ބްރެކްސިޓާ ބެހޭ ގޮތުން ދެން އިތުރު ވޯޓަކަށް ނުދާނެ: އިނގިރޭސި ބޮޑުވަޒީރު

ތެރީސާ މޭ

ލަންޑަން (ނޮވެމްބަރު 14) : އިނގިރޭސިވިލާތް، ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާ ބެހޭ ގޮތާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ދެން އިތުރު ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން ތެރީސާ ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ މައްސަލާގައި އިނގިރޭސި ރައްޔިތުން ދެކޭގޮތް ފެންނަ ނުފެންނަ ވޯޓުން ވަނީ 2016ގައި ހާމަކޮށްފައި ކަމަށާ އެކަމުގައި ދެން އެނބުރި ފަހަތަށް ދިޔުން ނެތްކަމުގަ އެވެ.

ތެރީސާ މިހެން ވިދާޅުވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާ ބެހޭ ގޮތުން ތެރީސާ ގެ ސަރުކާރުން އެކުލަވާލި ޕްލޭނަށް ޔޫރަޕްގެ އިއްތިޙާދު ދެކޮޅު ހަދައިފި ނަމަ އެކަމާ ބެހޭ ގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް އަލުން ދިޔުމަށް ގޮވާލަން ޖެހިދާނެ ކަމަށް އިދިކޮޅު ލޭބަރ ޕާޓީން ބުނުމުންނެވެ.

ތެރީސާ ވިދާޅުވީ ބްރެކްސިޓްގެ މަޝްވަރާތައް ކުރިޔަށް ދަނީ ވަރަށް ލަހުންކަމަށާއި އެއީ ދަތި އުނދަނގޫ މަޝްވަރާތަކެއް ކަމަށާއި ނަމަވެސް އެމަޝްވަރާތައް މިހާރުއޮތީ އޭގެ އެންމެ ފަހުގެ މަރްހަލާގައި ކަމުގަ އެވެ. ބްރެކްސިޓްގެ މަޝްވަރާތަކުގައި އިނގިރޭސި ސަރުކާރާއި ޔޫރަޕިޔަން ކައުންސިލްއަށް އެއްބަސްވުމަކަށް ނާދެވޭ ގިނަ ކަންތައްތަކެއް ހުރިއިރު އޭގެތެރޭގައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވެގެންދާ އިރު އެއްފަރާތުން އަނެއްފަރާތަށް ދޭން ޖެހޭ ފައިސާގެ މިންވަރު ކަނޑަނޭޅުން ފަދަ ކަންކަން ހިމެނެ އެވެ. މިއީ އެއްބަސްވުމަކަށް އައުން ފަސޭހަ ނުވާނެކަންތައްތައްކަން ތެރީސާ ފާހަގަ ކުރެއްވި އެވެ.

ތެރީސާ ގެ ސަރުކާރުން އެކުލަވާލި ބްރެކްސިޓް ޕްލޭނަށް ޔޫރަޕްގެ އިއްތިޙާދުގެ ރުހުން ނުލިބިއްޖެ ނަމަ އިނގިރޭސިވިލާތުގައި އާންމު އިންތިޚާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅު ލޭބާ ޕާޓީގެ ބައެއް މެންބަރުން ވަނީ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވައިފަ އެވެ.

ތެރީސާގެ ސަރުކާރުންޔޫރަޕްގެ އިއްތިޙާދަށް ހުށަހެޅި ބްރެކްސިޓް ޕްލޭނާ ބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ޓަކައި މި ނޮވެމްބަރު މަހުގެ ފަހުކޮޅު ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިންގެ ސަމިޓެއް ބްރަސަލްސްގައި ބޭއްވުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ތެރީސާގެ ބްރެކްސިޓް ޕްލޭނަށް އިދިކޮޅު ލޭބާ ޕާޓީން ފާޑުކިޔާއިރު އެކަމަނާގެ ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ އެ ޕްލޭނަކީ އިނގިރޭސި ދައުލަތަށް ފައިދާހުރި ޕްލޭނެއްނޫން ކަމަށް ސިފަކުރައްވާފަ އެވެ. މިމައްސަލާގައި ހަތަރު ވަޒީރަކު ތެރީސާގެ ސަރުކާރުން އިސްތިއުފާ ދެއްވަން ތައްޔާރުވެ ވަޑައިގަންނަވާ ކަމަށް ވެސް ބައެއް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)

comment ކޮމެންޓް