އެމެރިކާގެ ޗާޖް ޑި ފެއަރސް، ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފި

އިމްރާން ޚާން

އިސްލާމް އާބާދު (ނޮވެމްބަރު 21): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕާކިސްތާނާ ދެކޮޅަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން އިސްލާމް އާބާދުގައި ހުންނަވާ އެމެރިކާގެ ޝާޒްޑި އެފެއާރ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށްފިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރަމްޕް ޕާކިސްތާނާ ދެކޮޅަށް ކުރެއްވި އަސާސެއްނެތް ތުހުމަތުތަކާ ގުޅިގެން އިސްލާމް އާބާދުގައި ހުންނަވާ އެމެރިކާގެ ޝާޒްޑި އެފެއާރ ޕޯލް ޖޯންސް މިދިޔަ އަންގާރަދުވަހު އެވުޒާރާއަށް ޙާޒިރުކޮށް އިޙްތިޖާޖުގެ ހަރުކަށި ބަޔާނެއް އޭނާއާ ހަވާލުކުރި ކަމުގައެވެ.

ޕާކިސްތާނާ ދެކޮޅަށް ޓްރަމްޕް ދެއްވި ބަޔާނުގައި، އަލްގައިދާގެ ކުރީގެ ޒައީމް އުސާމާ ބިން ލާދިންއަކީ މާކުރިން ހައްޔަރު ކުރެވޭނެ މީހެއް ކަމަށާ އޭނާ އަތުނުލެވި ލަސްވެގެން ދިޔައީ ޕާކިސްތާނުގެ އެއްބާރުލުން ނުލިބިގެން ކަމަށް ވިދާޅުވެ ޕާކިސްތާނަށްވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައިގާ ޕާކިސްތާނަށް އަހަރަކު 1.3 ބިލިޔަން ޑޮލަރުގެ ނިސްބަތުން ޖުމްލަ 23 ބިލިޔަން ޑޮލަރު ދިންއިރުވެސް ބިން ލާދިން ފިލައިގެން ޕާކިސްތާނުގައި އުޅޭކަމުގެ މައުލޫމާތުވެސް ޕާކިސްތާނުން އެމެރިކާއަށް ނުދިންކަމަށް ފޮކްސް ނިއުޒްއަށް ދެއްވި ބަޔާނުގައި ޓްރަމްޕް ވިދާޅުވިއެވެ.

މިމައްސަލާގައި އިސްލާމް އާބާދުގައި ހުންނަވާ އެމެރިކާގެ ޝާޒްޑި އެފެއާރއަށް ޙާޒިރުކޮށް ރަސްމީ ސިފައެއްގައި އެމެރިކާއަށް އިޙްތިޖާޖް ހުށަހެޅުމުގެ ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ވަނީ އެމެރިކާއަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޓްރަމްޕްގެ ބަޔާނާ ގުޅިގެން އިމްރާން ޚާން ވިދާޅުވެފައިވަނީ ޓެރަރަޒިމާ ދެކޮޅު ނަމުގައި އެމެރިކާ ހަނގުރާމަ ކުރީ އެމެރިކާގެ އަމިއްލަ މަގްސަދުތަކެއް ޙާސިލް ކުރުމަށް ކަމަށާ ނަމަވެސް އެހަނގުރާމައިގެ ހުރިހާ ގެއްލުމެއް ލިބުނީ ޕާކިސްތާނަށް ކަމުގައެވެ.

މިގޮތުން އެހަނގުރާމައިގެ ޚަރަދުތަކަށް އެމެރިކާއިން ޕާކިސްތާނަށް 23 ބިލިޔަން ޑޮލަރު ދިން އިރު އެހަނގުރާމައިގާ އެމެރިކާއަށް އެއްބާރުލުން ދިނުމަށް ޕާކިސްތާނުން ކުރި ކަންކަމަށް 120 ބިލިޔަން ޑޮލަރު ޚަރަދު ވިކަމަށް އިމްރާން ޚާން ވިދާޅުވިއެވެ. އަދި ޓެރަރިޒަމާ އިދިކޮޅު ނަމުގައި އަފްޣާނިސްތާނަށް އަރައިގަނެ އެމެރިކާ ކުރި ހަނގުރާމައާއި އަފްޣާނިސްތާނުގައި ފައިހަރުކޮށްލައިގެން އޮވެ އެމެރިކާ ހިންގި އަސްކަރީ ހަރަކާތްތަކުގައި ޕާކިސްތާނުގެ 75 ހާސް މީހުން މަރުވިކަމަށާ އެމީހުންގެ މަރުގެ ބަދަލުވެސް އެމެރިކާއިން ދީފައިނުވާކަމަށާ އެމެރިކާއަކީ ޕާކިސްތާނުން ވެފައިވާ ގުރްބާނީ ތަކުގެ އަގުވަޒަން ނުކުރާ ގައުމެއްކަމަށްވެސް އިމްރާން ޚާން ވިދާޅުވިއެވެ.

ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާ ކުރި ހަނގުރާމައިގާ ޑްރޯން ބޭނުންކޮށްގެން މެދުކެނޑުމެއްނެތި 10 އަހަރުވަންދެން އެމެރިކާއިން ޕާކިސްތާނަށް ވައިގެ ޙަމަލާތައް ދެމުން ގެންގޮސްފައިވާއިރު އެޙަމަލާތަކުގައި ޕާކިސްތާނުގެ ވަޒީރުސްތާނާއި ކުއެޓާއާއި އެނޫންވެސް ހަނގުރާމަވެރިންގެ ބާރުގަދަ ސަރަހައްދުތަކުން ކުށެއްނެތް އާންމުންގެ އެތަށް ހާސް ބަޔަކު މަރުވެފައިވެއެވެ. އެމެރިކާގެ ޙަމަލާތަކުގައި ޕާކިސްތާނުގެ ފަގީރު އާއިލާތަކުގެ އަންހެނުންނާއި ކުޑަކުދިން މަރުވަމުންދިޔަ ވަރު ގިނަ ކަމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ތުހުމަތު އެމެރިކާގެ އެދުވަސްވަރުގެ ވެރިންކަމަށްވާ ޖޯޖްޑަބްލިޔު ބުޝް އާއި ބަރަކް އޮބާމާގެ މައްޗަށް ކޮށްފައެވެ.

ސެޕްޓެމްބަރު 11، 2001 ވަނަ އަހަރުގެ ޙަމަލާތަކަށްފަހު އަލްގާއިދާގެ ޒައީމް އުސާމާ ބިން ލާދިން ޕާކިސްތާނުގެ އަބޫތް އާބާދުގައި އުޅޭކަން އެމެރިކާއަށް އެނގުނީ އެމެރިކާއިން އޭނާ ހޯދަމުން ގެންދާތާ 10 އަހަރު ފަހުން 2011 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އެއާއެކު އެމެރިކާ ސިފައިންގެ ބަޔަކު އަބޫތް އާބާދަށް އަރައި ބިން ލާދިންއަށް ޙަމަލާދީ އޭނާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުއަޑިއަށް ފެއްތިކަމަށް އެމެރިކާ ބުނެފައިވެއެވެ. އެމެރިކާވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި 15 އަހަރުވަންދެން އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާ ހަނގުރާމަކޮށްގެން އެޖަމާއަތް ބަލިކޮށްލުމުގައިވެސް ނާކާމިޔާބު ވެފައެވެ.

(އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް