މަރުވެގެން ލެއްގި ސްޕާމްވޭލްއެއްގެ ބަނޑުން ހަ ކިލޯގެ ޕްލާސްޓިކް

އިންޑޮނީޝިއާއަށް ލެއްގި ސްޕާމްވޭލްގެ ބަނޑުން 6 ކިލޯގެ ޕްލާސްޓިކް ވަނީ ފެނިފައި--

މަރުވެގެން އިންޑޮނީޝިއާގެ ނެޝަނަލް ޕާކެއްގެ ކައިރިއަށް ލައްގާފައި އޮތް ބޮޑުމަހުގެ ބާވަތެއް ކަމަށްވާ ސްޕާމްވޭލެއްގެ ބަނޑުން 6 ކިލޯގެ ޕްލާސްޓިކް ފެނިއްޖެއެވެ.

އެ މަހުގެ ބަނޑުން ފެނުނު ޕްލާސްޓިކް ހިމެނޭ ތަކެތީގެ ތެރޭގައި 115 ޖޯޑާއި ހަތަރު ފުޅިއާއި އަދި 25 ޕްލާސްޓިކް ކޮތަޅުގެ އިތުރުން ދެ ފައިވާން ހިމެނެއެވެ.

ތިރީސް އެއް ފޫޓުގެ އެ މަސް އިންޑޮނީޝިއާގެ ކަޕޯޓާ އައިލެންޑްގެ ވަކަޓޮވީ ނެޝެނަލް ޕާކަށް ލައްގާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ތިމާވެށީގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ އެ ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"އެ މަސްމަރުވި ސަބަބު އަސްލު އަޅުގަނޑުމެންނަށް ނޭނގުނު ނަމަވެސް އެހާ ބައިވަރު ޕްލާސްޓިކް އެކުލެވޭ ތަކެތި ފެނުމަކީ ވަރަށް ބޮޑު މައްސަލައެއް،" އިންޑޮނީޝިއާގެ މެރިން ސްޕީޝިސް ކޮންސަވޭޝަން ކޯޑިނޭޓަރެއް ކަމަށްވާ ދުވީ ސުޕްރަޕްތީ ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހު ޕައިލެޓް ވޭލްއެއްވެސް އެފަދަ ހާދިސާއެއްގައި ތައިލެންޑްގައި ވަނީ މަރުވެފައެެވެ. އެ މަހުގެ ބަނޑުން އެ ފަހަރު 80 ޕްލާސްޓިކް ކޮތަޅު ފެނުނެވެެ.

ދުނިޔޭގެ ކަނޑުތަކުގައި ޕްލާސްޓިކްގެ މިންވަރު ތިން ގުނަ އިތުރުވާނެ ކަމަށް މި އަހަރު ކުރީކޮޅު ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް