ވިހާފައި ބާލިދީ ތެރެއަށް ލާފައި އޮތް ކުއްޖެއް ފެނިއްޖެ

ގދ.ވާދޫ: ސަން ފައިލް ފޮޓޯ

ގދ ވާދޫގައި މީހަކު އަމިއްލަަޔަށް ފާހާނާގައި ވިހެއުމަށް ފަހު ބާލިދީ ތެރެއަށް ކުއްޖާ ލާފައި އޮއްވައި ފެނިއްޖެ އެވެ.

ވާދޫއިން ވާހަކަ ދެއްކި މީހަކު 'ސަން' އަށް ބުނީ އެކަން ހިނގާފައިވަނީ މިރޭ 7:10 އެހާ ކަންހާއިރު ކަމަށެވެ. އެ އަންހެން މީހާ ވިހެއުމަށް ފަހު ފާހާނާގެ ލޭތައް ދޮވެ ސާފުކޮށްފައި ކައިރި ގެއެއްގެ އަންހެނަކަށް ގޮވި ކަމަށް އެމީހާ ބުންޏެވެ.

އަދި އެ ގޭގެ އަންހެން މީހާ ގޮސް ބަލާލި އިރު ކުއްޖާ އޮތީ ފާހާނާގައި ހުރި ބާލިދީ ތެރެއަށް ލާފައި ކަމަށް އޭނާ ބުންޏެވެ.

"ހަމަ ރީތި ކުއްޖެއް. އެކުއްޖާގެ ވިންދު ހުރި، މިހާރު ސިއްހީ މަރުކަޒަށް ގޮސް ފަރުވާ ދެމުން ދަނީ. ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ ހާލު ރަނގަޅު ކަަމަށް." ވާދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ އަންހެން މީހާ ބަނޑުބޮޑު ކަމަށް މީގެ ކުރިން އެތައް ފަހަރަކު ރަށު މީހުން އެހުމުންވެސް އިންކާރުކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.

އަންހެން މީހާއަކީ މިހާރު މީހަކާ އިނދެގެން އުޅޭ މީހެއް ނޫނެވެ. ނަމަވެސް ކުރިން މީހަކާ އިނދެގެން ތިން ކުދިން ތިބޭ ކަމަށް ވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށެވެ.

comment ކޮމެންޓް