މަޖިލިސް އަދި ކައުންސިލް އިންތިހާބުގައި އެކުގައި ނުކުންނަން ހަތަރު ލީޑަރުން އެއްބަސްވި: ރިޔާޒު

އަބްދުﷲ ރިޔާޒު: އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބްގައި ހަތަރު ޕާޓީން އެއްކޮށް ނިކިތުމަށް އެއްބަސްވެފައިވާ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން ދެން އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ވެސް އެކުގައި މަސައްކަތް ކުރުމަށް ހަތަރު ލީޑަރުންގެ މެދުގައި އެއްބަސް ވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދެ މެންބަރެއް ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުމަށް ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ، ޖޭޕީގެ މެންބަރުން މިހާރު އެންމެ ބޮޑަށް ކުރައްވަން ޖެހޭ ކަމަކީ މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ލިބޭ ސްލޮޓްތައް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލެޖިސްލޭޓިވް އެޖެންޑާ ކާމިޔާބް ކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަން ރިޔާޒު ފާހަގަ ކުރެއްވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީގައި ވާދަ ކުރުމާ ގުޅޭ ގޮތުން ސަރުކާރު ހިންގާ ކޯލިޝަނުގެ ހަތަރު ޕާޓީގެ ލީޑަރުންގެ މެދުގައި މީގެ ކުރިން އެއްބަސް ވުމެއް އެކުލަވާލާފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެނެގް ލީޑަރުންގެ ތެރޭގައި އޮތީ ހަމަ އެކަނި ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބް ކުރުމެއް ނޫން. އަޅުގަނޑުމެނެގެ ލީޑަރުންގެ ތެރޭގައި އެއްބަސްވުން އޮތީ ރައްޔިތުންގެ މަޖިލީހުގައި ވެސް އެކުގައި މަސައްކަތް ކުރަން. އަދި ދެން ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި ވެސް އެކުގައި މަސައްކަތް ކުރަން،" ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބްގައި ހަތަރު ޕާޓީގެ ހިމެނޭ ކޯލިޝަނުގެ ކެނޑިޑޭޓު ރައީސް ކަމަށް ރައްޔިތުން އިންތިހާބު ކުރީ އެ އިންތިހާބަށް ފަހު އޮންނަ ދެ އިންތިހާބުގައި ވެސް ހަތަރު ޕާޓީން އެއްކޮށް ވާދަކުރާނެ ކަމަށް ރައްޔިތުން ކައިރީގައި ވައުދު ވުމުން ކަން ރިޔާޒު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަވަމުންދާކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ، ކޯލިޝަން އެގްރީމެންޓަށް ޖޭޕީން ފުރިހަމައަށް އިހުތިރާމްކޮށް އެއްބަސް ވެފައިވާ ގޮތަށް ކަންތައްތައް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުމެންގެ ލީޑަރުންގެ މެދުގައި މިކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވި އެވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދާއިރާތައް އަދަދުތައް ކަނޑައެޅި ނިމިގެން ދާނެ ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރާ ގުޅޭ ގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ހުރި ދެއްކިވި ވާހަކަތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ފޯކަސް ގެއްލުވާ ނުލައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައި ދިނުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދަން ޖެހޭނެ ކަން ރިޔާޒު ފާހަގަ ކުރެއްވި އެވެ.

ރިޔާޒު އެހެން ވިދާޅުވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރާނެ ގޮތަކާއި މެދު ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޕާޓީގެ ބައެއް އިސް ފަރާތްތަކުން ގޮވާލަމުން ދަނީ އެ ޕާޓީން މަޖިލީހުގެ ހުރިހާ ގޮނޑިތަކަކަށް ނިކުތުމަށެވެ.

comment ކޮމެންޓް