އެމްޑީޕީ ޕްރައިމެރީއަށް ނަޝީދު ބޭނުންފުޅުވާ ވަކި ބަޔަކު ނެރެނީ!؟

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތީ ކައިރިވެފަ އެވެ. އިންތިހާބުގެ ކުރިން ފެށޭ ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލިސް ޕްރައިމެރީ ބާއްވަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަން ވަނީ އެނގިފަ އެވެ.

އެއާ އެކު ޕާޓީގެ އެތެރޭގައި ނުތަނަވަސް ކަންތައްތަކެއް ހިނގަމުންދާ ކަމަށް ޕާޓީގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޕްރައިމެރީއަށް ޕާޓީގެ ރައީސް ނަޝީދު އަމިއްލަ ފުޅަށް ބޭނުންވެގެން ބައެއް ފަރާތްތަކުން ނެރެން މަސައްކަތް ކުރާ ކަމަށް ޕާޓީގެ ބައެއް އިސް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

"ރައީސް ނަޝީދު ޕާސަނަލީ އެބަ އެންޑޯސް ކުރައްވާ ބައެއް ފަރާތްތަކުން ޕާޓީ ޕްރައިމެރީގައި ވާދަ ކުރަން." އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ނަޝީދު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ---

އެވާހަކަ ބައެއް އާންމު މެމްބަރުން ވެސް ދަނީ ޓްވިޓާގައި ދައްކަމުންނެވެ. މިއަދު އެމްޑީޕީގެ އާންމު މެމްބަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެމްޑީޕީ ޕްރައިމެރީގައި ވޯޓު ދޭނީ ނަޝީދުގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

އޭނާ އެހެން ބުނެފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. "ރައީސް ނަޝީދުގެ ކެންޑިޑޭޓުން" ނަށް ޕްރައިމެރީގައި ވޯޓު ދެއްވާނެ ކަމަށް އޭނާ ވިދާޅުވުމުން ރޮޒައިނާ ވަނީ ސުވާލުތަކެއް ކުރައްވައިފަ އެވެ.

"ރައީސް ނަޝީދުގެ ކެންޑިޑޭޓުން؟ ރައީސް ނަޝީދުގެ ވަކި ކެންޑިޑޭޓުން ތިބޭތޯ؟ އެއީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކެންޑިޑޭޓުންތަކެއް ނެރިގެން އެމްޑީޕީއަށް އިހުލާސްތެރިކޮށް މި އުނދަގޫ ދުވަސްތަކުގައި މަސައްކަތް ކުރި މީހުންނާ ދެކޮޅަށް އުޅުއްވާނެތޯ؟ އެހާ އަންޑިމޮކްރެޓިކް ބޭފުޅެއްތޯ އެއީ." ރޮޒައިނަ ސުވާލުތައް ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމެރީއާ ގުޅިގެން މިފަދަ ވާހަކަތަކެއް ދައްކަމުން ދާއިރު ނަޝީދު ބޭނުންފުޅު ވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނިޒާމާ ގުޅިގެން ނޫސްވެރިން އެކި ފަހަރު މަތިން ނަޝީދާ ސުވާލުކުރި އެވެ. ނަޝީދު ވިދާޅުވަނީ ރާއްޖޭއަށް އެންމެ ފައިދާ ހުރި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

ނަޝީދު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ. ނަމަވެސް ނަޝީދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އެމްޑީޕީން ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ

މަޖިލިސް އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަނުން އިއުލާނުކޮށްފައި ވަނީ ފެށޭ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީ އެމްއާރުއެމް ޖޭޕީ އަދި އަދާލަތު ވާދަކުރަނީ ކޯލިޝަނުންނެވެ. އެއީ ވެރިކަމަށް އައުމާ ކޯލިޝަނުން ހެދި އެގްރިމެންޓްގައި ލިޔެފައިވާ ގޮތެވެ. މިހާރު ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ގޮނޑިތައް ވަނީ ބަހައިފަ އެވެ. ޕާޓީތަކުން ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް