ލައްފަ ލަވަ ކިޔުމާ ދުރަށް ޖެހެލީ ކީއްވެކަން އިންގޭތަ؟

ލަވްފާ ހަސަން(ލައްފަ)....

ޓީވީ މޯލްޑިވްސް އިން ސިލްސިލާކޮށް ދައްކަމުން އައި "އެހަނދާނުގެ"ގެ ޝޯތަކަކީ ކުޅަދާނަ އެތައް ފަންނާނުންތަކެއް ލަވަ ކިޔުމުގެ ދާއިރާގައި ފައި ހަރުކޮށްލި ޝޯތަކަކެވެ. ބެލުންތެރިންގެ ލޯބި ލިބިގެން ކޮންމެ އަހަރަކު ވެސް އެ ތަރިން ފޯރީގައި ލަވަތައް ކިޔަމުން ދިޔައީ މަޝްހޫރުކަން ހޯދަމުންނެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ފަންނާނަކަށް ލަވަކިޔުންތެރިޔާ ލަފްވާ ހަސަން (ލައްފަ) ވާނެ ކަން ހަމަ ޔަގީނެވެ.

ފުރަތަމަ ލަވަ އެއް "އެހަނދާނުގައި" އަށް ލައްފަ ކިޔާފައި ވަނީ 2004 ވަނަ އަހަރު އެވެ. "ލޯބީގެ ލަޔާގަތު" އަކީ މިހާރު ވެސް އެންމެ މަގުބޫލު ދިވެހި ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވަ އެކެވެ. ލައްފަ ވަނީ 2005 އަަދި 2006 ވަނަ އަހަރުގައި ވެސް އެ ޝޯ އަށް ލަވަ ކިޔައިދީފަ އެވެ.

ކޭކު އެޅުމުގެ ކުރިން ތައްޔާރު ކުރާ ޑިޒައިންނާއި އަސްލު ކޭކު....

ދެހާސް ހަތް ވަނަ އަހަރުގެ ޝޯގައި ލަވައެއް ކިޔާފައި ނުވި ނަމަވެސް 2008 އިން ފެށިގެން 2011 ވަނަ އަހަރާ ދެމެދު ބޭއްވި ކޮންމެ "އެހަނދާނުގައި" ޝޯ އެއްގައި ލައްފަ ވަނީ ލަވަ ކިޔައިފަ އެވެ. ބޮޑަށް އޭނާ މަޝްހޫރު ވެގެން ދިޔައީ ވެސް އެ ޝޯގެ ތެރެއިންނެވެ. އެންމެ ފަހުން ލަވައެއްކީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

މަޑު މަޑުން މީހުންގެ މަގުބޫލުކަން ހޯދަމުން އައިސް ލައްފަގެ އަޑު ހަމަ އެއްކޮށް މަޑުވީ އެވެ. ކޮންމެ އަކަސް ގިނަ ބައެއްގެ ހިތުގައި ސުވާލުތަކެއް އުފެދިފައި ހުންނާނެ ކަން ކަށަވަރެވެ. ލައްފަގެ ލަވަތައް ބަލާފައި މިހާރު އޭނާ ނުފެންނާތީ ހޯދާ މީހުން ވެސް އުޅޭނެ އެވެ.

ލައްފަ ޑިޒައިން ކޮށްފައިވާ ބައެއް ކޭކް ޓޭބަލްތައް...

"ލައްފަ ލަވަ ކިޔާކަން އެހާ ބޮޑަށް ޝައުގުވެރިކަމެއް ނުހުރޭ މިހާރު، އެންމެ ފަހުން 2015ގައި ވެސް ލަވަ އެއް ޓީވީއެމްއިން ގުޅާފައި ބުނީމަ،" ފުރަތަމަ ވެސް ދިނީ އޭނާގެ އަޑު އަހާލާ ހިތުން އުޅޭ މީހުންނަށް ހިތާމަވެރި ހަބަރެކެވެ.

ލަވަ ކިޔުމާ ދުރަށްޖެހެލާ ލައްފަ މިހާރު ކުރަނީ ކީއްކަން އިންގޭ ހެއްޔެވެ؟ ލައްފަ ބޭނުން ވަނީ އޭނާ ކިޔެވި ދާއިރާއިން ކުރިޔަށް ދާށެވެ. ލައްފަ އަކީ ހީވާގި ގްރެފިކް ޑިޒައިނަރެކެވެ.

ލައްފަ ހަދާފައިވާ ބައެއް ޓައިނީ ކޭކު ތަކާއި ފަރުމަ ކޮށްފައިވާ ބައެއް ކައިވެނި ކާޑުތައް...

"ލައްފަ ޖޮބްގައި އުޅޭތާ ވެއްޖެ ނުވަ ވަރަކަށް އަހަރު، މިއުޅެނީ ކުންފުންޏެއްގެ ގްރެފިކް ޑިޒައިނަރަކަށް، ލައްފަ ކުރަނީ މި މަސައްކަތް،" އޭނާ ބުންޏެވެ.

ޑިޒައިން ކުރުމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުން ލައްފަ މިހާރު ކޭކު ވެސް އަޅަ އެވެ. ލޯބި މަސައްކަތެއް ހެއްޔެވެ؟ ބަލާލަން ރީތި ހިތްގައިމު މަސައްކަތެކެވެ.

ލައްފަ ބުނަނީ އޮފީހުގެ ބިޒީ ޝެޑިއުލްގައި އުޅުމަށް ފަހު އައިސް އިތުރު "ޕާޓް ޓައިމް" ވަޒީފާއެއްގެ ގޮތަށް ލައްފަ އެ ކުރާ މަސައްކަތުން ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށެވެ. ކޭކު އެޅުމުގެ އިތުރުން ކައިވެނި ކާޑު ފަރުމާކޮށްދީ، ވެޑިން ފާޓީތަކުގައި ޑެކަރޭޝަންތައް ކޮންމެ ވެސް ވަރަކަށްކޮށްދީ ހަދަ އެވެ. އަދި ޕާޓީތަކުގައި ޑެޒާޓް މޭޒު ވެސް ނުލާހިކު ރީއްޗަށް ލައްފަ ތައްޔާރުކޮށްދެ އެވެ.

ލައްފަ ހަދާފައިވާ ބައެއް ކޭކު ތައް...

"މިކަހަލަ މަސައްކަތް ކުރަނީ ކުރާ ހިތުން ޕާޓް ޓައިމް ޖޮބެއް ގޮތަށް، ވަރަށް ގިނަ ބައެއްގެ ސަޕޯޓް ލިބޭ، ހުންނާނެ ބައެއް ދެމަފިރިންގެ ވެޑިން އެނިވާސަރީ ތަކުގައި ރޫމް ވެސް ޑެކަރޭޓް ކޮށްދީފައި، އަދި ވަރަށް ގިނައި ކައިވެނީގެ ކާޑު ވެސް ހަދަން،" "ކަށި ކުނބުރު" ފަދަ ލަވަތައް ކިޔާފައިވާ ލައްފަ ބުންޏެވެ.

ލައްފަ ހަދާފައިވާ ބައެއް ކައިވެނީގެ ރަން...

އިތުރަށް ވާހަކަ ދައްކަމުން ލައްފަ ބުނީ، އޭނާގެ ކޭކްތަކަށް ލޯބި ކުރާ ފަރާތްތަކުން ޓްރެއިނިން ސެޝަންތައް ބޭއްވުމަށް އެދޭ ކަމަށާއި ލައްފަ ހަދާ ކޭކްތަކުގެ ތެރެއިން ޓައިނީ ކޭކުތަކަކީ ވަރަށް މަގުބޫލު ކޭކްތަކެއް ކަމަށެވެ. ލައްފަ ފަރުމާ ކުރާ ކޮންމެ ކޭކެއް އެޅުމުގެ ކުރިން އޭގެ ޑިޖިޓަލް މޮކްއަޕް ދައްކާލަދޭ ކަމަށް އޭނާ ބުންޏެވެ. މިއީ އެހެން ކޭކް އެޅުންތެރިންގެ ފުށުން އަދި ފެންނަ ކަމެއް ނޫނެވެ.

ލައްފަ ހަދާފައިވާ ބައެއް ވެޑިން ކޭކުތައް...

"ވަރަށް ގިނަ ކުދިން މެސެޖު ކޮށްފައި ވެސް ބުނާނެ ޓްރެއިނިންތައް ބޭއްވުމަށް، ލައްފަ ވަރަށް އުފާވޭ ލައްފަގެ ކޭކްތައް އަމިއްލަ އަށް ހަދާފައި ޓެގް ކޮށްލާފައި އިންނާނެ އިންސްޕަޔާޑް ބައި ޔޫ އޭ ޖަހާފައި،" ލައްފަ ބުންޏެވެ.

ލައްފަ ބުނީ އެ ހުރިހާ ކަމެއް ކުރަނީ ގިނަ ބައެއްގެ ފުރިހަމަ އެއްބާރުލުމާއި އެކުގައި ކަމަށެވެ. ލައްފަ ބުނީ އޭނާ އަށް މިހާ ހިސާބަށް އާދެވުނީ މަންމަ އާއި ފިރިމީހާގެ އެންމެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ. ލައްފަގެ މަސައްކަތްތަކަށް ގިނަ ބަޔަކު ލޯބި ކުރާ ކަމަށާއި ތައުރީފް ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޭކު އެޅުމުގެ ކުރިން ތައްޔާރު ކުރާ ޑިޒައިންނާއި އަސްލު ކޭކު....

ލައްފަގެ އުންމީދަކީ އޭނާ ކިޔެވި ދާއިރާގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ކުރަމުން އަންނަ މަސައްކަތުގައި ދެވެން އޮތް އެންމެ ކުރިޔަކަށް ދިޔުމެވެ. ލަވަ ކިޔުމާ ދުރަށް ޖެހިލާ ލައްފަ މިކުރާ މަސައްކަތްތައް ކިހާ ސަޅި ހެއްޔެވެ؟ ލައްފަގެ ކޭކުތައް ބަލާލަން އޭނާގެ އިންސްޓާގްރާމް ޕޭޖް ސޯލަފްލީ ހުޅުވާލާށެވެ.

comment ކޮމެންޓް