ސިޔާސީ ވިސްނުމަށް ނުބަލައި ރާއްޖޭގެ މުސްތަގުބަލަށް މަސައްކަތްކުރަން އެންމެން އެކުގައި ނުކުތުމަށް ރައީސް ގޮވާލައްވައިފި

ރަށާއި އަތޮޅާއި ރާއްޖޭގެ މުސްތަގުބަލަށް މަސައްކަތްކުރުމަށް ސިޔާސީ ވިސްނުމަށް ނުބަލައި، އެންމެން އެކީގައި ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފި އެވެ. ރައީސް މިހެން ވިދާޅުވީ ހުނަރު ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް ޕޮލިޓެކްނީކުން ކުޅުދުއްފުށީގައި ހިންގާ އިލެކްޓްރީޝަން ކޯސް އިފްތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އޮތް ފުރުޞަތުތައް ބޭރު މީހުންނަށް ދިނުމުގެ ބަދަލުގައި، ދިވެހިންނަށް އެ ފުރުޞަތުތައް ފަހިކޮށްދެއްވުން ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ހުނަރު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް ވަޒީފާއެއް ކަށަވަރު ކޮށްދެއްވުންކަމަށެވެ.

ހުނަރު ޕްރޮގްރާމްގައި ހިމެނޭ ފަސްދޮޅަހަކަށް ދާއިރާއިން 8500 ދިވެހިން ތަމްރީން ފުރިހަމަކޮށް ނިމުމުން، ދިވެއްސަކަށް ވަޒީފާ ނުލިބި ބޭރުމީހަކަށް ލިބިގެން ނުވާނޭކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި މަޝްރޫޢު ކުރިއަށްގެންދަވާނެ ކަމަށެވެ.

މުސްތަޤްބަލުގައި ކުޅުދުއްފުށި ސިޓީއަކަށް ހަދަން ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވަމުން، އެކަމަށްޓަކައި ކުރައްވަން ހުރި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ވިދާޅުވީ ކުޅުދުއްފުށީގައި ބޯޓު ދަތުރުކުރާ މީހުން ތަމްރީންކުރާނެ ސްކޫލެއް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ޤާއިމުކުރައްވާނެކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު