އައިޔޫއެމްގެ ޗާންސެލާ ކަމުން ޝަހީމް އިސްތިއުފާ ދެއްވަނީ

އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ޝަހީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިސްލާމިކް ޔުނައިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޗާންސެލާ ކަމުން އިސްތިއުފާ ދެއްވަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ފަހު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ޑރ. ޝަހީމް އިސްތިއުފާ ދެއްވަން ނިންމާފައި މިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް އިންތިހާާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔަ އަހްމަދު ދީދީ ގޮވާލައްވާފައި ވަނިކޮށެވެ. ޑރ. ޝަހީމް އިސްތިއުފާ ދެއްވާނީ މާދަމާ އެވެ،

ޗާންސެލާގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ގާމެކެވެ. އެ މަގާމަށް ދެން ބޭފުޅަކު އައްޔަން ކުރައްވާނީ އިބޫގެ ސަރުކާރުގައި ކަމަށް ބެލެވެ އެވެ.

ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އިރު، އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގެ މަސައްކަތުގައި ވެސް އުޅުއްވި އެވެ. އެ ޔުނިވާސިޓީ އުފެއްދުމަށް ފަހު އެމަނިކުފާނު ވަނީ ވައިސް ޗާންސެލަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ޗާންސެލަރު ކަމުގެ މަގާމަށް ވަޑައިގެންނެވީ ޑރ. ޒާހިރު ހުސެއިން އެ މަގާމުން ވަކި ކުރުމުންނެވެ.

ރިޔާސީ އިންތިހާބަށް ފަހު ޑރ. ޝަހީމް ވަނީ އަނެއްކާވެސް ސިޔާސީ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަށް ނިނެމެވީ ގައުމުގެ ހަމަޖެހުމަށްޓަކައި ކަމަށެވެ.

comment ކޮމެންޓް