އެމެރިކާގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަލައިނާ ޓެޕްލިޓްޒް ރައީސަށް ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސްގެ އޮފީސް

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އަލައިނާ ޓެޕްލިޓްޒް، އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

ސަފީރުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ސަފީރު ޓެޕްލިޓްޒްއާ މަޝްވަރާ ކުރައްވާފަ އެވެ. އަދި ދެ ފަރާތުން ވެސް ވަނީ މުސްތަގުބަލުގައި ކުރައްވާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެއީ އިއްޔެ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރަކު އެމަނިކުފާނަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ އާ ސަފީރު އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވަނީ -- ފޮޓޯ: ރައީސްގެ އޮފީސް

އެބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސަފީރު ޓެޕްލިޓްޒްއަކީ ރާއްޖޭގެ އިތުރުން ސްރީ ލަންކާއަށް އެމެރިކާއިން ކަނޑައަޅާފައިވާ ސަފީރެވެ. އެކަމަނާ ވަނީ މިމަހުގެ އެއް ވަނަ ދުވަހު ސަފީރުކަމުގެ ފަތްކޮޅު ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އަރުވާފަ އެވެ.

އަދި މީގެ ކުރިން ޓެޕްލިޓްޒް ހުންނެވީ އެމެރިކާއިން ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި ރާއްޖެ އާއި ލަންކާއަށް ކަނޑާއަޅާފައި ހުންނެވި ސަފީރަކީ އަތުލް ކެޝަޕް އެވެ. އޭނާ އެމަގާމަށް އައްޔަން ކުރީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގަ އެވެ.

ރާއްޖޭގެ ސަފީރު ކަމަށް ޓެޕްލިޓްޒް އައްޔަން ކުރަން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެކަމަނާގެ ނަން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގައި އެވެ. އަދި ސެނެޓުން އެކަމަނާއަށް ރުހުން ދިނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.

comment ކޮމެންޓް