ސައިކްލޯން ގަޖާ ޓަމިލް ނާޑޫއަށް އަރައި، 20 މީހަކު މަރުވެއްޖެ

ސައިކްލޯން ގަޖާގެ ސަބަބުން ގަސްތައް ވެއްޓި، ކަރަަންޓު ކެނޑިފައިވޭ -- ފޮޓޯ: ޕީޓީއައި

ޗެންނާއީ (ނޮވެމްބަރު 16): އިންޑިއާގެ ޓަމިލް ނާޑޫއަށް މިއަދު ސައިކްލޯން ގަޖާ އަރައި، 20 މީހަކު މަރުވެއްޖެ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ބުނެފިއެވެ.

އެ ތޫފާނުގެ ސަބަބުން ޓަމިލް ނާޑޫގެ އައްސޭރިފަށުގައި އޮންނަ ނާގާޕަޓްނަމްއާއި ޓިރުވަރޫރާއި ތަންޖަވޫރަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގަސްތައް ވެއްޓި، ކަރަންޓު ކެނޑިފައިވެއެވެ.

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އެޑައްޕަޑީ ކޭ ޕަލަނިސުވާމީ ވަނީ ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ޗީފް މިނިސްޓާސް ޕަބްލިކް ރިލީފް ފަންޑުން 10 ލައްކަ ރުޕީސް ދޭނެކަމަށް ވިދާޅުވެފައެވެ.

އެ ތޫފާނާ ގުޅިގެން މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުން ވަނީ 470 ރިލީފް ކޭމްޕުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 9،000 ވުރެ ގިނަ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ އެ ތޫފާން މިހާރު ދަނީ ހުޅަނގަށް ކަމަށާއި، އަދި ދުރަށްދާ ވަރަކަށް ތޫފާނުގެ ބާރު ދަށް ވަމުން ދާނެކަމަށް ބުނެފައެވެ.

comment ކޮމެންޓް