ސިފައިން ލައްވާ ސާކް ސަމިޓްގެ މަސައްކަތްތައް ކުރުވަނީ ސަލާމަތީ ކަންކަމަށް ސަމާލުކަން ނުދީ ކަމަށް ޕީޕީއެމުން ތުހުމަތުކޮށްފި

ސިފައިން ލައްވާ ސާކް ސަމިޓްގެ މަސައްކަތްތައް ކުރުވަނީ ސަލާމަތީ ކަންކަމަށް ސަމާލުކަން ނުދީ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމުން) ތުހުމަތުކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވީ އައްޑޫގައި ސާކް ސަމިޓަށް ހަދާ މަގުގެ އިތުރަށް ކޮންވެންޝަން ސެންޓަރު ގާއިމު ކުރުމުގެ މަސައްކަތުގައި ބައިވެރިވާ ސިފައިން ލައްވާ މަސައްކަތް ކުރުވަނީ ސަލާމާތީ ގޮތުން އެކަށީގެންވާ ފިޔަވަޅުތައް ނާޅައިކަމަށެވެ.
"ސިފައިން މަސައްކަތްކުރަމުންދާއިރު، އުސްތަން ތަނަށް އަރަންޖެހޭ އިރު އެމީހުން ބޭނުންކުރުމަށް ބެލްޓް ފަދަ ވަސީލަތްތައް ފޯރުކޮށްދެވިފައި ނެތުމުގެ ސަބަބުން އެކިވަރުގެ އަނިޔާތަށް އެމީހުންނަށް ލިބެމުން ދާކަމުގެ މަޢުލޫމާތުތަށް ދަނީ ލިބެމުން، މިއީ ވަރަށް ދެރަވަރުކަމެއް،" ނިހާން ވިދާޅުވިއެވެ.
~
މީގެއިތުރަށް ސިފައިން އައްޑުއަށް ގެންދިއުމަށްޓަކައި ކޮޅުވެއްޓިފަދަ އުޅަނދުތަކުގައި އެކަށީގެން ނުވާ އަދަދަށް ސިފައިން އުފުލައިފައި ވާތީ އެގޮތަށް ކަންތައްތައް ނުކުރުމަށް ވެސް ސަރުކާރަށް ގޮވައިލި އެވެ.
"އައްޑުއަށް ބޮޑެތި ކޮޅުވެއްޓިތަކުގައި 100 އިން 200 އިން ސިފައިންވަނީ އުފުލާފައި. އެއީ ބައިނަލް އަގްވާމީ މެރިޓައިމް ގަވާއިދާ ވެސް ހިލާފު ކަމެއް. ސަލާމަތީ ގޮތުންވެސް އެހާ ރައްކާތެރި ކަމެއްނޫން. އެހްނަކަމުން މިފަދަ ކަންތަށް ނުކުރުމަށް ސަރުކާރަށް ގޮވާލަން. އަދި މި މައްސަލަތައް މިދަނީ މޮނިޓާކުރަމުން އަޅުގަނޑުމެން ޕީޕީއެމްގެ ފަރާތުން ވަރަށް އަވަހަށް މިކަމާ ގުޅޭ ގޮތުން ރިޕޯޓެއްވެސް ނެރޭނަން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ސާކް ސަމިޓްފަދަ، ބޮޑު ގައުމީ ކަމެއްގައި ސިފައިންލައްވާ މަސައްކަތް ކުރުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް ބޮޑެތި މަސައްކަތްތަކުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އެޅުމެއް ނެތި، ސިފައިންލައްވާ ކުރުވުން އެއީ ބަލައިގަނެވޭކަމެއް ނޫންކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު