ހާޝުގްޖީގެ މަރާ ބެހޭ ގޮތުން އެމެރިކާއިން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފި

ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭ މަރާލާފައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ނޮވެމްބަރު 18): އެމެރިކާގައި ދިރިއުޅެމުން ދިޔަ ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރުގެ ފަހަތުގައި ވަނީ ކާކުކަން އެމެރިކާއިން އަދި ނުނިންމާ ކަމަށް އެގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެފި އެވެ.

އެމެރިކާ ސަރުކާރުން އެފަދައިން ބުނީ، ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ސީއައިއޭއިން ނިންމާފައިވާ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ފަހުންނެވެ.

"އެމެރިކާ ސަރުކާރުން ފަހު ގޮތެއް ނިންމާފައިވާ ކަމަށް ބުނާ ރިޕޯޓުތަކަކީ ސައްހަ ރިޕޯޓުތަކެއް ނޫން. ހާޝުގްޖީގެ މަރާ ގުޅުން ގުރި ގިނަ އަދަދެއްގެ ސުވާލުތަކަށް އަދިވެސް ޖަވާބު ނުލިބި އެބަހުރި،" ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު ހެދާ ނުއާޓުގެ ބަޔާނެއްގައިވެ އެވެ.

އަދި ސައުދީ އަރަބިއާއިން ވެސް އެތުހުމަތުތައް ދޮގުކޮށް، ހާޝުގްޖީގެ މަރާ ވަލީއަހުދާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ދި ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން ސީއައިއޭއިން ހާޝުގްޖީގެ މަރާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމުމަށް ބޭނުން ކުރި އެއް ހެއްކަކީ ވަލީ އަހުދުގެ ކޮއްކޯފުޅު، ޕްރިންސް ޚާލިދު ބިން ސަލްމާން ކުރެއްވި ފޯނު ކޯލެކެވެ. ޕްރިންސް ޚާލިދަކީ ސައުދީން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.

ޕޯސްޓުގައިވާ ގޮތުން ހާޝުގްޖީ ކޮންސިއުލޭޓަށް ދިޔުމަށް އެދިވަޑައިގެންނެވީ ޕްރިންސް ޚާލިދެވެ. އަދި އޭނާ އެފޯނު ކޯލު ކުރެއްވީ ވަލީ އަހުދުގެ އެދިލެއްވުމުގެ މަތިންނެވެ.

ނަމަވެސް ޕްރިންސް ޚާލިދު ވަނީ ހާޝުގްޖީއާ ފޯނުން ވާހަކަ ނުދައްކަވާތާ އަހަރެއް ވެފައިވާ ކަމަށާއި، އޭނާ ތުރުކީއަށް ދިޔުމަށް ހިތްވަރު ނުދެއްވާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ހާޝުގްޖީގެ މަރާ ވަލީއަހުދާ ސީދާ ގޮތެއްގައި ގުޅުވޭ ފަދަ ހެއްކެއް އަދި ލިބިފައި ނުވެ އެވެ. ނަމަވެސް ސައުދީ ސަރުކާރުގެ ބޮޑު ބައެއް ކޮންޓްރޯލު ކުރައްވަނީ ވަލީ އަހުދު ކަމަށްވާ އިރު، ބިން ސަލްމާންގެ އިޒުނައާ ނުލައި އެފަދަ އޮޕަރޭޝަނެއް ކުރިއަށް ނުގެންދެވެނޭ ކަމަށް އިންވެސްޓިގޭޓަރުން ގަބޫލު ކުރާ ކަމަށް އެމީޑިއާތަކުގައިވެ އެވެ.

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭ މިދިޔަ މަހުގެ ދެވަނަ ދުވަހު ހާޝުގްޖީ މަރާލި މައްސަލައިގައި ސައުދީން ވަނީ 21 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން 11 މީހެއްގެ މައްޗަށް ދައުވާކޮށް، ފަސް މީހަކަށް މަރުގެ އަދަބު ދޭން ސައުދީ ސަރުކާރުން ބޭނުންވާ ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

comment ކޮމެންޓް