ސުމިތު ދޫކޮށްލުމަކީ އެންމެ ރަނގަޅަށް ހިނގައިދިޔަ ކަމެއް ނޫން: އިމްރާން

ނޮވެމްބަރ 19، 2018: ދުޅަހެޔޮ ހަށިހެޔޮ އީދު ނިންމާލުމުގެ ގޮތުން ބޭއްވި ފުޓްބޯޅަ އިވެންޓްގެ ތެރެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސުމިތު) ފުލުހުންގެ ބަންދުން ދޫކޮށްލުމަކީ އެންމެ ރަނގަޅަށް ހިނގައިދިޔަކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން މިރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ސްމިތު ދުކޮށްލީ އެ މައްސަލައިގެ ތަހުގީގް ނިންމުމަށްފަހު އެ މައްސަލަ ޕްރޮސިކިއުޓް ކުރުމަށް ތައްޔާރުކުރުމަށް ނިންމުމަށްފަހު ކަމަށްވިޔަސް އަދި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް ގަބޫލުކުރެވޭ ކަަމަށް އިމްރާން ވިދާޅުވިއެވެ.

ސްމިތު ދޫކޮށްލި މައްސަލައިގައި ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މިއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިފައިވާ މިންވަރު ހާމަވެގެންދާކަމެއް ކަމަށްވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެެ.

" ފަހަރުގައި އެކަން ހިނގައިދިއަގޮތް އެއީ އެންމެ ރަނގަޅު ނޫންގޮތެއް ކަމަށް އަޅުގަނޑަށް ބުނެވިދާނެ،" އިމްރާން ވިދާޅުވިއެވެ.

އެއްވެސް ކަމެއްގައި ގޯހެއް ހެދިއްޖެކަމަށްވާނަމަ އެކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ލިބިގަންނަން ޖެހޭނެ ކަމަށާއި އަދި އެއްކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އޭގެ މާނައަކީ ދެން ހުރި ކަންތައްތައް ރަނގަޅަށް ނުކުރުން ނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އެކަން ރަނގަޅުކުރުމަށް މަސައްކަތްކޮށް އޭގެން ރަނގަޅު ފިލާވަޅެއް ލިބެން ޖެހޭނެ ކަަމަށްވެސް އިމްރާން ވިދާޅުވިއެވެ.

" އޭގައި އަމަލުކުރެއްވި ބޭފުޅުން އެ މައްސަލައިގައި މިދެންނެވި ކަންކަން ފުރިހަމަ ކުރެވުނުކަމަށް ބައްލަވާފައި އެ މައްސަލަ ނިންމަވާފައޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ. އެހެންނަަމަވެސް އޭގައި ސުވާލުކުރެވެންޖެހޭ ނުވަތަ އެންމެ ރަނގަޅު ނޫންގޮތަށް ހުރި ބައެއް ކަންކަން ހުރިކަމަށް ބުނެވިދާނެ. އެކަމަކު އެއީ މައްސަލައިގެ އަސްލު ޒާތަށް ބަލާއިރު ޕޮލިހުގެ ބައެއް އުސޫލުތައް އެގޮތަށް ގެންދެވިފައި އެބަހުރިި،" އިމްރާން ވިދާޅުވިއެވެ.

ސްމިތު ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއިރު އޭނާގެ ބަންދަށް މިދޔަ ބުދަ ދުވަހު އޮތީ ހަތް ދުވަސް އިތުރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ބުދަ ދުވަހުއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާ ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީން ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ވެސް ކޮށްފައެވެ.

comment ކޮމެންޓް