ސަރުކާރު ކުންފުނިތަކުން ދައުލަތަށް ފައިދާ ނުވި ސަބަބު ބަލަނީ

2019 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރުމަށް ބެއްވި މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ / އަޙްމަދު އަވްޝަން އިލްޔާސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށް ޖަހާފައިވާ އަދަދާ ގާތަށްވެސް ދައުލަތަށް އާމްދަނީ ވަދެފައި ނުވާ ކަމަށް ބުނެ ބަޖެޓް ކޮމިޓީ ފައިދާ ނުވި ސަބަބު ބަލަން ނިންމައިފި އެވެ.

ފެށޭ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ކުންފުނިތަކުން ދައުލަތަށް އާމްދަނީ ހޯދައިދީފައިވާ މިންވަރާ ބެހޭގޮތުން މެމްބަރުން ވާހަަކަ ދެއްކި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކުންފުނިތަކުން ހޯދާފައިވާ އާމްދަނީއާ ބަޖެޓުގައި އާމްދަނީ ލިބޭނެ ކަމަށް ޖަހާފައިވާ އަދަދުތަކާ ބެހެގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އީވާ ވިދާޅުވި ގޮތުން އެސްޓީއޯއިން ސަރުކާރަށް 2018 ވަނަ އަހަރު ދައްކާފައި އޮތީ ފަސްލައްކަ ރުފިޔާ ކަމަށެވެ.

"މިސާލަކަށް އެސްޓީއޯއިން ފަސްލައްކަ ސަރުކާރަށް ޑިވިޑެންޑ. އެހެންވެއްޖެއްޔާ އެސްޓީއޯއިން އެއޮއްބޮޑު ކުންފުނި. ސަރުކާރުން އެވަރަށް ރިސޯސްލައިގެން ހިންގާ އެއޮއްބޮޑު ކުންފުނި ގެނެސްފައި އަޅުގަނޑުމެން އެބަ އަހަންޖެހޭ ކޮން މަސައްކަތެއްތޯ ކުރަނީ،" އީވާ ވިދާޅުވި އެވެ.

ސަރުކާރަށް އެސްޓީއޯއިން ޑިވިޑެންޑްގެ ގޮތުގައި މި އަހަރު ފަސްލައްކަ ރުފިޔާ ލިބިފައިވާއިރު ފެށޭ އަހަރު އެސްޓޯއިން ދައުލަތަށް 100 މިލިއަން ލިބޭނެ ކަމަށް ޖަހާފައި އޮތީ ކޮން އީޖާދުތަކެއް ކޮށްގެންތޯ ސާފުވާން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެމްޓީސީސީން މި ހިނގާ އަހަރު ދައުލަތަށް ފައިދާގެ ގޮތުގައި އެއްވެސް ލާރިއެއް ވައްދާފައި ނެތް ކަމަށް އީވާ ވިދާޅުވި އެވެ. އެގޮތަށް އެތައް ބައިވަރު ކުންފުންޏެއް ދައުލަތަށް ފައިދާ ނުވަދެ ހިންގާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އަދި އެމްޕީއެލުންވެސް ދައުލަތަށް އެއްވެސް ފައިދާއެއް ވަންނަ ކަމަށް ނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސުވާލުކުރަން ބޭނުނީ ކިހިނެތް ކުންފުނިތައް ހިންގާތީތޯ ސަރުކާރުގެ ޑިވިޑެންޑް އެހާ އެ ކުޑަވަނީ. އަޅުގަނޑަށް ވިސްނޭގޮތުގައި ކުންފުނިތަކަކާއެއް ނޫން އެ ސުވާލު ކުރަންވީއެއް. ފިނޭންސް މިނިސްޓްރީގައި އިންނަވާނެ ކުންފުނިތަކާބެހޭ މީހާ. އެ ޑިޕާޓްމެންޓާ އަޅުގަނޑުމެން ސުވާލުކުރަންވީ،" އީވާ ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ބަޖެޓް ތައްޔާރުކޮށްފައިވަނީ ވަރަށް ހީލަތްތެރި ގޮތަކަށް ކަމަށެވެ. މުސްތަފާ ވިދާޅުވީ 2017 ވަނަ އަހަރު ޕޯޓްސް ލިމިޓެޑުން 55 މިލިއަން ރުފިޔާ ދައުލަތަށް ފައިދާވި ކަމަށް ލިޔެފައިވާ ކަމަށާއި އަދި 2018 ވަނަ އަހަރު 40 މިލިއަން ލިބުނު ކަމަށް ލިޔެފައިވާއިރު 2019 ގައި 100 މިލިއަން ލިބޭނެ ކަމަށް ލިޔެފައިވާ ކަމަށެވެ.

"މި ބޭފުޅުންގެ ޒިންމާއިން ކެނޑިގެން ސަރުކާރު ގޮސް މި ލައްވާލަނީ އެހެން ބަޔަކާ. ދެން އަންނަ ބަޔަކަށް މިހާ ގިނަ ފައިސާ ލިބޭނެ ކަމަށް،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ އެވާ ގޮތް ބަލަން ޖެހޭ ކަމަށެވެ. އާ ސަރުކާރު އައީމަ މަތިން ފައިސާ އޮހެނީ ނޫން ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި މިސަރުކާރުގައި ނުލިބުނު އެއްޗެއް ފެށޭ ސަރުކާރުގައި ލިބޭނެ ކަމަށް ލިޔެފައިވާ ސަބަބު ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިއަދު ކޮމިޓީގައި ނިންމާފައިވަނީ ބަޖެޓް ކޮމިޓީއަށް ކުންފުނިތައް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އެގޮތުން އެސްޓީއޯ، ސްޓެލްކޯ، ވެމްކޯ، އެމްޑަބުލިއުއެސްސީ، މިފްކޯ ހިމެނޭ ގޮތަށް ގިނަ ކުންފުނިތަކެއް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް