ދައުލަތުގެ ބޭނުމަށް ނަގާފައިހުރި ފަޅުތައް ރައްޔިތުނަށް ހުޅުވާލަނީ

މާލެ އުތުރު ފަރާތު ބަނދަރު ސަރަހައްދު: ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ މީގެ ކުރިން ސަރުކާރު ބޭނުމަށް ބަންދުކޮށްފައިވާ ފަޅުތައް އަންމުންނަށް ހުޅުވާލާނެ ކަމަށް ނިންމަވާފައި-- ސަން ފައިލް ފޮޓޯ

ދައުލަތުގެ ބޭނުމަށް ނަގާފައިހުރި ފަޅުތައް ރައްޔިތުންގެ ބޭނުމަށް ހުޅުވާލުމަށް ޓްރާސްޕޯޓް މިނިސްޓްރީ އިން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީ އިން ނިންމި މުހިންމު ތިން ކަމެއް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމާކޮށްފައެވެ.

އެ މިނިސްޓްރީގައި މިއަދު އޮތް ނުސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އެ މިނިސްޓްރީ އިން ނިންމާފައިވާ ތިން ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ 100 ދުވަހު ގެ ތެރެއިން ފުރަތަމަ ހަތް ދުވަހު ކުރަން ނިންމަވާފައިވާ ތިން ކަމެއް ކަމަށެވެ.

އެގޮތުން، ދައުލަތުގެ ބޭނުމަށް ނަގާފައިހުރި ފަޅުތަކުގެ ތެރެއިން މިހާރު ރައްޔިތުންގެ ބޭނުމަށް ހުޅުވާލެވެން ހުރި ފަޅުތައް ހުޅުވާލުމާއި އާދީއްތަ ދުވަހުން ފެށިގެން ޓެކްސީ ބޯޑުގެ ފީ ކަނޑާލުން އަދި މަގު މަތީގައި ގިނަ ދުވަސް ވަންދެން ޕާކްކޮށްފައި ހުރި އުނޅަދުތައް ނެގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްަޕޯޓް މިނިސްޓަރު ނަހުލާ ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ މުޒައްޔިން

ހުޅުވާލެވެން ހުރި ފަޅުތައް އާންމުނަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިޔަސް ހުޅުވާލަނީ ކޮން ފަޅުތަކެެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ، ދެދުވަސް ކުރިން މަގުތީގައި ގިނަ ދުވަސް ވަންދެން ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ނިންމައި ޓްރެފިކް ޕޮލިހުން ދަނީ ނަގަމުން ކަމަށެވެ.

"ޓެކްސީ ބޯޑުގެ ފީ ނެގުން ނިމުމަކަށް ގެނެސްފައި ވާނެ. ޓްރެފިކް ފުލުހުންގެ މަގުމަތީގައި ހުރި ވެހިކަލްތައް ބޭނުން ނުކުރާ އެއްޗެހި ނެގުމުގެ މަސައްކަތް ދެ ދުވަހެއް ކުރިން ފައްޓަވައިފި،" ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެ ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.

ޓެކްސީ ބޯޑުގެ ފީ ކަނޑާލުމަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް