މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ ދިރާސާ އަށް ބައި މިލިއަން ރުފިޔާ ބަޖެޓްކޮށްފި

މަކުނުދޫ: އެއާޕޯޓް އަޅަން ދިރާސާއެއް ކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައި

ހދ. މަކުނުދޫގައި އެއާޕޯޓެއް އެޅުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ބަޖެޓުގައި ހިމަނައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެ މަޝްރޫއު އަށް 500،000 ރުފިޔާ ވަނީ ބަޖެޓް ކޮށްފަ އެވެ.

މަކުނުދޫ އަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް ހެދުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުޅެކެވެ. އިންތިހާބުގެ ކެމްޕެއިނުގައި މަކުނުދުއަށް ވަޑައިގެން އިބޫ ވިދާޅުވީ އެ ރަށަށް ދަތުރުކުރަން އެންމެ ރަނގަޅީ ސީޕްލޭންގައިތޯ ނުވަތަ އެ ރަށަށް އެންމެ އެކަށީގެން ވަނީ އެއާޕޯޓެއްތޯ ބެލުމަށް ދިރާސާ ކުރައްވާނެ ކަމަށެވެ.

އިބޫގެ ކެމްޕެއިން ވައުދުތަކުގެ ތެރޭގައި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަކުނުދުއަށް ވައިގެމަގުން ޚިދުމަތް ދޭން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.

މަކުނުދޫ އަކީ ރާއްޖޭގެ ހުޅަނގު އުރުތުން މީހުން ދިރިއުޅޭ ރަށްރަށާ ވަކިިން އޮންނަ ރަށެކެވެ.

އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވައުދުފުޅެކެވެ. ނަޝީދުގެ ވެރިކަން ނިމުނު އިރު މަކުނުދޫގައި އެއާޕޯޓު އެޅުމުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ރައީސް ޔާމީންގެ ކެމްޕެއިން ތެރޭގައި ވެސް ވަނީ މަކުނުދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

ހދ. އަތޮޅުގައި އޮންނަ ހަނިމާދޫ އެއާޕޯޓަށް ދިއުމަށް މަކުނުދޫ މީހުން ދިގު އަދި ހަރަދު ބޮޑު ދަތުރެއް ކުރަން ޖެހެ އެވެ. ކުޅުދުއްފުށީ އެއާާޕޯޓަށް ދިއުމަށް ވެސް ހަމަ އެ ހަރަދާއި ވަގުތު ހޭދަވާނެ ކަމަށް އެ ރަށު މީހުން ބުނެ އެވެ.

comment ކޮމެންޓް