ބޭންކިންގެ މުސްތަގުބަލް އާޓިފިޝަލް އިންޓެލިޖެންސާ ގުޅިފައި

އޭބީއޭ ކޮންފަރަންސްގައި ޕްރޮފެސާ އުގައިލް ވާހަކަދައްކަވަނީ -- ފޮޓޯ/ އޭބީއޭ

އާޓިފިޝަލް އިންޓެލިޖެންސަކީ އިންސާނުންގެ ވިސްނުމެކޭ އެއްފަދައިން މެޝިންތަކެއްގެ އެހީގައި އެތަކެއްޗަށް ވިސްނައިދިނުމެވެ. އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ނަޒަރީގޮތުން ބޭނުންކުރަން ފަށާފައިވަނީ 1950ގެ އަހަރުތަކުގެ ތެރޭގައެވެ.

އޭއައިއަކީ އަދުގެ ޓެކްނޮލަޖީގެ ދުނިޔޭގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގައި ސެންޓާ ފޯ ވިޝުއަލް ކޮމްޕިއުޓިންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި ބޭންކިން ސެކްޓާގައި މަސައްކަތްކުރާ މީހުންގެ ބަދަލުގައި އެމީހުންގެ ވަޒީފާތައް އަދާކުރާނީ ބޮޓުން ކަމަށެވެ. އޭއައި ޓެކްނޮލަޖީއާއެކު ބޭންކިން ސެކްޓާއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން 32 ވަނަ އޭޝިއަން ބޭންކިން އެސޯސިއޭޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕްރޮފެސާ ވިދާޅުވިއެވެ.

"އިންޓަނެޓު އައީ މީގެ ވިއްސަކަށް ފަންސަވީހަކަށް އަހަރު ކުރިން. އަހަރެމެންގެ ދިރިއުޅުން އިންޓަނެޓު އައިސް ބަދަލުކޮށްލި. އެއީ މީގެ ކުރިން އަހަރެމެން އެއްވެސް ވަރަކަށް ހިތަށް ނާރާ މިންވަރަކަށް. އިންޓަނެޓާއެކު ދިރިއުޅުން ބަދަލުކޮށްލި. އޭގެ އަސަރު ބޭންކިން އިންވެސް ފެންނަމުންއެބަދާ،" ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސްގައި ފެށި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އުގެއިލް ވިދާޅުވިއެވެ.

އުގެއިލް ވިދާޅުވީ އިންޓަނެޓަށްފަހު ދެން އިންސާނުންގެ ދިރިއުޅުން އެންމެ ބޮޑަށް ބަދަލުކުރާނެ އެއްޗަކީ އާޓިފިޝަލް އިންޓެލިޖެންސް ކަމަށެވެ. ބޮޑެތި އަލްގޮރިދަމްގެ އެހީގައި މައްސަލަތަކަށް ހައްލު ހޯދުމަކީ އޭއައި ޓެކްނޮލަޖީއަށް ފަސޭހަކަމެއް ކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސް މަސައްކަތް ކުރާގޮތުގެ ފަސޭހަ މިސާލެއް އުގެއިލް ދެއްވިއެވެ.

އޭބީއޭ ކޮންފަރަންސް 2018ގެ ތެރެއިން -- ފޮޓޯ/ އޭބީއޭ

"މިސާލަކަށް ކުއްޖަކަށް ކުޑަކުއްޖަކަށް ބުޅަލަކީ ކޮން އެއްޗެއްކަން ދަސްކޮށްދޭން ބޭނުންނަމަ ކިހިނެއްތޯ މި ހަދަނީ؟ ކުއްޖާއަށް ބުޅާ ފާހަގަކުރަން އެނގެންދެން ބުޅާ ދައްކައި ކުއްޖާގެ ސިކުނޑީގައި އޭގެ ސިފަ ކުރެވޭވަރަށް އެބަ ދަސްކޮށްގެން. އާޓިފިޝަލް އިންޓެލިޖެންސްގައިވެސް މިވަނީ އެހެން. ވަކި ކަމެއް ދަސްކޮށްދިނުމަށް އެކަން މި ފީޑް ކުރަނީ،" އޭއައިގެ އަލްގޮރިދަމްސްތަކަށް އެ މަސައްކަތް ނަގައިގަނެވޭވަރަށް ފީޑްކުރަން ޖެހޭކަމަށް އުގެއިލް ވިދާޅުވިއެވެ.

އޭއައިގެ އެހީގައި ފޭސް ރިކޮގްނިޝަންގެ މަސައްކަތް ކުރައްވާ، ފޭސް ރިކޮގްނިޝަންގެ "ސްޕެޝަލިސްޓެއް"ގެ ގޮތުގައި ސިފަކުރެވޭ ޕްރޮފެސާ އުގެއިލް އެކަމާ ގުޅޭގޮތުން ވިދާޅުވީ އިންސާނާގެ ސިކުނޑީގައި އަނެކާގެ މޫނު ފާހަގަކުރަން ހާއްސަ ސަރަހައްދެއް ވާކަމަށެވެ.

"އެކަމަކު ކުޑަކުއްޖެއް ދުނިޔެއަށް އަންނަ އިރު އެއްވެސް އެއްޗެއް ނޭނގޭނެ. އެކުއްޖާގެ ސިކުނޑީގައި އެއްވެސް މީހެއްގެ މޫނުގެ ސިފައެއް ކުރެހިިފައި ނުހުންނާނެ. ޓެކްނޮލަޖީގެ އެހީގައި މީހުންގެ މޫނު ނުވަތަ ސިފަ ދެނެގަތުމަށް ކުރާ މަސައްކަތުގެ އެންމެ ފަހުގެ ހޯދުންތަކުން އެނގުނީ މީހާގެ މޫނުން ތަފާތު 128 ސަރަހައްދެއް ފާހަގަކޮށް މޫނު ދެނެގަންނާނެ. ދުނިޔޭގެ ކޮންމެ މީހެއްގެ ސިފަވެސް 128 ނަންބަރު ބޭނުންކޮށްގެން ދެނެގަންނާނެ،"

އޭއައިގެ އެެހީގައި ކުރިއަށް ދިއުމަށް ބޭންކުތަކުން މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އުގެއިލް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ޔޫޒަރުންގެ ނުވަތަ ކަސްޓަމަރުން ގަބޫލުކުރާ ކުރުންތައް ހުންނާނީ ތަންކޮޅެއް ކުރީގައި ކަމަށްވުން ކަމަށް އުގެއިލް ވިދާޅުވިއެވެ. އޭއައިގެ އެހީގައި ކަސްޓަމަރުންނަށް ހިދުމަތްދޭއިރު އެމީހުންގެ ޕާސަނަލިޓީއާއި ބޭންކިން ހިސްޓްރީ ބަލައި ސޯޝަލް މީޑިއާ މެދުވެރިކޮށް އެ މީހެއްގެ ކަންތައް ހުންނަގޮތް ދިރާސާ ކުރެވިދާނެ ކަމަށެވެ. މިއީ ކަސްޓަަމަރުންނަށް އޭއައި މެދުވެރިކޮށް ހިދުމަތްދޭއިރު "ސިސްޓަމަށް" ކަސްޓަމަރު ދަސްކޮށްދިނުމަށް ފަސޭހަ ގޮތެއް ކަމަށް ވިދާޅުވިއެވެ.

އިއްޔެ ފެށި އޭބީއޭ ކޮންފަރަންސްގައި ބީއެމްެއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަދައްކަވަނީ -- ފޮޓޯ/ އޭބީއޭ

މިއީ ގިނަ ބޭންކުތަކުން "ބޮޓް" ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިދުމަތްދޭއިރު ބޭނުންކުރާ އުކުޅެއް ކަމަށް އުގެއިލް ވިދާޅުވިއެވެ. ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މަސްނުއީ ބޮޓުންތަކެއް އޭއައިގެ އެހީގައި ބޭނުންކުރެވިދާނެ ކަމަށާއި އާދައިގެ ސުވާލުތަކުންގޮސް ބޮޑެތި ސުވާލުތަކަށް ޖަވާބުދެވޭ ފެންވަރަށްވެސް މި ބޮޓުތައް ޓްރެއިން ކުރެވޭނެ ކަމަށް އުގެއިލް ވިދާޅުވިއެވެ. "ޕާސަނަލައިޒްޑް އެކްސްޕީރިއަންސެއް" ކަސްޓަމަރަށް ކުރެވޭނެގޮތަކަށް ބޮޓުން ބޭނުންކޮށްގެން ހިދުމަތް ނުދެވެންވީ ސަބަބެއްވެސް ނެތްކަމަށް ޕްރޮފެސާ ވިދާޅުވިއެވެ.

އުގެއިލް ވަނީ ބޮޓު ބޭނުންކޮށްގެން ހިދުމަތްދޭ ބޭންކުތަކުގެ ތަޖުރިބާވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން ސްވެޑް ބޭންކުގެ ބޮޓް "ނީނާ" އާއެކު ފުރަތަމަ ތިންމަހު ބޭންކުން ކުރި މުއާމަލާތުގެ 78 ޕަސެންޓު މުއާމަލާތް ކޮށްފައިވަނީ ބޮޓު ބޭނުންކޮށްގެންކަން އުގެއިލް ވަނީ ފާހަގަކުރައްވައިފައެވެ. ނީނާއަކީ މަހަކު 30 ހާސް ކަސްޓަމަރުންގެ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ބޮޓެއް ކަމަށް ވިދާޅުވިއެވެ.

"އޭއައިގެ އެހީގައި އިންސާނަކަށް 45 މިނެޓުން ކުރެވޭ ކަންތައް މަދު މިނެޓުކޮޅެއްގެ ތެރޭގައި ކުރެވޭނެ،" އުގެއިލް ވިދާޅުވިއެވެ.

އުގެއިލް ވިދާޅުވީ އޭއައިގެ އެހީގައި ބޭންކިން ނިޒާމު ކުރިއަށްދާނަމަ 1.2 މިލިއަން ވަޒީފާ ގެއްލޭނެ ކަމަށެވެ. އޭގެ ތެރޭގައި ޕްރޮންޓް އޮފީހުގައި މަސައްކަތްކުރާ މީހުންނާއި، ލޯން އިންޓަވިއުއާސް ފަދަ މަސައްކަތްކުރާ މީހުން ހިމެނޭކަން ފާހަގަކުރެެއްވިއެވެ.

އޭބީއޭ ކޮންފަރެންސްގައި މިއަހަރު ވާހަކަ ދައްކަނީ ޓެކްނޮލަޖީގެ އެހީގައި ބޭންކިން ސެކްޓާ ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މި ކޮންފަރެންސް މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

comment ކޮމެންޓް