ހާޝުގްޖީ މަރާލާ ރެކޯޑިން އަޑު އަހަން ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ފޮކްސް ނިއުސް

ވޮޝިންޓަން (ނޮވެމްބަރު 19): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލާ އަޑު އިވިގެންދާ ރެކޯޑިން އަޑު އައްސަވަން ބޭނުންފުޅު ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފޮކްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ޓްރަމްޕް ވަނީ ހާޝުގްޖީ މަރާލާ ރެކޯޑިން ތުރުކީން އެމެރިކާއާ ހިއްސާކޮށްފައިވާ ކަން ޔަގީންކޮށްދީފަ އެވެ. އަދި އެރެކޯޑިންއާ ބެހޭ ގޮތުން އޮފިޝަލުން ރައީސަށް ފުރިހަމައަށް މައުލޫމާތު ދީފައި ވުމުން، ޓްރަމްޕް އެރެކޯޑިން އަޑު އައްސަވަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެޓޭޕު އަޑު އަހަން، އަޅުގަނޑު އެޓޭޕު އަޑު އަހަންވީ ސަބަބެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ހާޝުގްޖީ މަރާލާފައި ވަނީ ވަރަށް "އަނިޔާވެރި އަދި ރަހުމު ކުޑަ" ގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ، ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ސީއައިއޭއިން ނިންމާފައިވާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ފަހުންނެވެ.

ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ އެރިޕޯޓުތައް ދޮގުކޮށްފަ އެވެ.

އަދި ހާޝުގްޖީގެ މަރާ ގުޅިގެން، މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ވަލީއަހުދު މުހައްމަދާ ފޯނުން ވާހަކަ ދައްކަވާފަ އެވެ. އަދި ވަލީއަހުދު ވަނީ ހާޝުގްޖީގެ މަރާ ގުޅުމެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފައި ކަން ޓްރަމްޕް ހާމަ ކުރެއްވި އެވެ.

comment ކޮމެންޓް