އިބޫގެ ސަރުކާރުން ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ވިސްނަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ސަންފޮޓޯ/

އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައުމަށް ފަހު އަހަރުގެ މެދުތެރޭން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ވިސްނަމުންދާ ކަމަށް ބަޖެޓް އެކުލަވާލި ޓްރާންސިޝަނަލް ކޮމިޓީން ބުނެފި އެވެ.

ވޭތުވެދިޔަ އަހަރު ވެސް ވަނީ ދައުރުގެ މެދުތެރޭން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 493 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފައިނޭންސް ޓްރާންސިޝަނަލް ކޮމިޓީން މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ކޯޗެއާ އިބްރާހިމް އަމީރު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ދައުރުގެ މެދުތެރޭން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ވިސްނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެބަވިސްނަން. އަދި އެއްކޮށް ފައިނަލް ނުކުރަން. ސަޕްލިމެންޓްރީ ބަޖެޓެއް މި ފެށިގެން އަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ވައުދުތައް އޭގެން ހަމައެއްކޮށް ރިފްލެކްޓްވާނެ ޕްރޮގްރާމް ބަޖެޓެއް އަޅުގަނޑުމެން ހުށަހަޅަން." އަމީރު ވިދާޅުވި އެވެ.

ފެށޭ އަހަރު އެކުލަވާލާ ސަޕްލިމެންޓްރީ ބަޖެޓުގައި ރަށްރަށަށް ބޭނުންވާ ބޭސިކް ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރުމަށް ހިމެނިގެން ދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

މިއަދު ހުށަހެޅި ބަޖެޓުގައި ކޮންމެވެސް ވަރަކަށް އިބޫގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނާފައިވާނެ ކަަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ކިޔަވަންދާ ކޮންމެ ކުއްޖަކަށް ކިރުތައްޓަކާއި ދޮންކެޔޮވަކެއް ދިނުން ވެސް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ފުރަތަމަ ޑިގްރީއާ ހަމައަށް މަތީ ތައުލީމު ހިލޭ ދިނުމަށް އިބޫ ވެފައިވާ ވައުދު ފުއްދުމަށް ބޭނުންވާ ފައިސާ ވެސް މިއަދު ހުށަހެޅި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ސަރުކާރާއި އަޅާ ބަލާއިރު ބޮޑު އެއްޗެސް ރާއްޖެ އިޝްތިހާރު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން 12 މިލިއަން ޑޮލަރު ރާއްޖެ އިޝްތިހާރު ކުރަން ހާއްސަކޮށް ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ދައުލަތުގެ ދަރަންޏަށް 23 ބިލިއަން ރުފިޔާ އިތުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް