މަސްވެރިންނަށް މަންފާކުރާގޮތަށް ސިޔާސަތު ބައްޓަން ކުރަން ޑީއާރްޕީން ފިޝަރީޒް މިނިސްޓަރަށް ގޮވާލައިފި

މަސްވެރިންނަށް ލާބަޔާއި މަންފާ ހުރި ގޮތައް މަސްވެރިކަމުގެ ސިޔާސަތު ބައްޓަން ކުރުމަށް ޑީއާރްޕީން ފިޝަރީޒް މިނިސްޓަރު ޑރ. އިބުރާހިމް ދީދީއަށް ގޮވާލައި ސިޓީއެއ ފޮނުވައިފި އެވެ.

ޑީއާރްޕީގެ މަސްވެރިންގެ ގޮފީގެ ރައީސް އަލީ ސޯލިހު ސޮއި ކުރައްވާ ފިޝަރީސް މިނިސްޓަރަށް އިއްޔެ ފޮނުވި ސިޓީ އެއްގައި ބުނެފައިވަނީ މަސްވެރިންނަށް ކުރިމަތި ވެފައިވާ ދަތިތަކާމެދު އެ ޕާޓީން ކަންބޮޑުވާ ކަމަށާއި ފިޝަރީޒް މިނިސްޓަރު މަސްވެރިންނާ ދޭތެރޭ ގެންގުޅުއްވާ ސިޔާސަތުތައް މަސްވެރިންނަށް ލާބަ ހުރި ގޮތަކަށް ބަދަލު ކޮށްދެއްވުމަށް އެދި އިލްތިމާސް ކުރާ ކަމަށެވެ.

ސަރުކާރުން މަސްވެރިކަމަށް ދޭންޖެހޭ ވަރަށް ސަމާލުކަން ނުދޭ ކަމަށް އިޝާރާތްކޮށް ފޮނުވާފައިވާ ސިޓީގައި މަސްވެރިކަމުގެ ސިނާއަތާ ގުޅުންހުރި ރައްޔިތުންގެ މުދާ، ވެރިކަންކުރާ ޕާޓީ އެމްޑީޕީން ނަހަމަ ގޮތުގައި ބޭނުން ހިފަމުން ދާކަމަށާއި މަސްވެރިކަމުގެ ސިނާއަތް ވަޅުޖަހަމުން ދިއުމުގައި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވާކަމަށް ބުނެފައި ވެއެވެ.

"... މިހާރު ފެންނަމުން ދަނީ މަސްވެރިކަމުގެ ސިނާއަތަށް ދޭންޖެހޭ ސަމާލުކަން ދިނުމުގެ ބަދަލުގައި، މި ސިނާއަތާ ގުޅުން ހުރި ރައްޔިތުންގެ ހަރުމުދަލާއި ވަސީލަތްތައް ސިޔާސީ ބޭނުމުގައި ނަހަމަ ގޮތުގައި ބޭނުން ހިފާތަނާއި ޕާޓީ ކުރިއެރުވުމަށާއި ސަރުކާރު ދަމަހައްޓަން ބެނުންކުރާ ހަރު މުދަލަށް ހަދަމުންދާ ތަނެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާއަތަށް އެމްޑީޕީގެ ހުދުމުހުތާރު ސަރުކާރުން ވެފައިވާ އިހުމާލުގެ ބޮޑުކަމާހުރެ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް މިއަދު ވަޅުޖަހަމުންނެވެ، " ސިޓީގައި ވެއެވެ.

ޑީއާރްޕީ އާއި ގައުމީ ޕާޓީގެ ފަރާތުން މަސްވެރިންނާ ބައްދަލު ކޮށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާބެހޭ ގޮތުން މަޝްވަރާ ކުރުމުން ފިޝަރީޒް މިނިސްޓްރީން މިހާރުން މިހާރަށްވެސް ތިން ކަމެއް ހަމަޖައްސަދޭން ޖެހޭ ކަމަށް އެ ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

ޑީއާރްޕީން ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން 2011 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓް ގައި ހިމަނައި މަސްވެރިންނަށް ދޭން ކަނޑައަޅއިފައިވާ ސަބްސިޑީ ވީހާވެސް އަވަހަކަށް ދޫކޮށް ދިނުމަށާއި ހުޅުމާލެ އާއި ރާއްޖޭގެ އެހެންތަންތާގައި ގާއިމު ކޮށްފައިވާ އައިސް ޕްލާންޓް ތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް އުފެއްދޭނެ ގޮތެއް ހަމަޖައްސައި ދިނުމަށާއި، ހުޅުމާލޭގައި މަސްވެރިން ބެނުންކުރާ ބަނދަރުގައި ކާބޯ ތަކެތި ލިބޭނެ މަގެއް ހަމަޖައްސައި ދިނުން ހިމެނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު