ވެލާނާ އެއާޕޯޓް ޕްރޮޖެކްޓަށް އަންނަ އަހަރުގެ ބަޖެޓުގައި 1.7 ބިލިޔަން ރުފިޔާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްތަކެއް ހިނގަމުން ދާ އިރު ފްލައިޓެއް ޖައްސަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.7 ބިލިޔަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި، އެއް ޕްރޮޖެކްޓަކަށް އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ފައިސާ ކަނޑައަޅާފައިވަނީ ދެ ބަޔަކަށެވެ. އެއީ ރަންވޭ ތަރައްގީކުރުމާއި ޓާމިނަލް ޕްރޮޖެކްޓަށެވެ.

މިހާރުވެސް ފެށިގެން ކުރިއަށްދާ އެ ދެ ޕްރޮޖެކްޓަށް 1.7 ބިލިޔަން ހަރަދުކުރަން ކަނޑައަޅާފައިވާއިރު އެ ފައިސާއަކީ ބޭރުގެ ލޯނުތަކެވެ. އެގޮތުން ރަންވޭ ޕްރޮޖެކްޓަށް 978 މިލިޔަން ރުފިޔާގެ ލޯނު އަދި ޓާމިނަލް ޕްރޮޖެކްޓަށް ޖުމްލަ 680 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ބޭރުގެ އެކި މާލީ އިދާރާތަކުން ދޫކުރާނެއެވެ.

ރަންވޭ މަސައްކަތަށް އަންނަ އަހަރު ހަރަދުކުރަން ހަމަޖެހިފައިވާ 978 މިލިޔަން ރުފިޔާ އަކީ ޗައިނާގެ އެގްޒިމް ބޭންކުން ދޭ ލޯނުގެ ފައިސާއެވެ.

ރަންވޭ މަސައްކަތަށް 2017 ވަނަ އަހަރު އެގްޒިމް ބޭންކުން 636 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ބަޖެޓުގައި ބުނެފައި ވެއެވެ. އަދި މި އަހަރު އެ ޕްރޮޖެކްޓަށް އިތުރު 1.6 ބިލިޔަން ދީފައިވާއިރު އަންނަ އަހަރު ދޭން ހަމަޖެހިފައިވާ 978 މިލިޔަން ރުފިޔާގެ އިތުރަށް 2020 ވަނަ އަހަރު 878 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ޕްރޮޖެކްޓަށް އެގްޒިމް ބޭންކުން ދޭނެކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ޕްރޮޖެކްޓް މުޅިން ނިމޭނެ ކަމަށް ލަފާކުރެވެނީ 2020 ވަނަ އަހަރުއެވެ. އަދި އެ މަސައްކަތަށް، ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުން ޖުމްލަ ހަތަރު ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.

އެއީ ސަރުކާރުން އެ ޕްރޮޖެކްޓަށް ހަރަދުވާނެ ކަމަށް ބުނި 400 މިލިޔަން ޑޮލަރު (6.1 ބިލިޔަން ރުފިޔާ) އަށް ވުރެ ދަށް އަދަދެކެވެ.

ޓާމިނަލް ޕްރޮޖެކްޓަށް ހަރަދުކުރަން ކަނޑައަޅާފައިވާ 680 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލިބެނީ މާލީ ތަފާތު އިދާރާތަކުންނެވެ. އެގޮތުން އެ ޕްރޮޖެކްޓަށް އަބޫދާބީ ފަންޑުން 188.6 މިލިޔަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. އަބޫދާބީ ފަންޑުން ޓާމިނަލް ޕްރޮޖެކްޓަށް 2017 ވަނަ އަހަރު 12.9 މިލިޔަން ރުފިޔާ ދީފައިވާއިރު، މި އަހަރު އެއްވެސް އަދަދެއް ދީފައެއް ނުވެއެވެ.

ސައުދީ ފަންޑުން ޓާމިނަލް ޕްރޮޖެކްޓަށް އަންނަ އަހަރު 185 މިލިޔަން ރުފިޔާ ދޭނެ ކަމަށް ބަޖެޓުކޮށްފައިވެއެވެ. ސައުދީ ފަންޑުން 2017 ވަނަ އަހަރު މި ޕްރޮޖެކްޓަށް 38.8 މިލިޔަން ރުފިޔާ އަދި މި އަހަރު 358.9 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ބަޖެޓު ފޮތުގައި ބުނެފައި ވެއެވެ.

ކުވައިތު ފަންޑުން އެ ޕްރޮޖެކްޓަށް 152.7 މިލިޔަން ރުފިޔާ އަންނަ އަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު، އެ ފަންޑުން މީގެ ކުރިން ޓާމިނަލް ޑިވެލޮޕްމަންޓަށް ލޯނު ދީފައެއް ނުވެއެވެ.

ޓާމިނަލް ޑިވެލޮޕްމަންޓަށް އަންނަ އަހަރު އޯފިޑުން ވެސް 154 މިލިޔަން ރުފިޔާ ދޭނެ ކަމަށް ބަޖެޓުގައި ބުނެފައިވާއިރު، މީގެ ކުރިން އޯފިޑުން ވެސް މި ޕްރޮޖެކްޓަށް ލޯނު ދީފައެއް ނުވެ އެވެ.

އެއާޕޯޓް ރަންވޭ ޑިވެލޮޕްމަންޓްގެ ލޯން ފަންޑިން 2020 ވަނަ އަހަރު ނިމޭއިރު، ޓާމިނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ފަންޑިން 2021 ވަނަ އަހަރަށް ދިގުދެމިގެން ދާނެއެވެ.

comment ކޮމެންޓް