މަރުގެ މައްސަަލަތައް ބަލާ ކޮމެޓީއާ ރައީސް ބައްދަލުކުރައްވައިފި

މަރުގެ މައްސަލަތައް ބަލާ ކޮމެޓީއާ ރައީސް ބައްދަލު ކުރައްވަނީ --

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި ކޮމިޝަނުން ހަވާލުވެފައިމި ވަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ކޮމިޝަނަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.

އަދި ބޭރުގެ ފަންނީ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ އެހީތެރިކަމެއް ވެސް "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަނަށް" ފޯރުކޮށް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްޖޫރިއްޔާ ދެއްވި އެވެ. މި މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވުމަށާއި ވަކި މީހަކަށް ބެލުމެއްނެތި ނަޒާހާތްތެރިކަމާ އެކު ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބައްލަވައިދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގެ މެންބަރުންގެ ފަރާތްޕުޅުން އެދިވަޑައިގެންފަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް އާންމުންނަށް ބަލައިގަނެވޭ ވަރުގެ ތަޙުޤީރީ ރިޕޯޓްތަކެއް ތައްޔާރުކުރެއްވުމަށްކަމުގައި ފާހަގަކުރެއްވި އެވެ. އަދި، މި ކޮމިޝަނުގެ މެންބަރުން ވަނީ މި މަސައްކަތް ނަޒާހާތްތެރިކަމާ އެކު ވީ އެންމެ އަވަހަކަށް ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފަ އެވެ.

comment ކޮމެންޓް