ގޫގުލްއިން އިންޑިއާއަށް ހާއްސަ އެޕެއް

އިންޑިއާއަށް ހާއްސަ އެޕްލިކޭޝަނެއް ގޫގުލްއިން ތައާރަފުކޮށްފިއެވެ.

"ނެއިބާލީ"ގެ ނަމުގައި ތައާރަފުކުރި މި އެޕްލިކޭޝަން އަކީ ލޯކަލް ސޯޝަލް މީޑިއާ އެޕްލިކޭޝަނެކެވެ. ސަރަހައްދުގައި ހުރި މުހިއްމު ތަންތަނާ ގުޅޭ މައުލޫމާތާއި، ބޭނުންކުރާ މީހުން ކުރާ ސުވާލުތަކުގެ ޖަވާބު މި އެޕް މެދުވެރިކޮށް ލިބޭނެއެވެ. މިސާލަކަށް ދިއްލީގައި ހުންނަ ރެސްޓޯރެންޓު ތަކާއި، އެންމެ ކައިރި ފިހާރަތައް، ކާރު ގަރާޖު ފަދަ ތަންތަން ހޯދާލެވޭނެއެވެ.

މި އެޕްލިކޭޝަން އަދި ރިލީޒްކޮށްފައިވަނީ ދިއްލީއާއި ބެންގަލޫރަށެވެ. ކުރިއަށް އޮތްތަނުގައި ކަލްކަތާ، ހައިދަރުއާބާދު، މުމްބާއީ، ޗެންނާއީ ފަދަ ބޮޑެތި ސިޓީތަކަށް މި އެޕްލިކޭޝަން ތައާރަފުކުރާނެއެވެ.

މިއެޕްލިކޭޝަން ޓެސްޓު ކުރަން ފަށާފައިވަނީ މެއިމަހުއެވެ. ވަށައިގެންވާ އެއްކިލޯމީޓަރުގެ ސަރަހައްދަކީ "ނެއިބާހޫޑް" ކަމަށް ބަލައި އެ ސަރަހައްދުގައި ހުންނަ ތަންތަނާއި، އެ ސަރަހައްދުގައި މުނިފޫހިފިލުވަން ކުރެވިދާނެ ކަންތައްވެސް މި އެޕުން ބުނެދޭނެއެވެ.

އިނގިރޭސިބަހާއި އިންޑިއާގައި ބޭނުންކުރާ އިތުރު އަށް ބަހަކުން މި އެޕްލިކޭޝަން ބޭނުން ކުރެވޭނެއެވެ.

އިންޑިއާ އަކީ ނިސްބަތުން އިންޓަނެޓު ބޭނުންކުރާ މީހުން ގިނަ ގައުމަކަށް ވާއިރު ގޫގުލް އިން ދަނީ އިންޑިއާއަށް ހާއްސަ ގިނަ ޕްރޮޑަކްޓުތަކެއް ތައާރަފު ކުރަމުންނެވެ. އެގޮތުން ގޫގުލް އިން ވަނީ ޔޫޓިއުބްގެ އޮފްލައިން ވާޝަންއެއްވެސް އިންޑިއާއަށް ހާއްސަކޮށް ތައާރަފު ކޮށްފައެވެ.

comment ކޮމެންޓް