ސިޔާމް މައުރޫފް ކަޕް: މިފަހަރު މުބާރާތް ބާއްވާ ރަށާއި ޑިފެންޑިން ޗެމްޕިއަން އެއް ގްރޫޕެއްގައި!

13 ނޮވެމްބަރު 2018: ސިޔާމް މައުރޫފް ސޮކާ ކަޕް 2018ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒް މޫސާ

މި އަހަރުގެ ސިޔާމް މައުރޫފް ސޮކާ ކަޕް ފުޓުބޯޅަ މުބާރާތުގެ ޑްރޯގައި، މުބާރާތް ބާއްވާ ރަށް ކަމަށްވާ ނ. ކެނދިކުޅުދޫ އާއި ޑިފެންޑިން ޗެމްޕިއަން ނ. މިލަދޫ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

"ސިޔާމް މައުރޫފު ސޮކާ ކަޕް 2018"ގެ ޑްރޯ ނެގުން އޮތީ އެކަމަށްޓަކައި މިރޭ އާޓް ގެލަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ގައުމީ ޓީމުގެ ރަން ކެޕްޓަން އައްސަދު އަބްދުލް ޣަނީ ވެސް ބައިވެރިވި އެވެ.

13 ނޮވެމްބަރު 2018: ސިޔާމް މައުރޫފް ސޮކާ ކަޕް 2018ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒް މޫސާ

މިފަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 11 ރަށެއްގެ ޓީމުތައް ބައިވެރިވާނެ އެވެ. މިފަހަރުގެ މުބާރާތް ބާއްވާނީ އެ އަތޮޅު ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގަ އެވެ. މުބާރާތް ކުރިއަށް ދާނީ މި މަހުގެ 26 އިން ޑިސެމްބަރު މަހުގެ 25ގެ ނިޔަލަށެވެ.

މުބާރާތުގައި ޖުމްލަ ނުވަ ޓީމު ބައިވެރިވާ އިރު ގްރޫޕް އޭގައި ހަ ޓީމު ހިމެނެ އެވެ. ގްރޫޕް ބީގައި ހިމެނެނީ ފަސް ޓީމެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫ، މުބާރާތުގެ ޑިފެންޑިން ޗެމްޕިއަން މިލަދޫ، މާޅެންދޫ، ހެނބަދޫ، މަނަދޫ އަދި މަގޫދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ކަމަށްވާ ލަންދޫ، ވެލިދޫ، މާފަރު، ހޮޅުދޫ އަދި ކުޑަަފަރި އެވެ.

މި އަހަރުގެ މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކެނދިކުޅުދޫ އާއި މާޅެންދޫ އެވެ.

13 ނޮވެމްބަރު 2018: ސިޔާމް މައުރޫފް ސޮކާ ކަޕް 2018ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒް މޫސާ

ސިޔާމް މައުރޫފު ސޮކާ ކަޕް 2018ގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ 600،000 ރުފިޔާ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް ދިނީ 500،000 ރުފިޔާ އެވެ. މި އަހަރު ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއާ ޕްލޭ ޓީމަށް 25،000 ރުފިޔާ، އަދި އެންމެ ސަޕޯޓަރުން ރަނގަޅު ޓީމަކަށް 15،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

13 ނޮވެމްބަރު 2018: ސިޔާމް މައުރޫފް ސޮކާ ކަޕް 2018ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒް މޫސާ

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް މަސައްކަތް ކުރާ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީ ވަނީ ނ. އަތޮޅުގައި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ޝިޔާމް މައުރޫފް ކަޕްގެ ދެ ބާނީން ކަމަށްވާ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު، އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ކުރައްވާ މަސަައްކަތް ފާހަގަ ކުރައްވައި އެ ދެބޭފުޅުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

"މިރޭ އަޅުގަނޑުމެން މި އުފާ އަޅުގަނޑުމެން ހާސިލު ކުރާ އިރުގައި، ވަރަށް ބޮޑު ޝުކުރެއް ހައްގުވާ ދެ ފަރާތެއް ވޭ. އެއީ މި މުބާރާތުގެ ދެ ބާނީން. އެއީ ދ. މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު،" ނ. މާފަރަށް ނިސްބަތްވާ އައްސަދު ބުންޏެވެ.

13 ނޮވެމްބަރު 2018: ސިޔާމް މައުރޫފް ސޮކާ ކަޕް 2018ގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީ ވާހަކަ ދައްކަނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން މީގެ ހަތަރު އަހަރު ކުރިން ބާއްވަން ފެށި މުބާރާތެކެވެ. އެ މުބާރާތަކީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތެެވެ.

މީގެ ކުރިން ވެސް މުބާރާތް ބާއްވާ ރަށްރަށުގައި މުބާރާތުގެ ކުރިން ފުޓުބޯޅައިގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެ އެވެ. އެގޮތުން ޗޭންޖިން ރޫމް ހެދުމާއި ރޮސްޓްރޮމް އެޅުމާއި، ދަނޑު އެއްވަރު ކުރުން ފަދަ ކަންތައްތައް މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ކޮށްދެ އެވެ.

މިދިޔަ އަހަރުގެ ސިޔާމް މައުރޫފް ކަޕްގެ ޗެމްޕިއަން ޓީމު މިލަދޫ: އެ ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ދެ ބާނީން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް އަދި ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން

މިދިޔަ އަހަރު ސިިޔާމް މައުރޫފް ސޮކާ ކަޕް ބޭއްވީ މާޅެންދޫގަ އެވެ. އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންލަން މިލަދޫ ގެންދިޔައީ ފައިނަލުގައި 1-0ގެ ނަތީޖާއިން ލަންދޫ ބަލިކޮށްގެންނެވެ. މިދިޔަ އަހަރު ފެއާ ޕްލޭ ޓީމަށް ހޮވުނީ މާޅެންދޫ އެވެ. އެންމެ ރަނގަޅު ސަޕޯޓިން ޓީމަށް ހޮވުނީ މިލަދޫ އެވެ.

comment ކޮމެންޓް