މަގޫދޫއިން ރުއް ނަގަން އުޅެނިކޮށް ހުއްޓުވައިފި

ނ.މަގޫދޫ

ނ. މަގޫދޫ އިން ގަވައިދާ ހިލާފަށް އޮޅުވާލައިގެން ރުއް ނަގަން އުޅެނިކޮށް އެކަން ހުއްޓުވައިފި އެވެ.

މި ރުއްތައް ގެންދަން ނިންމާފައި ވަނީ ނ. މެދުފަރުގައި ހަދާފައިވާ ސޮނެވާ ޖާނީ ރިސޯޓަށެވެ. ގާތްގަނޑަކަށް 500 ރުއް މަގޫދޫ އިން މެދުފަރަށް ގެންދަން ވަނީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އެއް ހަދައިފަ އެވެ.

އެ އީއޭއައި ހަދާފައި ވަނީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެންކަމުން މަގޫދޫ އިން ރުއްކެނޑުން ހުއްޓުވާފައިވާ ކަމަށް އެ ރަށު ކައުންސިލުގެ މެންބަރަކު "ސަން" އަށް ވިދާޅުވި އެވެ.

ކައުންސިލުގެ މެންބަރު ވިދާޅުވީ އެ ރަށުން ނަގައިގެން ގެންދަން ނިންމާފައިވަނީ ރަށުގެ ބައެއް ރައްޔިތުން އިންދައިގެން އުޅޭ ރުއްތަކެއް ކަމަށެވެ.

"މަސައްކަތަކީ ކައުންސިލު މެދުވެރިވެގެން ހިނގާ ކަމެއްނޫން. ރިސޯޓާ ރުއްތައް އިންދައިގެން އުޅޭ ރައްޔިތުންނާ ދޭތެރޭ ހިނގާ މުއާމަލާތެއް އެއީ،" ކައުންސިލަރު ވިދާޅުވީ ރަށުން ރުއް ކަނޑާއިރު އެކަން ހިނގާނީ ކައުންސިލް މެދުވެރިވެގެން ކަމަށާއި، އެ މަސައްކަތް ކުރުމަށް އީއައިއޭ ރިޕޯޓެއް ހުށަހަޅަން އަންގާފައިވާނެ ކަމަށެވެ.

"ހުށަހެޅި އީއައިއޭގައި ފުށުއަރާ މައުލޫމާތުތަކެއް ހުރީމާ އެކަން އީޕީއޭ އަށް އަންގާފަވީ. ރުއް ނެގުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާ،"

ސޮނޭވާ ޖާނީ އިން ހުށަހަޅާފައިވަނީ މަގޫދޫ އިން 500 އަށް ވުރެ ގިނަ ރުއް ގަނެގެން އެ ރިސޯޓަށް ގެންގޮސް ރިސޯޓުގައި އިންދުމަށެވެ. ރަށަކުން 200 އަށް ވުރެ ގިނަ ރުއް ނަގާ ނަމަ އީއައިއޭ ރިޕޯޓު ހުށަހަޅަންޖެހެ އެވެ. އެގޮތަށް ގިނަ ރުއް ނަގަން ހުއްދަދެނީ ރައްޔިތުންނަށް ފައިދާވާ ކަހަލަ ކޮންމެވެސް މަސައްކަތެއް ކުރާނަމަ އެވެ.

ކުނިކޮށި އެޅުން ނުވަތަ މަގުހެދުން ނޫނީ ޕާކު އެޅުންފަދަ މަސައްކަތް ކުރަން ކަމަށް ބުނެ ރުއްކަނޑައިގެން ރިސޯޓުތަކަށް ގެންދިއުން މިހާރުވަނީ އާންމުވެފަ އެވެ.

comment ކޮމެންޓް