ތޫފާން "ގާޖާ"ގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ: މެޓް

ތޫފާން ގާޖާ އުފެދިފައި ވަނީ އިންޑިއާގެ ޗެންނާއީގެ އިރުން ގާތްގަނޑަކަަށް 470 ކިލޯމީޓަރު ދުރުން--

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން "ގާޖާ"ގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

ތޫފާން ގާޖާ އުފެދިފައި ވަނީ އިންޑިއާގެ ޗެންނާއީގެ އިރުން ގާތްގަނޑަކަަށް 470 ކިލޯމީޓަރު ދުރުންނެވެ.

މެޓުން ބުނީ ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި އެ ތޫފާނު، ހުޅަހުނގު ދެކުނަށް ދަތުރުކޮށް އިތުރަށް ބާރުގަދަވެ، މާދަމާގެ ވަގުތެއްގައި ޓެމިލް ނާޑޫގެ އައްސޭރި ފަށަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް އެ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި މާދަމާ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ. އަދި އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެނިހެން ސަރަހައްދުތަކަށް ގަޑިއަކު ފަސް މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. އޭގެ އިތުރުން ކެރިގަނޑުގައި ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓުން ލަފާކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް މަޑުވާނެ ކަމަށެވެ.

comment ކޮމެންޓް