މަރުގެ އަދަބު ނުދޭނެ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ކުރި ޓްވީޓް ޑިލީޓް ކޮށްފި

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް: މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ބުނެ ކުރި ޓްވީޓް މިރޭ ވަނީ ޑިލީޓް ކޮށްފައި -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 65 އަހަރު ކުރިން ކަމަށާއި އަދި އޭގެ ފަހުން އެކަން ކޮށްފައި ނުވާ ކަމަށާއި އެކަން ދަމަހައްޓާނެ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ކުރި ޓްވީޓް ޑިލީޓް ކޮށްފި އެވެ.

އެ ޓްވީޓްގައި އިތުރަށް ބުނެފައި ވަނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ރާއްޖެ އިން އާނ ބަސް ބުނެފައިވާ ކަމަށެވެ.

މިހާރު ސްވިޒަލޭންޑުގެ ޖެނިވާގައި ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބައްދަލުވުމުގައި އެ ގަރާރުގެ ޑްރާފްޓަަށް ވަނީ ވޯޓަށް އަހައިފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމެވެ.

ފޮރިން މިނިސްޓްރީގެ އެ ޓްވީޓާއި ގުޅިގެން ގިނަ ދީނީ އިލްމްވެރިން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެ އެ ނިންމުން މުރާޖައާ ކޮށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ.

ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ އެތައް އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައި އެކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް ތަފާތު އެކި އުޒުރު ދައްކައި އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް