އިރޫ: މި ތަރީގެ ވިދުމަކަށް ހުއްޓުމެއް ނެތް!

އިރްފާނާ އިބްރާހީމް (އިރޫ)....

ކިޔައިވައި ނިންމުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުތީ މޭކަޕް ސާމާނު ތަކުގެ ތެރެޔަށެވެ. ފުރަތަމަ ވަޒީފާ އަދާ ކުރީ ތަފާތު ބްރޭންޑްތަކުގެ މޭކަޕް ވިއްކާ ފިހާރައެއްގައެވެ. މޭކަޕް ކޮށް ފަރި ވުން ނިކަން ރަނގަޅަށް ވެސް ދަނެއެވެ. އެހެން މީހުން ވެސް ފަރިކޮށްދީ ހަދައެވެ. މިއީ މިހާރު ފިލްމީ ދާއިރާގައި ބާރަށް ވިދަމުން އަންނަ ތަރި އިރްފާނާ އިބްރާހީމް(އިރޫ) ގެ ކުޑަ ތައާރަފެކެވެ.

ފިލްމީ ދާއިރާގައި ފައި ހަރުކޮށްލުމުގެ ކުރިން ވެސް އިރޫ ކެމެރާ ކުރިމައްޗަކަށް އަލެއް ނޫނެވެ. މިދިޔަ އަހަރު ބޭއްވި "ދިވަސް ޝޯ" ގައި ވެސް ޕާފޯމް ކުރިއެވެ. އަދި ފަރި މޭކަޕް ތަކުގައި، ރީތި ހެދުންތަކެއްގައި މޮޑެލް ކޮށް ނަގާފައިވާ ފޮޓީތައް ސޯޝަލް މީޑިއާގައި ކޮންމެވެސް ވަރަކަށް އާންމުކޮށްހަދައެވެ.

"ފޯޓީ ޕްލަސް"ގެ ޕޯސްޓަރެއްގައި އިރޫ....

މޮޑެލް ކުރީއްސުރެއްވެސް އެކްޓް ކުރުމަށް އިރޫ ޝައުގުވެރިކަން ހުރެއެވެ. އޭނާ ގަބޫލު ކުރި ގޮތުގައި ފިލްމީދާއިރާގައި ކޮންމެވެސް ދުވަހަކު މަސައްކަތް ކޮށްލަން ލިބޭނެއެވެ. އެހެން ހުއްޓާ އެ ހުވަފެންތަކުގައި ކުލަ ޖައްސައިދިނީ މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު މުހައްމަދު ފައިސަލް އެވެ.

"އަބަދުވެސް އިރޫ ބޭނުންވޭ އެކްޓްކުރަން، ދެން ގޭގަ އުޅޭ އިރުވެސް ފިލްމުތަކުގެ ޑައިލޮގްސްތައް ކިޔައި މަޖާކޮށް ހަދަން، އެހެން ހުއްޓާ ފައިސަލް އިރޫ އަށް ޗާންސެއް ދިނީ،" އިރޫ ކިޔައިދިނެވެ.

އިރޫގެ ފުރަތަމަ ފިލްމަކީ ޔޫއްޕެ ޑައިރެކްޝަން ހަދާފައިވާ ފިލްމު "ފޯޓީ ޕްލަސް" އެވެ. ފުރަތަމަ ފިލްމު ކަމުގައި ވިޔަސް އިރޫގެ ބޮޑު ރޯލެއް އެ ފިލްމުން ފެންނާނެ ކަމަށް އިރޫ ބުންޏެވެ. އަދި "ފޯޓީ ޕްލަސް" އަކީ ވަރަށް ހާއްސަ ފިލްމެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އިރޫ: ދިވަސް ޝޯގައިވެސް އިރޫ ވަނީ ޕާފޯމް ކޮށްފައި...

"އިރޫގެ ފުރަތަމަ ފެނިލުން ދޯ އަސްލުގަ އެއީ، ފުދޭ ވަރަކަށް ބޮޑު ރޯލެއް ކުޅުނީ، އަސްލު ސީނިއާ ކާސްޓަކާއެކު މަސައްކަތް ކުރީމަ ހިތަށް އެރި އިރޫގެ އެކްޓިން ކަމުދާނެބާއޭ، ދެން ހަމަ އެންމެންގެ ސަޕޯޓްވެސް ވަރަށް ލިބޭ،" އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމާ ބެހޭގޮތުން އިރޫ ބުންޏެވެ.

އެ ފިލްމަށްފަހު އިރޫ އަށް ފުރުސަތެއް ދިނީ ފާތިމަތު ނަހުލާއެވެ. ދިވެހި ފިލްމު އިންޑަސްޓްރީ އަށް އަންނަން އުޅޭ ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ" އިންނެވެ. އެއީ "ހުވާ"ގައި މައިގަނޑު ރޯލުތައް ކުޅުނު އެހެން ތަރިންނާކާއި އެއްވަރުގެ ރޯލެއް އިރޫ އަށް ކުޅެން ޖެހުނު ސިލްސިލާއެކެވެ.

"ހުވާ" ގެ މަންޒަރެއްހަައި އިރޫ....

އިރޫ ބުނީ، ފުރަތަމަ ވެބް ސީރީޒްގައި މަސައްކަތް ކޮށްލަން ލިބުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބޮޑު ކާސްޓަކާއެކު ގިނަ ދުވަސްތަކެއް އެ ސީރީޒްގެ ޝޫޓިންގައި ހޭދަކުރަން ޖެހުނު ކަމަށާއި އެވަރުގެ ރޯލެއް އިރޫ އަށް ހަވާލު ކުރީތީވެ ނަހޫ އަށް ޝުކުރު އަދާކުރާ ކަމަށެވެ. މި މަހުގެ 29 ވަނަ ދުވަހު ދައްކަން ފަށާ "ހުވާ" އިން އިރޫގެ އެކްޓިން ބަލާލަން އިންތިޒާރުކޮށްލާށެވެ.

"ހިޔެއް ނުވޭ ދެން ކުޅޭ އެއްވެސް ފިލްމެއްގެ ޝޫޓިންގައިވެސް އެ ސީރީޒްގެ ޝޫޓިންގަ ވީހާ ދުވަސް ވާނެ ހެން، ވަރަށް ތަފާތު އެކްސްޕީރިއެންސެއް،" އިރޫ ބުންޏެވެ.

މަޑުމަޑުން ފިލްމު ތަކުން ޖާގަ ހޯދަމުން އައިސް އިރޫ އެންމެ ފަހުން ކުޅުނީ ފިލްމެއްގެ ލީޑު ރޯލެވެ. ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ މުހައްމަދު އަބޫބަކުރު(މާއެނބޫ) ކުރިޔައް އޮތް ބިރުވެރި ފިލްމު "ކާކު؟" ގައި އިރޫ ކުޅުނީ ވަރަށް ވެސް ބޮޑު ރޯލެކެވެ. މިހާރު އެ ފިލްމުގެ ޝޫޓިން ވެސް އިރޫ ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

އިރޫ: އަބަދުވެސް މޮޑެލް ކުރުމާއި އެކްޓް ކުރުމަށް ޝައުގުވެރިކަން ހުރޭ....

އަންނަ އަހަރަށް ތާވަލްކޮށް ޕޯސްޓު ޕްރޮޑަކްޝަންގެ މަަސައްކަތުގައި އޮތް "ކާކު؟" އާ ބެހޭގޮތުން އިރޫ ބުނީ، ފުުރަތަމަ ފަހަރަށް ލީޑު ރޯލެއް ކުޅެން ޖެހުނު ނަމަވެސް އުނދަގޫތަކެއް ކުރިމަތިނުވާ ކަމަށެވެ. އަދި ޑައިރެކްޓަރު ބޭނުންވާ ވަރުގެ އެކްޓިން އެއް އެ ފިލްމުގައި ވެސް ދައްކައި ދެވުނު ކަމަށް އޭނާ ބުންޏެވެ.

"ކާކު؟" ގެ އިތުރުން ވީ މީޑިއާގެ ފަރާތުން ފުރަތަމަ ފަހަރަށް ހަދާ ފިލްމު "ދައުވަތު" ގައިވެސް އިރޫ ފެންނާނެއެވެ. އެ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު ވަރަށް ފަހަކުން ވީޑިއޯ ލަވައަކުން ވެސް އިރޫ ވަނީ ފެނިފައެވެ.

އިރޫ މޮޑެލްކޮށްފައިވާ ފޮޓޯއެއް...

އާއިލާ އަދި ގާތް ރަހުމަތްތެރިންގެ އެންމެ ފުރިހަމަ އެއްބާރުލުމާއެކު އިރޫ ހުރީ މި ދާއިރާގައި ދެވުނު އެންމެ ކުރިޔަކަށް ދިޔުމަށް އަތުކުރި އޮޅާލައިގެންނެވެ. މިހާރުވެސް އެ ދަނީ މަޑުމަޑުން ޑިމާންޑް ބޮޑުވަމުންނެވެ. މިތަރީގެ ވިދުން ހުއްޓުމެެއްނެތެވެ.

comment ކޮމެންޓް