އެފްއޭކަޕަށް ވިކްޓަރީ އޮތީ ފުރިހަމައަށް ތައްޔާރުވެފައި: ސުޒޭން

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ މިއަހަރުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތަށް ޓީމް އޮތީ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށް ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

މާދަމާ ރޭ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގެ މެޗުތައް ފަށާއިރު، ވިކްޓަރީ ކުޅެންޖެހޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ޖެހެނީ ދެވަނަ ޑިވިޝަންގެ ކްލަބު ރިވަ ސައިޑާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ.

އެފްއޭކަޕުގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މިލްކުކުރަން ވިކްޓަރީ މިފަހަރު މުބާރާތާ ކުރިމަތިލާއިރު، ކޯޗް އަލީ ސުޒޭން ބުނީ، މުބާރާތަށް ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި މިހާރުވެސް ޓީމުން މަސައްކަތް ކުރަމުން އަންނަނީ ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކެމަރޫން ފޯވާޑް ރޮސްޓަން ކާކޯއާއެކު އެއްބަސްވުމަކަށް އައިސް އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ޓީމާ ގުޅޭނެ ކަމަށް ސުޒޭން ބުންޏެވެ.

ވިކްޓަރީއަށް ގެންނަ ކެމަރޫންގެ އުމުރުން 21 އަހަރުގެ ކާކޯ އަކީ އެޤައުމުގެ ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ސުޒޭން ބުނީ، މިފަހަރުގެ މުބާރާތާ ޓީމު ކުރިމަތިލާއިރު ހުނަރުވެރި މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އަށް އަނިޔާވި ކަމުގައި ވިޔަސް، ޓީމްގެ އިތުރު އެއްވެސް ކުޅުން ތެރިއަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
"އެފްއޭކަޕަކީ ވިކްޓަރީއަށް ވަރަށް މުހިންމު މުބާރާތެއް. ޓީމަށް ގެންނަ ބިދޭސީ ކުޅުން ތެރިޔާވެސް އަންނަ މަހުގެ ފަހެއްގެ ކުރިން ގެނެވޭނެ." ތިން ވަނަ ފަހަރަށް އެފްއޭކަޕްގެ ތަށި މިލްކު ކުރަން ނުކުންނަ ވިކްޓަރީގެ ކޯޗް ބުންޏެވެ.

ސުޒޭން ބުނީ ވިކްޓަރީ މިހާރުން ފެށިގެން އަމާޒުކުރަނީ އަންނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރަން ކަމަށާއި އެފްއޭ ކަޕް މިލްކުކޮށްގެން އެ ކަމަށް ހިތްވަރު ހޯދަން ބޭނުން ކަމަށެވެ.

އެފްއޭކަޕް މާދަމާ ރޭ ފަށާދޭ ދެ ޓީމަކީ އީގަލްސް އާއި ނިއުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު