"ވިޝްކާ" އަޅުވާނީ އަންނަ މަހު ހައެއްގައި

"ވިޝްކާ" ގެ މަންޒަރެއްގައި ރިޝްމީ ---

އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމް "ވިޝްކާ"ގެ އިތުރު ޝޯއެއް އަންނަ މަހު ހައެއްގައި އެޅުވުމަށް ނިންމައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަދި ފިލްމުގެ ތަރި ރިޝްމީ ރަމީޒް "ސަން"އަށް ބުނީ ފިލްމު އަޅުވާނީ އެރޭ 20:30 ގައި ހުޅުމާލޭ ޝްވެކް ސިނަމާގައި ކަމަށެވެ.

އަދި ފިލްމުގެ ޓިކެޓް ވިއްކުން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށާއި ޓިކެޓްގެ އަގަކީ 100 ރުފިޔާކަމަށް ވެސް އޭނާ ބުންޏެވެ.

"ޓިކެޓް ވިއްކަން ފަށާނީ މާދަމާ. ހުޅުމާލެ ޝްވެކްއިން ވެސް މާލޭ ޝްވެކްއިން ވެސް ޓިކެޓް ގަންނަން ލިބޭނެ. އެކަމަކު ފިލްމު އަޅުވާނީ ހުޅުމާލޭ ޝްވެކްގައި،"

ރަވީ ފާރޫގް ޑައިރެކްޓްކޮށް ރިޝްމީ ޕްރޮޑިއުސްކުރި ކްރައިމް ތްރިލާ އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ރަވީގެ އިތުރުން ރިޝްމީ އާއި އަހްމަދު ސައީދެވެ.

"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވައިލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެއް ވެސްމެ އެވެ.

ފިލްމްގައި ދައްކުވައިދެނީ އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި ތާށިވާ ޒުވާން އަންހެނެއްގެ ވާހަކައެވެ.

ދެ ގަޑިއިރާއި 17 މިނެޓްގެ އެ ފިލްމުން ރިޝްމީއަށް ވަނީ ސާކް ފެންވަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައެވެ. މިއީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ވިޝްކާ" ފިލްމް ނުބެލި ތިބި މީހުންނަށް މި ފިލްމް ބަލައިލުމަށް މި ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެކެވެ.

comment ކޮމެންޓް