތަކުރާރުވެދާނެތީ އެވެ.

މި ނޯޓުގައި އެހެން ނުކުތާއެއް ވެސް ހިއްސާކޮށްލާނަމެވެ. ރައްޔިތުން ވޯޓު ދިނީ ކޯލިޝަން ސަރުކާރަކަށެވެ. އެކަމަކު އަންނަ މާޗު މަހު ބާއްވާ އާންމު އިންތިހާބުގައި އެމްޑީޕީ އިން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރާ ވާހަކަ އާއި ޖޭޕީ އިން މަޖިލީހުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރާ ވާހަކައިގެ އަޑު ވަނީ ގަދަވެފަ އެވެ. އެއީ އާހިރުގައި ފަހު ވަގުތު އެކަން ވެދާނެ ގޮތް ކަމަށް ވެސް ވެދާނެ އެވެ. އެހެނީ ކޯލިޝަން ހެދީ ރައީސް އަބްދުﷲ ޔާމީން އިންތިހާއަށް "އަނިޔާވެރިވެ" އަދި "ކޮރަޕްޝަން އަށަގެންފައިވާވާތީ" އެވެ. މިހާރު ވަނީ އެ މަގުސަދު ހާސިލު ކުރެވި ސަރުކާރު ބަދަލުކުރެވިފަ އެވެ. އެހެން ކަމާ އެކު ކުރިއަށް ހުރި ކަންކަން އެމަގުން ގެންދެވޭނެތޯ އެއީ ސުވާލެކެވެ. ނަމަވެސް ކޯލިޝަން ހެދީ ގުޅިގެން މަޖިލީހަށް ވާދަ ކުރުމަށެވެ.

ހަތަރު ލީޑަރުންގެ ބައިވެރިވުމާ އެކު، ގުޅިގެން މަޖިލީހަށް ވާދަ ނުކުރެވޭނެ ކަމަކަށް ބުނާކަށް ނެތީމެވެ. އެހަނަސް މަޝްވަރާ ފެއްޓުމުގެ ކުރިން ނަޝީދު އިސްވެ ހުންނަވައިގެން ވަނީ ދާއިރާތަކުގެ ޕްރައިމަރީގައި ވާދަ ކުރައްވާ ބޭފުޅުންގެ ކެމްޕައިން ފައްޓަވައިފަ އެވެ. އޭރު ދާއިރާތައް ލިބެނީ ކޮން ބަޔަކަށް ކަމެއް އަދި ނޭނގެ އެވެ. އެހެން ކަމާ އެކު އެއީ ވުމަށް ވުރެ ނުވުން ދުރުކަމެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އަދި ނަޝީދަށް އިހްލާސްތެރި މަދުގާރުންނާ އެކު މަޖިލީހަށް ތައްޔާރުވަމުން އަންނަނީ، ބަރުލަމާނީ ނިޒާމަކަށް ފޮރޮޅާލުމަށް މަގުފަހި ކުރަން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އަނެއް ކޮޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މަޖީލީހުގެ ގޮނޑިތައް ނަންގަވައި ބާރުގަދަކުރަން މަސައްކަތް ކުރާތަން އަންނަނީ ފެންނަމުންނެވެ. ގާނޫނު އަސާސީގައި 65 އަހަރުން މަތީ އުމުރުގެ މީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް މާއްދާ ފާސް ކުރީ އަވަސްއަރުވާލައިގެންނެވެ.

ހަތަރު ލީޑަރުން މިއަދު އެމްޑީޕީ އޮފީހުގައި ބައްދަލު ކުރައްވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން

އެ ދެ ހާލަތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބާރު ނަންގަވާނީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެ އެވެ. އެއީ އެ މަނިކުފާނުގެ ބަސްމަދު ކަމާ އެކު ހަމަހަމަ އުސޫލުތަކެއް ގެންގުޅެވޭތޯ މަސައްކަތް ކުރާ ކަމަށް ފެންނާތީ އެވެ. ނަމަވެސް އެ މަނިކުފާނު ވެސް ވެރިކަމުގައި ހުންނަވަން ބޭނުންފުޅު ނަމަ، ބާރު ނަގަމުން އަންނަ ދެ ފަރާތުން ކުރެ އެއް ފަރާތެއް އިހުތިޔާރު ކުރުމަށް މަޖުބޫރުވާނެ ކަމަށް ގަބޫލުކުރެވެ އެވެ. އެހެނީ ހުރިހާ ބޭފުޅުންނަކީ ވެސް ސިޔާސީ ބޭފުޅުން ކަމަށްވެފައި، އަދި "ޕަވާ ހަންގްރީ" ބޭފުޅުން ކަމަށްވާނެތީ، ހަށިގަނޑުގައި ނޭވާ ހިނގާހާ ހިނދަކު ވެރިކަން ހިމާޔަތްކޮށްދެއްވާނެ ކަމަށް ގަބޫލެއް ކުރަން ދައްޗެވެ. އެހެން ނޫން ނަމަ ސަރުކާރުގެ މަތީ މަގާމުތަކަށް މަދަދުގާރުން އިސްނުކޮށް މަޖިލީހަކަށް ނުނެރޭނެ އެވެ. އަދި "ތިޔަ ހުރި ފަރާތް" ސާފުކުރުމަކަށް ނޭދޭނެ އެވެ. ބަލަން ތިބެމާ ބަހީ އެވެ.

ބޮޑު ދެގެރި ތަޅަންޏާ ބާރުކުރާނީ ކައްގަލަށެވެ.

comment ކޮމެންޓް