ޔަމަންގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި ކެމްޕޭންއެއް ފަށައިފި

" ހެލްޕް މޯލްޑިވްސް ޔަމަން" އާ ބެހޭގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ؛ އަހުމަދު އަވްޝަން އިލްޔާސް

ޔަމަނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް "ހެލްޕް މޯލްޑިވްސް ޔަމަން" ގެ ނަމުގައި އެހީގެ ކެމްޕޭންއެއް، އެހީ ޖަމިއްޔާއިން ހިންގާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ފަށައިފިއެވެ.

އެ ކެމްޕޭން ކުރިއަށް ގެންދަނީ ތުރުކީގެ އެހީ ދޭ ޖަމާއަތެއް ކަމަށްވާ އިހާހާއާ ގުޅިގެންނެެވެ. އެ ޖަމާއަތާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން ގުޅިގެން ގައްޒާ، ރޮހިންގާ އަދި ސީރިއާގެ މުސްލިމުންނަށް މީގެ ކުރިންވެސް ވަނީ އެހީ ފޯރުކޮށްދީފައެވެ.

އެ ކެމްޕޭން އިފްތިތާހް ކުރުމަށް މިއަދު އުނިމާ ގްރޭންޑް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިއޭސީގެ މީޑިއާ އެންޑް ޕްރޮޑަކްޝަންސް މެނޭޖަރު އަޒްހަދު އަހުމަދު ވިދާޅުވީ އެ ކެމްޕޭން ކުރިއަށް ގެންދާނީ ޑިސެމްބަރު 25 އާ ހަމައަށެވެ.

"އެ ކެމްޕޭން ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި ޖަމިއްޔާ ތަކާ އެކި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން. އެ ތަންތަނުން ފައިސާ ހޯދުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ. ދެން އެ އެތަންތަނުން ފައިސާ އަޅުގަނޑުމެންނާ ހަވާލުކުރީމާ ތުރުކީގެ ޖަމިއްޔާއާ ގުޅިގެން ޔަމަނަށް އެހީ ދޭނީ،" އަޒްހަދު ވިދާޅުވިއެވެ.

" ހެލްޕް މޯލްޑިވްސް ޔަމަން" އާ ބެހޭގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ؛ އަހުމަދު އަވްޝަން އިލްޔާސް

ސައުދީން ޔަމަނާ ދެކޮޅަށް ހަނގުރާމަ ފެށީ 2015 އަހަރުއެވެ. އެ ހަނގުރާމައިގައި މިހާތަނަށް ބަނޑުހައިހޫނު ކަމުގައި 85،000 ކުދިން ވަނީ މަރުވެފައެވެ. އަދި އެގައުމަށް ވަނީ އިންސާނީ މުސީބާތެއް ޖެހިފައެވެ.

ޔަމަނުގައި އިންސާނީ މުސީބާތެެއް ކުރިމަތިވެފައިވާއިރު މިހާތަނަށް ރާއްޖޭގެ އެއްވެސް ޖަމިއްޔާއަކުން އެހީވެފައިނުވެ، ސައުދީގެ ލާ އިންސާނީ ޖަރީމާތައް ކުއްވެރިކޮށްފައިނުވާތީ ވަރަށް ގިނަ ދިވެހިން ވަނީ މީސްމީޑިއާގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ޔަމަނުގެ ރައްޔިތުންނަށް އެހީވުމަށް

ބީއެމްއެލް އެކައުންޓް

7770000014818 ( ރުފިޔާ އެކައުންޓް)

7770000014817 (ޑޮލަރު)

comment ކޮމެންޓް