މަންތާ އެއާ ރަސްމީކޮށް ލޯންޗުކޮށް ބްރޭންޑް އެމްބެސެޑަރުން ކަނޑައަޅައިފި

މަންތާ އެއާ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާ މަންތާ އެއާ ގެ ބްރޭންޑް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މަންތާ އެއާގެ ބްރޭންޑް ލޯންޗުކޮށްދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. މަންތާ އެއާގެ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރުވެފައިވާއިރު އެ އެއާލައިނުގެ ފްލީޓަށް ވަނީ އޭޓީއާރު 600-72 މަރުކާގެ އެއާކްރާފްޓެއް ގެނެސްފައެވެ. އަންނަ މަހުގެ ތެރޭ އަދި އިތުރު ފްލައިޓެއް މަންތާގެ ފްލީޓަށް ގެންނާނެއެވެ.

މަންތާގެ ބްރޭންޑް އެމްބެސެޑަރުންވެސް މިރޭ ވަނީ އިއުލާނުކޮށްފައެވެ. ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ލަވަކިޔުންތެރިޔާ މަރިޔަމް މައިޝާ (ރާޅު މަރިޔަނބު) އަދި އަލީ އަރުޝަދު (ކޮއްކޮ) އެވެ.

މަންތާ އެއާ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މަންތާ އެއާ ޕްރޮމޯޓުކޮށް އެ އެއާލައިނުގެ ބްރޭންޑް ތަމްސީލު ކުރުމަށް އެމްބެސެޑަރުން މަސައްކަތް ކުރާނެ ކަމަށެވެ.

މަންތާ އިން ވަނީ އަންނަ އަހަރުގެ ކުރީކޮޅު ސީޕްލޭންގެ ހިދުމަތް ފަށާނެކަންވެސް އިއުލާނުކޮށްފައެވެ.

މަންތާ އެއާގެ ފްލިޓަށް ގެނައި ފުރަތަމަ ބޯޓު ރާއްޖެ އައުން-- ސަން ފޮޓޯ / އަޙުމަދު އަވްޝަން އިލްޔާސް

އެ އެއާލައިނުގެ ބޭސް އަކީ ދ ކުޑަހުވަދޫއެވެ. މަންތާގެ ދަތުރުތައް ފުރަތަމަ ފަށާނީ ދ. ކުޑަހުވަދޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އޭއަށްފަހު ބ. ދަރަވަންދޫ އަށް ދަތުުރު ފަށާނެ ކަމަށާއި ތިމަރަފުށީ އެއާޕޯޓަށްވެސް ދަތުރު ފަށާނެ ކަމަށް މަންތާ އިން ބުންޏެވެ.

އެ އެއާލައިނުގެ ސީއީއޯ ހަލީލް ވިދާޅުވީ މަންތާ އިން ދަތުރުކުރާ މަންިލްތައް އިތުރުކުރާނީ އިތުރު ބޯޓުތައް ގެނައުމަށް ފަހު ކަމަށެވެ. މިހާރު ރާއްޖޭގެ ޑޮމެސްޓިކް އުދުހުންތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކެޕޭސިޓީނެތި ހިދުމަތް ދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް