އިންޑިއާގައި ސްކޫލު ކުދިންނަށް ހޯމްވޯކު ދިނުމާއި ބަރު ފޮތްދަބަސް ދިނުން މަނާކޮށްފި

އިންޑިއާގެ ސްކޫލެއްގެ ދަރިވަރަކު ފޮތްދަބަހާ އެކު ހިނގާފައި ދަނީ --

ސްކޫލު ދަރިވަރުންނަށް ހޯމްވޯކު ދިނުމާއި ބަރު ފޮތްދަބަސް ދިނުން އިންޑިއާގައި މަނާކޮށްފި އެވެ.

ބަރު ފޮތްދަބަސް ދިނުން މަނާކޮށްފައި ވަނީ ހެދިބޮޑުވަމުން އަންނަ ކުދިން ބަރު ފޮތްދަބަސް އުފުލުމަކީ އެކުދިންގެ މައި ބަދައަށް ގެއްލުންވާނެ ކަމެއްކަމަށް ހޯދުންތަކުން ދައްކާތީ އެވެ.

މީގެ އިތުރުން ގްރޭޑު އެކެއް އަދި ދޭއްގެ ކުދިންނަށް ހޯމްވޯކު ނުދޭން ވެސް ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ. އެގޮތަށް އަންގާފައި ވަނީ މި ގްރޭޑުތަކުގެ ދަރިވަރުންނަށް ހޯމްވޯކު ދިނުމުން އެކުދިންގެ ފޮތްތައް ގެއަށް ގެންދަން ޖެހޭނެތީ، ފޮތްތައް އުފުލާއިރު ކުދިންނަށް ބަރުވެދާނެތީ އެވެ.

އިންޑިއާގެ އެސޯސިއޭޓެޑް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް އިންޑިއާ ގެ ދިރާސާއަކުން ދައްކާ ގޮތުގައި އެ ގައުމުގެ ފުރާވަރު ކުދިންގެ ތެރެއިން 68 ޕަސެންޓު ކުދިންނަކީ މުސްތަގުބަލުގައި މައިބަދައިގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކުދިންނެވެ. މި ދިރާސާ އަކީ 2500 ކުދިންނާއި 1000 ބެލެނިވެރިން ބައިވެރިކޮށްގެން ކުރިއަށްގެން ދިޔަ ދިރާސާއެކެވެ. ހަތް އަހަރާއި 13 އަހަރާ ދެމެދުގެ 88 ޕަސެންޓު ކުދިން އުފުލާ ދަބަހަކީ އެކުދިންގެ ބަރުދަނުގެ 45 ޕަސެންޓު ހުންނަވަރުގެ ބަރު ދަބަސް ކަމަށް އެ ދިރާސާގެ ނަތީޖާ އިން ދައްކަ އެވެ.

ފޮތްދަބަސް ބަރުވަނީ ސްކޫލުތަކުން ޓައިމްޓޭބަލް އެކުލަވާލާ ގޮތުން ކަމަށް ބައެއް ބެލެނިވެރިން ބުނެ އެވެ. ބައެއް ސްކޫލުތަކުގައި ފޮތްދަބަސް އުފުލަން ނުޖައްސާ ސްމާޓް ކްލާސްރޫމުތަކުގައި ކިޔަވައިދޭން ފަށާފައިވާއިރު ބައެއް އަވަށްތަކުގެ ކުދިން ސްކޫލަށް ދިއުމަށް ބަރު ދަބަސްތަކާ އެކު ވަރަށް ދުރަށް ހިނގަންޖެހެ އެވެ.

comment ކޮމެންޓް