މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުން ފެއިލްވި ޕައިލެޓަކު ތިން އަހަރަށް ސަސްޕެންޑުކޮށްފި

އަލްކަހޯލް ޓެސްޓުން ފެއިލްވި އެއާ އިންޑިއާ ޕައިލެޓަކު ވަނީ ތިން އަހަރަށް ސަސްޕެންޑުކޮށްފައި -- ފޮޓޯ: އީޕީއޭ

ދިއްލީ (ނޮވެމްބަރު 13): އެއާ އިންޑިއާގެ ޕައިލެޓަކު ދަތުރު ފެށުމުގެ ކުރިން ބަނގުރާ ބުއިކަން ސާބިތުވުމުން އޭނާ ތިން އަހަރަށް ސަސްޕެންޑުކޮށްފި އެވެ.

އެއާ އިންޑިއާގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް، ކެޕްޓަން އަރުވިންދު ކަތުޕަލިއާ މަސްތުވާތަކެއްޗަށް ޓެސްޓު ކުރީ އާދިއްތަ ދުވަހު ދިއްލީން ލަންޑަނަށް ދާން އޮތް ފްލައިޓެއްގެ ދަތުރު ފެށުމުގެ ކުރިންނެވެ.

އޭވިއޭޝަން ގަވާއިދުތަކުގައިވާ ގޮތުން ދަތުރު ފެށެން 12 ގަޑި އިރު ވުމަށް ފަހު ޕައިލެޓަކު ބަނގުރާ ބޮއެގެން ނުވާނެ އެވެ. ނަމަވެސް ކެޕްޓަން ކަތުޕަލިއާއަށް ދިން އަލްކަހޯލް ޓެސްޓުން ވަނީ އޭނާ އޭގެ ފަހުން ރާ ބޮއެފައިވާކަން ދައްކައިފަ އެވެ.

އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރު، ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ކެޕްޓަން ކަތުޕަލިއާ ސަސްޕެންޑު ކޮށްފައި ވަނީ މިމަހުގެ 11 އިން ފެށިގެން ތިން އަހަރަށެވެ.

އޭވިއޭޝަން އޮފިޝަލުން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ވެސް އެފަދަ މައްސަލައެއްގައި ކަތުޕަލިއާ ތިން މަހަށް ސަސްޕެންޑު ކޮށްފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް