އަދާލަތު ވަކިވުމުން އެމްޑީޕީ އަށް ގެއްލެނީ ކޯއްޗެއް؟

އަދާލަތުން އެމްޑީޕީއާއެކު ކޯލިޝަނެއް ހެދީ 30 ޖޫން 2009ގަ އެވެ. އެއީ މިހިނގާ ރިޔާސީ ދައުރުގައި ހިނގަމުންދާ ސަރުކާރު، ގުޅިގެން ހިންގުމަށާއި ކުރިޔަށް އޮތް އިންތިހާބުތަކުގައި ދެ ޕާޓީ ބައިވެރިވެގެން އެއްޕާޓީ އަނެއ ްޕާޓީއަށް އެހީތެރިވެދީ އިންތިހާބުގެތަކުގެ ކަންކަން ކުރިޔަށް ގެންދަން އެއްބަސްވާ ގޮތަށެވެ. ނަމަވެސް އެމްޑީޕީ އާއި އަދާލަތުގެ ގުޅުން، ކުރިންސުރެ ހީކުރެވުމުން އައި ގޮތަށް ރޫޅިގެން ދިޔައީ އެވެ. އެމްޑީޕީއާއެކު އިއްތިހާދުވީ ޕާޓީތަކުގެ ތެރެއިން އެއް ޕާޓީ ފިޔަވައި ހުރިހާ ފަރާތެއް ވަކިވީ އެވެ.

އަދާލަތާއި އެމްޑީޕީގެ ކޯލިޝަން ރޫޅައިލުމަކީ ވެރިކަމުގައި އޮތް އެމްޑީޕީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީގެ ސަރުކާރުން މިހާރު ވެސް ވަނީ ބުނެފައެވެ. ހަމައެއާއެކު ސިޔާސީ ބައެއް ފަރާތްތަކުން ބުނަނީ އަދާލާތުގެ "ލޯބި" އެމްޑީޕީއަށް ނުލިބުން ވެގެންދާނީ ބާރުގަދަ އަދި ބައިބޯ ވެފައިވާ އެމްޑީޕީއަށް ގެއްލުންތައް ލިބިގެންދާނެ ކަމެއްގެ ގޮތުގައެވެ.
"ބައެއް މީހުން ބުނެފާނެ އެމްޑީޕީއަށް ބޮޑު ގެއްލުންތަކެއް، އަދާލަތު ވަކިވުމުން ވާނޭ އެކަމަކު އެހެނެއް ނުވާނެ، އެމްޑީޕީއަށް ވާނީ ރަނގަޅު، ރިޔާސީ އިންތިހާބުގެ ފަހުން އަދާލަތު އޮވެގެން ވީފައިދާއެއް ވެސް އެމްޑީޕީއަކަށް ނެތް. އަދާލަތުން ކުރީ އެމްޑީޕީއަށް އަނިޔާ. އިނދެގެން އޮވެ އަނިޔާ ކުރުމަށް ވުރެ ވަރިކޮށްފައި ދިއުން މާ ރަނގަޅުވާނެ. އެހެންމީ އާދާލަތު ދިއުމަކީ އެމްޑީޕީ ހާސްވާނެ ކަމެއް ނޫން،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރަކު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ވަނީ އަދާލަތު އެމްޑީޕީއާ ވަކިވުމަކީ ކަން ބޮޑުވާ ކަމެއް ކަމެއް ކަމަށެވެ.
"އެބޭފުޅުން ވަކިވުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަމަކު ވާކިވާން އެ ފަހާގަ ކުރައްވާފައިވާ ކަންކަމަކީ ސިޔާސީ ވާހަކަތަކެއް، އެކަމަކާ އަޅުގަނޑުމެންގެ ހާސް ކަމެއް ނެތް،" ޒުހައިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އަދާލަތު ޕާޓީން ކޯލިޝަން އުވާލުމުން އެކަމާ ހައިރާން ނުވާކަމަށެވެ. އެ ކޯލިޝަން މާކުރިން ވެސް ރޫޅިފައިވާ ކަމަށެވެ. މުސްތަފާ ވިދާޅުވީ 2013 ވަނައަހަރު ރިޔާސީ އިންތިހާބާ ހަމައަށްދާއިރު އާދަލަތުން އެމްޑީޕީއާއި ދެކޮޅަށް ވާހަކަތަކެއް ދެއްކިނަމަވެސް އެކަމުން އެމްޑީޕީއަށް ގެއްލުންތަކެއް ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަދާލަތު ޕާޓީ ކޯލިޝަނުން ވަކިވުމަކީ އަޅުގަނޑު ހައިރާންވާ ކަމެއްނޫން މާކުރިންވެސް އަދާލަތު ޕާޓީވަނީ މި ކޯލިޝަނުން ވަކިވެފައި. އަދި އަދާލަތަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ތަމްސީލްކުރާ ޕާރޓިއަކަށްނުވުމުން ސަރުކާރުން ބޭނުންވާ އެންމެ މުހިން މަސައްކަތުގައި އެޕާޓީއަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ގެއްލިފައި އެހެންކަމުން އަދާލަތު ޕާޓީ ކޯލިޝަނުން ވަކިވިކަމުގައިވީ ނަމަވެސް މާބޮޑު ގެއްލުމެއް ނުވާނެ." މުސްތަފާ ވިދާޅުވިއެވެ.

އަދާލަތުން ބުނާ ގޮތުގައި ކޯލިޝަން އުވައިލަން ނިންމީ ސަރުކާރުން އިސްލާމް ދީނަށް އިޚުލާސް ތެރިކަން ކުޑަވުމާއި ގައުމުގެ އިސްތިޤްލާލާއި ސިޔާދަތަށް އިޙުތިރާމް ނުކޮށް ރައްޔިތުންގެ ދިރި އުޅުމުގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށްގޮސް ގައުމުގެ އެންމެހައި ކަންތައްތައް ބޮއްސުންލައި އިސްލާޙަށް ވޯޓު ދެއްވި ދިވެހި ރައްޔިތުން މާޔޫސް ވާންޖެހުމުން ކަމަށް ބުނެފައިވާއިރު އެމްޑީޕީގެ އިސް ފަރާތްތަކުން ބުނެފައި ވަނީ އަދާލާތުގެ 28 ނުކުތާއަކީ ހުސް ސިޔާސީ ވާހާކަ ކަމަށާއި އެއީ ސަރުކާރާއި އެމްޑީޕީއާއެކު ބަހުސް ކުރެވިފައިވާ ކަންކަން ނޫން ކަމަށެވެ.
"އެއީ ރާވާފައިވާ ހުސް ސިޔާސީ ވާހަކަ، އަސްލު އާދަލާތުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ދެކެނީ ވެރިކަމުގެ ހުވަފަން. އެހެންވީމަ އެމީހުން އެބަޖެހޭ ސިޔާސީ ފެބްރިކޭޝަންތަކެއް ގެންނަން އާ ގޮތަކަށް އެކަން އެ ކުރައް ވަނީ. އޭގެ ސަބަބުން އެމްޑީޕީއަށް ވެސް އަސަރުތަކެއް ކުރާނެ. އެކަމަކު އެއީ އެމްޑީޕީ އިނދަޖެހި، 2013 އިގެ އިންތިހާބު ކާމިޔާބު ނުކުރެވޭ ވަރުގެ ކަމަކަށް ނުވާނެ،" އެމްޑީޕީގެ މެންބަރަކު ބުންޏެވެ.

އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު( ކާނަލް) ވިދާޅުވި ގޮތުގައި އަދާލަތު، އެމްޑީޕީ ކޯލިޝަނުން ވަކިވުމަށް ދައްކާފައިވާ 28 ނުކުތާއަކީ އެމްޑީޕީން ގަބޫލްކުރާ ކަންތައްތަކެއް ނޫނެވެ.
"އެ 28 ނުގުތާގެ މައްޗަށް އަދާލަތ ުޕާޓީން ސަރުކާރާއި އެކު ދުވަހަކުވެސް މަޝްވަރާކޮށްފައެއް ނުވޭ،" ކާނަލް ވިދާޅުވި އެވެ. "އެކަމަކު ކޮންމެ ވޯޓަކީވެސް އެމްޑީޕީއަށް މުހިންމު ވޯޓެއް. އަދި އަދާލަތު ޕާޓީގެ އިލްމުވެރި ބޭފުޅުންތަކެއް ވަކިވެގެން ދިއުމުން އެކަމުގެ އަސަރު އެމް.ޑީޕީއަށް ނުކޮށް ނުދާނެ. އަދާލަތަށް ވިސްނުނީ އެމްޑީޕީއަށް 2013 ގެ އިންތިހާބް ކާމިޔާބު ނުކުރެވޭނެ ކަމަށް، އެހެންވީމަ އަދާލަތުން އެމްޑީޕިއާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލީ"

މިހާރު މަޝްރަހުން ފެންނަނީ 2008 ވަނައަހަރު "ވަތަން އެދޭގޮތަށް" އިއްތިހާދުވެފައިވާ ހުރިހާ ޕާޓީތަކަކުން ވެސް އެމްޑީޕީގެ "އަނެއް ދިވެހިރާއްޖެ" ދޫކޮށްލާފައިވާ މަންޒަރެވެ. އެހެންކަމުން މިހާރު ފެންނަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމުގައި ދައްޗާ ކުރިމަތި ވެދާނެ ކަމަށް ބައެއް ފަރާތްތައް ބުނާ ތަނެވެ. ހަމަ އެހެންމެ އިދިކޮޅު ހުރިހާ ފަރާތްތައް އެކުވެއްޖެ ނަމަ ވެރިކަމުގައި އޮތް އެމްޑީޕީއަށް ނުތަނަވަސްކަމެއް ލިބުނަސް ބައިބޯވެފައިވާ އެމްޑީޕީ ދެން "ސައިޒް" ނުކުރެވޭނެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް