މަރުވި ލޯބިވެރިޔާއަށްވީ ވައުދު ފުރިހަމަ ކުރުމަށް، ވެޑިން ފޮޓޯތައް އެކަނި ނަގައިފި

އިންޓަން އިންދާ ސިޔަރީ ވަނީ އޭނާގެ ވެޑިން ފޮޓޯތައް އެކަނި ނަގާފަ -- ފޮޓޯ: އިންސްޓަގްރާމް

އުމުރުން 26 އަހަރުގެ އިންޓަން ސިޔަރީ ދިޔައީ މިދިޔަ އާދިއްތަ ދުވަހު އޭނާގެ ލޯބިވެރިޔާ، ޑރ. ރިއޯ ނަންދާ ޕްރަޓަމާއާ ކައިވެނި ކުރުމަށް ތައްޔާރުވަމުންނެވެ. އަދި ކައިވެނި ކުރަންވާ ދުވަހަށް ޕްރަޓަމާއަށް ނުދެވިއްޖެ ނަމަ، ކައިވެނީގެ ފޮޓޯތައް އެކަނި ނެގުމާ ބެހޭ ގޮތުން ދެމީހުން ސަމާސާ ކުރީ މުސްތަގުބަލުގައި ވާނެ ގޮތެއް އެއްގޮތަކަށްވެސް ނޭނގެނީސް އެވެ.

ނަމަވެސް މިދިޔަ މަހުގެ 29ގައި، ޕްރަޓަމާ ދަތުރު ކުރަމުން ދިޔަ ލަޔަން އެޔާގެ މަތިންދާބޯޓު ވެއްޓުމުން، ކަންތައްތައް ވެގެން ދިޔައީ ސަމާސައަކަށް ނަމަވެސް ދެއްކި ވާހަކައާ އެއްގޮތަށެވެ.

ސިޔަރީގެ ފޮޓޯގްރާފަރު ބުނި ގޮތުގައި، ސިޔަރީގެ ލޯބިވެރިޔާ ޕަންގްކަލް ޕިނަންގް ދޫކޮށް ޖަކާޓާއަށް ދިޔައީ ޓްރެއިނިންއަކަށެވެ. އަދި ޖަކާޓާއަށް ދިޔުމުގެ ކުރިން، ޕްރަޓަމާ ވަނީ އޭނާއަށް ކައިވެނި ކުރާ ދުވަހަށް ނުދެވިއްޖެ ނަމަ ސިޔަރީ އެކަނި ފޮޓޯތައް ނެގުމަށް ވައުދު ކުރުވާފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ސިޔަރީ ކައިވެންޏަށް ލާނެ ހެދުން ހޯދާފައި ވަނީ ދެމީހުން އެއްކޮށެވެ.

އިންޓަން އިންދާ ސިޔަރީ އާއި އޭނާގެ ލޯބިވެރިޔާ ރިއޯ ނަންދާ ޕްރަޓަމާ -- ފޮޓޯ: އިންސްޓަގްރާމް

"އަހަރެންނަށް ނޮވެމްބަރު 11އަށް އަނބުރާ ނާދެވިއްޖެ ނަމަ، އަހަރެން މި ހޯދި ވެޑިން ޑްރެސް ލައިގެން، ރީތިކޮށް މޭކަޕް ކޮށްގެން، ހުދު ކުލައިގެ ފިނިފެންމަލާއެކު ރީތި ފޮޓޯތަކެއް ނަގާ އަހަރެންނަށް ފޮނުވައްޗޭ،" ޕްރަޓަމާ މަޖަލަކަށް ހަދައި ބުނި ކަމަށް ސިޔަރީގެ ފޮޓޯގްރާފަރު ބުންޏެވެ.

އެހެންކަމުން، ވެޑިން ފޮޓޯތައް އެކަނި ނަގަން ނިންމީ ޕްރަޓަމާއަށްވީ ވައުދު ފުރިހަމަ ކުރުމަށް ކަމަށް ސިޔަރީ ބުންޏެވެ.

"އަހަންނަށް ބަޔާން ނުކުރެވޭ ވަރަށް ހިތާމަ އިހުސާސު ކުރެވުނު ނަމަވެސް، އަހަރެން ކަލާއަށްޓަކައި ހިނިތުންވާން ޖެހޭ. އަދި ހިތާމަ ކުރުމުގެ ބަދަލުގައި، (ޕްރަޓަމާ) އަބަދުވެސް ބުނާ ގޮތަށް އަހަރެން ހިތްވަރުގަދަ ކުރަން ޖެހޭ،" ސިޔަރީގެ އިންސްޓަގްރާމް ޕޯސްޓެއްގައިވެ އެވެ.

ސިޔަރީގެ އެހެން އިންސްޓަގްރާމް ޕޯސްޓުތަކުގައިވާ ގޮތުން އޭނާ އާއި ޕްރަޓަމާ ދިމާވީ މީގެ 13 އަހަރު ކުރިންނެވެ.

ލަޔަން އެޔާގެ ފްލައިޓް ޖޭޓީ 610 ވެއްޓުނު ހާދިސާގައި ޑރ. ޕްރަޓަމާގެ އިތުރުން އެބޯޓުގައި ތިބި 188 މީހުން މަރުވި އެވެ. އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ.

comment ކޮމެންޓް