މަރުގެ ހުކުމް ތަންފީޒު ނުކުރަން ނިންމުމަކީ އިސްލާމް ދީނަށް ކުރި މަލާމާތެއް: އިލްޔާސް

ޝެއިހް އިލްޔާސް: މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ނިންމި ނިންމުން މުރާޖާ ކުރުމަށް އޭނަ ވަނީ ގޮވާލައިފި --- ސަން ފައިލް ފޮޓޯ : މުހަންމަދު އަފްރާހް

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރަން ނިންމާފައިވާ ނިންމުން ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ޝެއިހް އިލްޔާސް ހުސައިން ފާޑު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ރާއްޖެ އިން އާނ ބަސް ބުނެފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އިލްޔާސް އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު ވިދާޅުވީ، ކުރިން ގޯސްކޮށް ކަމެއް ކުރެވެފައި އޮތުމަކީ މިއަދު އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ބަޔަކު ރުއްސަން މަސައްކަތް ކުރުމުގެ ބަދަލުގައި ﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުން މާ ބުއްދިވެރި ހެޔޮކަން ބޮޑު ކަމަށެވެ.

"އިސްލާމީ ޝަރީއަތުގައި ކަނޑަ އެޅިފައިވާ ހައްދުތަކާ ދެކޮޅަށް ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑައެޅިގެން އިސްލާމް ދީނަށް ކުރެވުނު މަލާމާތެއް އަދި ގޮންޖެހުމެއް،" އިލްޔާސް ވިދާޅުވި އެވެ.

އިސްލާމް ދީނުގެ ޝިއާރުތަކަށް ގޮންޖެހި ކޮންމެ ބަޔަކު ވަނީ ނިކަމެތިވެ ނިމިގެން ގޮސްފައި ކަން އިލްޔާސް ފާހަގަކުރެއްވި އެވެ. އަދި އިލްޔާސް ވަނީ މާޒީން އިބުރަތް ހާސިލް ކުރުމަށް ގޮވާލާފަ އެވެ.

"ރައްޔިތުން މިކަމާ މެދު ފުންކޮށް ވިސްނަވާ ފިކުރުކުރުމަށް ގޮވާލަން. ސަރުކާރުން މި ކަމާއި މެދު ވިސަނަވާ މި ނިންމެވި ނިންމުން މުރާޖައާ ކުރަން ވެސް ގޮވާލަން،" އިލްޔާސް ވިދާޅުވި އެވެ.

އިސްލާމް ދީން ހިމާޔަތް ކުރަން ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދު މަތިން ހަނދާން ނައްތާ ނުލުމަށް އިލްޔާސް ވަނީ ގޮވާލައްވާފަ އެވެ. އަދި ވިދާޅުވީ 'ހިޔާނާތުގެ ނަތީޖާ ރަނގަޅު ނުވާނެ' ކަމަށެވެ.

އިލްޔާސްގެ އިތުރުން އެހެން ބައެއް ދީނީ އިލްމްވެރިން ވެސް ވަނީ ސަރުކާރުގެ އެ ނިންމުމަށް ފާޑު ވިދާޅުވެ، ނިންމުން މުރާޖައާ ކުރުމަށް ގޮވާލާފަ އެވެ.

ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ އެތައް އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައިފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް ތަފާތު އެކު އުޒުރު ދައްކައި އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް