ގުރުއާނުގައި އީސާގެފާނުގެ ވާހަކަ ނޯންނަ ކަމަށް ބުނުމުން އިމްރާން ހޫނުފެނަށް

އިމްރާން ޚާން -- ފޮޓޯ: ބްލޫމްބާގް

އިސްލާމްއާބާދު (24 ނޮވެމްބަރު) -- އިސްލާމްދީނުގައި ރަސޫލެއްގެ ގޮތުގައި ކަނޑައަޅާފައިވާ އީސާ އަލައިހިއް ސަލާމް އަކީ ފުލޯކެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންހާން ވިދާޅުވުމުން ހޫނުފެނަށް ވެއްޓިއްޖެ އެވެ.

ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި އިމްރާން ހާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އީސާގެފާނުގެ ވާހަކަ ތާރީހުން އެނގެން ނެތް ކަމަށެވެ.

"މޫސާގެފާނުގެ ވާހަކަ އެބަ އޮވޭ ލިޔެވިފައި. އެކަމަކު ނެތް ތާރީހުގެ އެއްވެސް ފޮތަކުން ފެންނާކަށް އީސާގެފާނުގެ ވާހަކައެއް." އިމްރާން ވިދާޅުވި އެވެ.

އިމްރާންހާންގެ ވާހަކަތަކާ ގުޅިގެން އަމަނިކުފާނަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އީސާގެފަނަކީ ކީރިތި ގުރުއާންގައި ވެސް އެތައް ފަހަރަކު ނަންގަނެވިފައިވާ ރަސޫލުބޭކަލެކެވެ. އޭގެ އިތުރުން އީސާއީ ދީނުގެ އެންމެ މުގައްދަސް ފޮތުގަ އާއި އަދި ޔަހޫދީންގެ ތަލްމޫދުގައި އީސާގެފާނުގެ ވާހަކަ އެކި ގޮތްގޮތަށް ވަނީ ބަޔާންކޮށްފަ އެވެ.

އަދި އީސާގެފާނާ ބެހޭ ގޮތުން ތާރީހު ދިރާސާކުރައްވާ އެތަކެއް ފަރާތްތަކުން ވެސް ވަނީ ފޮތްތައް ލިޔުއްވައިފަ އެވެ.

އިސްލާމްދީން އަދި ނަސާރާދީނުގައި ވެސް އީސާގެފާނުގެ ވާހަކަ ބަޔާންކޮށްފައި ވަނީ ވަރަށް އެއްގޮތްކަންތައްތަކެއް އެކުލެވޭ ގޮތަށެވެ. އެގޮތުން ބިކުރުވެރި މަޔަކަށް ރައްކާވެވަޑައިގަތުމާއި، އެންމެ ތުއްޕުޅުއިރުގައި ވާހަކަ ދެއްކެވުން ހިމެނެ އެވެ.

ނަމަވެސް އިސްލާމްދީނާ ހިލާފަށް ނަސާރާ ދީނުގައި އީސާގެފާނަކީ ކަލެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. މުސްލިމުންނާ ކްރިސްޓިއަންސދީންގެ މީހުންގެ ތަފާތަކީ އެއީ އެވެ.

comment ކޮމެންޓް