ބާ އެސޯސިއޭޝަން: ވަކީލުންގެ ފާރަވެރިޔާ އުފަންވަނީ

ރާއްޖޭގެ ބައެއް ގާނޫނީ ވަކީލުން --- ސަންފޮޓޯ/ މުހައްމަދު އަފްރާހު

ގާނޫނީ ވަކީލުންނާ ގުޅުން ހުރި ހުރިހާ ކަމެއް މިނިވަން އެއް މުއައްސަސާއެއްގެ ދަށުން ބެލެހެއްޓުމަށް ބާ އެސޯސިއޭޝަން އުފައްދަން "ގާނޫނީ ހިދުމަތުގެ ބިލު"ގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ބާ ކައުންސިލެއް ނުވަތަ އެސޯސިއޭޝަނެއް އުފެއްދުމަކީ ރާއްޖޭގެ ބައެއް އިސް ގާނޫނީ ވަކީލުން ވަކާލާތު ކުރަމުން ދިޔަ ކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ކޮށްދެއްވަން ވައުދުވެ ވަޑައިގެންފަ އެވެ.

ގާނޫނީ ހިދުމަތުގެ ބިލުު މިވަނީ އިއްޔެ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވައިފަ އެވެ. ގާނޫނީ ވަކީލުންނާ ގުޅުން ހުރި ހުރިހާ ކަމެއްގެ ބާރު ބާ އެސޯސިއޭޝަނަށް ދިނުމަށް އެ ބިލުގައި ވަނީ ލިޔެފަ އެވެ.

ގާނޫނީ ހިދުމަތުގެ ބިލުގައި ހިމެނޭ ކަންކަން

 • ވަކީލު ކަމުގެ ހުއްދަ ދޫކުރުން
 • ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުން
 • ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރު ކުރުން
 • ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތި ކުރުން
 • ވަކީލުންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ބާ އެސޯސިއޭޝަން ނަމުގައި މިނިވަން މުއައްސަސާއެއް އުފެއްދުން
 • މުއައްސަސާގެ ކަންކަން ހިނގާނެ ގޮތް ބަޔާން ކުރުން

ގާނޫނީ ހިދުމަތުގެ ގާނޫނު އުފަންވުމާއެކު ބާ އެސޯސިއޭޝަން އުފެދޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެ އެސޯސިއޭޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އުފުލޭ މުދާ ނުއުފުލޭ މުދާ ހޯދާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ގާނޫނީ މިނިވަން މުއައްސަސާއެއް ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ބާ އެސޯސިއޭޝަން އެކުލެވިގެން ވާނީ ގާނޫނީ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާ ހިންގާ ކޮމިޓީއާ އެ ކޮމިޓީން އެކުލަވާލާ ދާއިމީ ސަބް ކޮމިޓީތަކެއްގެ މައްޗަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބާ އެސޯސިއޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާ އަމާނާތްތެރި ކަމާ އެކު ކުރިއަށް ދޭތޯ ކަށަވަރު ކުރުން ހިމެނެ އެވެ. އަދި ގާނޫނީ ވަކީލުންގެ ފަރާތުން ގާނޫނީ އެހީތެރިކަން ލިބި ދިނުމުގައި މަސްލަހަތު ހިމާޔަތް ކޮށްފައި އޮތްތޯ ބެލުން ވެސް ހިމެނެ އެވެ. އަދި ގިނަ ކަންކަން ވަނީ ހިމަނައިފަ އެވެ.

ބާ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށް ގާނޫނީ ހިދުމަތުގެ ބިލުގައި ވަނީ ބުނެފަ އެވެ. އެ ހަތް މީހުންނަކީ ވެސް ގާނޫނީ ވަކީލުންނަށް ވާން ޖެހެ އެވެ. އެ މެމްބަރުން އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ބޭރުގައި ---

ބާ އެސޯސިއޭޝަނުގެ ރައީސްއަކަށް އިންތިހާބު ކުރާ މީހާ އަކީ 10 އަހަރުގެ ގާނޫނީ ތަޖުރިބާ ހުރި މީހަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ގާނޫނީ ދާއިރާއިން ކޮށްފައިވާ މަސައްކަތަކާ ގުޅިގެން ނަޒާހާތްތެރިކަން ނުގެއްލޭ މީހަކަށް ވާން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި "ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހަކު ކަމުގައި ނުވުން" ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ބާ އެސޯސިއޭޝަނުގެ ފުރަތަމަ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ވެސް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ގާނޫނީ ހިދުމަތުގެ ބިލު ގާނޫނަކަށް ބަދަލުވާތާ 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ބާ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ވެސް ބިލުގައި ލިޔެފައިވެ އެވެ.

ބާއެސޯސިއޭޝަނުން މެމްބަރަކު ވަކިކުރަން ވެއްޖެ ނަމަ 100 އަށް ވުރެ ގިނަ ގާނޫނީ ވަކީލުން ސޮއިކޮށް އެސޯސިއޭޝަނަށް ހުށަހެޅުމުން އެ މެމްބަރަކު ވަކިވާގޮތަށް ވެސް ބިލުގައި ވަނީ ލިޔެފަ އެވެ. ބާ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެމްބަރުންނަށް އެއްވެސް މުސާރައެއް އަދި އިނާޔަތެއް ނުލިބޭނެ ކަމަށް ވެސް ބިލުގައި ލިޔެފައިވެ އެވެ.

ގާނޫނީ ވަކީލުން ނަގާ ފީ ރެގިއުލޭޓް ކުރުމުގެ ބާރު ވެސް ބާ ކައުންސިލަށް ދީ ވަނީ އެކަން ބިލުގައި ލިޔެފަ އެވެ. އެގޮތުން ފީ ނަގާއިރު ބަލާޖެހެ ކަންކަން ވަނީ ހިމަނާފަ އެވެ.

ވަކީލު ފީ ނެގުމުގައި ބަކަން ޖެހޭ ކަންކަން

 • މަސައްކަތައް ހޭދަވާނެ ވަގުތާއި ބޭނުންވާ ހުނަރާއި މީހުންގެ އަދަދު
 • ހަވާލު ކުރެވިފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނާއި އެމަސައްކަތުގެ ޒާތާއި ބާވަތް
 • އެ މަސައްކަތާއި ހަވާލުވުމުގެ ސަބަބުން އެހެން މަސައްކަތްތައް ދޫކޮށްލަން ޖެހޭތޯ ނުވަތަ މަޑު ޖައްސާލަން ޖެހޭތޯ
 • އެ ބާވަތުގެ މަސައްކަތަކަށް އާންމުކޮށް ނަގާ އުޅޭ ފީ
 • އެމަސައްކަތުގެ ސަބަބުން މުވައްކިލަށް ލިބޭނެ މަންފާ
 • މައްސަލައާ ހަވާލުވާ ގާނޫނީ ވަކީލު މަސައްކަތުގައި ހޭދަކޮށްފައިވާ މުއްދަތާއި ތަޖުރިބާ

ވަކީލުންގެ މައްސަލަތައް ބަލައި ޖޫރިމަނާ ކުރުމުގެ ބާރު ވެސް ބާ އެސޯސިއޭޝަނަށް ދޭން ގާނޫނީ ހިދުމަތުގެ ބިލުގައި ލިޔެފައިވެ އެވެ. އަދި ވަކީލުންގެ މައްސަލަތައް ބަލއި ފިޔަވަޅު އެޅުމުގެ ބާރުވެސް އެސޯސިއޭޝަނަށް ދޭން ވަނީ ލިޔެފަ އެވެ.

މިހާރު ވަކީލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަނީ ސުޕްރީމް ކޯޓުގެ ދަށުން ޖުޑިޝަލް އެޑް މިނިސްޓްރޭޝަނުންނެވެ.

comment ކޮމެންޓް