ރައީސް ޔާމީންއަށް ވުރެ ގިނަ މަސައްކަތް ކުރެއްވުމުގެ ޗެލެންޖުގައި ވަޑައިގަންނަވާ: މުއިއްޒު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކުރެއްވި ވަރަށް ވުރެ ގިނައިން މަސައްކަތް ކުރެއްވުމުގެ ޗެލެންޖުގައި ދެން އަންނަ ރައީސުން ވެސް ވަޑައިގަތުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މުއިއްޒު އެހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީން ވަނީ ރައީސް ޔާމީންގެ ދައުރުގައި ހިންގި މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފަ އެވެ.

"މިއީ ރައީސް ޔާމީންގެ ލެގަސީ. ފޮތެއްގެ ގޮތުގައި ލިޔުނަކަސް، އެ ހަގީގަތް [ކުރެއްވި މަސައްކަތްތައް] ހަމަ އެ ގޮތުގައި އޮންނާނެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ ދެން އަންނަ ރައީސުން ވެސް އެ ފޮތުގައިވާ މިންވަރަށް މަޝްރޫއުތައް ގެނައުމުގެ ޗެލެންޖުގައި ވަޑައިގެންނެވުމަށެވެ.

"މި ފޮތުގެ ބޭނުން ރަނގަޅުގޮތުގައި ހިތްޕަވާ، ދެން ވަޑައިގަންނަވާ ބޭފުޅުން މިއަށް ވުރެ ގިނަ މަސައްކަތް ކުރެއްވުމުގެ ޗެލެންޖުގައި ވަޑައިގަތުމަށް އަޅުގަނޑު އެދެން. އެއީ ޕޮޒިޓިވް އެޕްރޮޗަކަށް ވާނީ. ރައީސް ޔާމިން 10 ރަށެއްގައި ބިން ހިއްކެވިއްޔާ ތިމަންނަމެން އެއަށް ވުރެ ގިނަ ބިން ހިއްކާނަމޭ. ރައީސް ޔާމީން 50 ރަށުގައި ބަނދަރު ހަދައިފިއްޔާ ތިމަންނަމެން 80 ރަށުގައި ބަނދަރު ހަދާނަމޭ. މި އެޕްރޯޗު ގެންގުޅުއްވަން ވާނީ،" މުއިއްޒު ވިދާޅުވި އެވެ.

  • 82 ބަނދަރު
  • 26 ފަޅާއި ނެރު ފުންކުރުމާ ބަނޑަރު މަރާމާތް ކުރުން
  • 19 ރަށުގެ މަގު (88 ކިލޯމީޓަރު)
  • 13 ރަށެއްގެ ބިން ހިއްކުން
  • 12 ރަށެއްގެ ތޮށިލިލުމުގެ މަސައްކަތް
  • 2 ރަށެއްގެ ޖެޓީ ހެދުން
  • ނުނިމި ހުރި ސުނާމީ ގެތަށް ނިންމައިދިން
  • ރަށްރަށުގައި 3260 ހައުސިން ޔުނިޓް ގާއިމް ކުރުން
  • ބްރިޖު މަޝްރޫއު
  • 11 ޕާކް މާލޭގައި ގާއިމް ކުރުން
  • އިންޑަސްޓްރިއަލް ވިލެޖްގެ ބޮޑުބައި ނިންމުން

މުއިއްޒު ވިދާޅުވީ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކަށް ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން 7.7 ބިލިއަން ރުފިޔާ ހޭދަ ކުރި ކަމަށެވެ. އެގޮތުން ބޯހިޔާ ވަހިކަމަނަށް 3.9 ބިލިއަން ހޭދަ ކުރި ކަމަށާއި ޖުމްލަކޮށް ހުރިހާ މަޝްރޫއުތަކަށް 11.6 ބިލިއަން ރުފިޔާ ހޭދަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ މަޝްރޫއުތައް

  • 21 ރަށެއްގެ ބަނދަރު ހެދުން
  • 8 ރަށެެއްގެ މަގު ހެދުން
  • އާޓިފިޝަލް ބީޗު ތަރައްގީ ކުރުން (އެމްޓިސީސީއާ ވަނީ ހަވާލުކޮށްފައި)
  • 5 ރަށެއްގެ ޖެޓީ މަރާމަތު ކުރުން
  • 2 ރަށެއްގެ ބިން ހިއްކުން
  • ރިންގް ރޯޑު ފެހި ކުރުމުގެ މަސައްކަތްތައް
  • ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް
  • އައްޑޫ ސިޓީ ހޮސްޕިޓަލްގެ މަސައްކަތްތައް
  • ވިލިމާލެ ޕާކް
  • މާލޭގެ ހަ ގޯޅިއެއް ޒަމާނީކޮށް ތަރައްގީ ކުރުން

ބައެއް މަޝްރޫތައް ކުރިއަށް ގެންދިޔުމަށް ޓްރާންސިޝަން ކޮމިޓީގައި އެދުނު ކަމަށް މުއިޒް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބަޖެޓުކޮށްފައި ނެތުމުން އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

comment ކޮމެންޓް