އަލްހާން ފަހުމީ ޖޭޕީއަށް ސޮއިކުރައްވައިފި

އަލްހާން ފަހުމީ ޖޭޕީ އާ ގުޅިވަޑައިގަތުމަށް ފަހު، މެމްބާޝިޕް ފޯމް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާ ހަވާލުކުރެއްވުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލހުގެ ފޭދޫ ދައިރާކެ ކުރީގެ މެމްބަރު، އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފި އެވެ.

އަލްހާން ޖޭޕީ އާ ގުޅިވަޑައިތީ މިއަދު އެޕާޓީގެ އިދާރާ، މާފަންނު ކުނޫޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެވެ. ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު، މެމްބާޝިޕް ފޯމް އަލްހާން، އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސް ރައީސް ގާސިމް އިބްރާހިމް އާ ހަވާލުކުރެއްވި އެވެ.

ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު، އަލްހާން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ، ޖޭޕީއާ ގުޅިވަޑައިގަތީ ކުރިން ހުންނެވި އެމްޑީޕީއާ ގުޅޭނެ ފުރުސަތެއް ނެތިގެން ނޫން ކަމަށާއި ޖޭޕީގެ ލީޑަރަކީ އެއް މިސްރާބަކަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އެނާ އަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުން މިހާރުވަނީ ކޯލިޝަން އަކަށް ވޯޓުދީ، އެ ކޯލިޝަން އިން ނެރުނު ކެންޑިޑޭޓް ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުކޮށްފައި ކަމަށާއި، އެ ކޯލިޝަން ގެ ސަރުކާރު ދަމަހައްޓާ ނަގަހަޓަން ޖޭޕީގެ ލީޑަރާއެކު ތައްޔާރަށް ހުންނެވި ކަމަށް ކުރިން ޖޭޕީގެ ނައިބު ރައީސްކަން އަދާ ކުރެއްވި އަލްހާން ވިދާޅުވިއެވެ.

"ސިޔަސީ ކަންތައްތަކަކީ އެވަގުތެއްގައި އެކުރަންޖެހޭ ކަމެެއް އެވަގުތަކަށް ކޮށްގެން ކުރަން ޖެހޭ ކަންތައް އެގޮތައް ރާވާގެން ނޫން ގޮތަކަށް ކަންކަން ހާސިލް ކުރެވެން ނޯންނަ ކަމެއް،" ރިޔާސީ އިންތިހާބުގެ ފަހު ހަފްތާގައި ޕީޕީއެމް އާ ގުޅިވަޑައިތް ސަބަބު ހާމަ ކުރައްވާ އަލްހާން ވިދާޅުވިއެވެ.

އަލްހާން ޖޭޕީ އާ ގުޅިވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

"އަޅުގަނޑު އަނބުރާ މިއައީ އަޅުގަނޑު ހާސިލް ކުރަން ބޭނުންވި ކަންތައް ހާސިލް ކޮށްގެން. އަޅުގަނޑު މަސައްކަތް ކުރީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ހޯދައިދޭން ވެގެން. އަޅުގަނޑު މަސައްކަތް ކުރީ ސިޔާސީ ކަންކަމުގައި ގެއްލެމުން ދިޔަ އަދާލަތާއި ވެރިކަމުގެ ނިޒާމް ކިލަނބުވެގެން ދިޔައިރު، އަޅުގަނޑު ފަރުދީ ހައިސިއްޔަތުންވެސް އަޅުގަނޑު ހުރި ތަނެއްގައި ހުރެގެން ކުރި މަސައްކަތްތަކާއި ފާޅުކުރި ހިޔާލުތައް ރާއްޖޭގެ ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް ފެންނަން އޮންނާނެ،" މިއަދު ޖޭޕީއާ އަލަށް ގުޅިވަޑައިގެންނެވި އަލްހާން ވިދާޅުވިއެވެ.

އެ ޕާޓީގެ ލީޑަރު ގާސިމް، އަލްހާން އާ ގުޅޭގޮތުން ވިދާޅުވީ، އެނާއަކީ ވަރަށް ހިދުމަތްތެރި، ބޭފުޅެއްކަމަށާއި އެޕާޓީއަށް އަލްހާން ގުޅިވަޑައިގަތުމަކީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ސިޔާސީ މަސްރަހުގައި ޕާޓީ ބަދަލު ކުރެއްވުމަކީ ރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް އާ ކަމެއް ނޫން ކަަމަށާއި ޖުމްހޫރީ ޕާޓީއަށް ހިދުމަތްތެރި ބޭފުޅުން ގުޅުވަޑައިގަންނަވާތީ ވަރަށް އުފާ ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ޕާޓިގެ އަސާސީ ގަވާއިދު ތަންދޭ ކަމުގައިވާނަމަ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ވަކި ބޭފުޅަކަށް ބެލުމެއް ނެތި ކޮންމެ މީހަކަށްވެސް އެ ޕާޓީ އިން މަރުހަބާ ކިޔާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ހަފްތާއެއްވެފައި ވަނިކޮށް އަލްހާން ވަނީ ވެރިކަން ކުރާ ޕީޕީއެމް އާ ވެސް ގުޅިވަޑައިގެންފައެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު މާ ގިނަ ދުވަހެއް ނުވެ އަލްހާން އެޕާޓީން ވަކިވެވަޑައިގަތެވެ.

comment ކޮމެންޓް