ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ކޮލަމްބޯ (ނޮވެމްބަރު 14): ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި ކަމަށް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ޓަމިލް ނެޝަނަލް އެލަޔަންސް (ޓީއެމްއޭ)ގެ ލީޑަރު އާރު. ސަމްޕަންތަން ވިދާޅުވި ގޮތުގައި މިއަދު ބޭއްވި މަޖިލިސް ބައްދަލުވުމުގައި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން 122 މެމްބަރުން ވޯޓު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.

"ސަތޭކަ ބާވީސް މެމްބަރުން ވަނީ އިތުބާރު ނެތް ކަމުގެ ވޯޓަށް ތާއިދު ކުރާ ކަން މަޖިލީހުގެ ރައީސަށް އަންގާފައި،" ވިކްރަމަސިންހަ ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި އިތުބާރު ނެތް ކަމަށް ވޯޓު ނެގުމުގެ ކުރިން ރާޖަޕަކްސަ އާއި ދަރިކަލުން ނަމާލް ރާޖަޕަކްސަ ވަނީ މަޖިލީހުން ބޭރަށް ވަޑައިގަންނަވައިފަ އެވެ. އަދި ރާޖަޕަކްސައަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ މަޖިލީހުގައި އަޑުގަދަކޮށް، ވޯޓަށް ހުރަސް އަޅައިފަ އެވެ.

މިއަދުގެ ބައްދަލުވުން ނިންމާލުމުގެ ކުރިން މަޖިލީހުގެ ރައީސް ކަރޫ ޖާޔަސޫރިޔާ ވަނީ މާދަމާ ވެސް ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެވޯޓަށް ފަހު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ޕާޓީން ވަނީ އެވޯޓު ނަގާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ.

އަދި ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ފާސް ކުރި ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮތް ރަނިލް ވިކްރަމަސިންހައަށް ވެރިކަމަށް ވަޑައިނުގަނެވޭނެ އެވެ. ސަބަބަކީ ބޮޑުވަޒީރު އައްޔަން ކުރުމުގެ ބާރު ލިބިފައި ވަނީ ރައީސް ސިރިސޭނާއަށް ކަމަށްވާތީ އެވެ.

ރައީސް ސިރިސޭނާ، ލަންކާގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ގަ އެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ސިރިސޭނާ ވަނީ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފަ އެވެ.

ނަމަވެސް އިއްޔެ ލަންކާގެ ސުޕްރީމް ކޯޓުން ވަނީ އަންނަ މަހު ހަތެކާ ހަމަޔަށް އެނިންމުން ބާތިލުކޮށްފަ އެވެ. އަދި އެގައުމުގައި ޖެނުއަރީ މަހު އާއްމު އިންތިހާބެއް ބޭއްވުމަށް ކުރަމުންދާ ތައްޔާރީތައް ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.

comment ކޮމެންޓް