އިސްރާއީލުގެ އުދުވާން ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖްތަމައުން ގޮވާލައިފި

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނުގައި ހަމާސްގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާ

ޣައްޒާ (ނޮވެމްބަރު 13) : އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް މިސްރާއި ރަޝިޔާއިން އިސްރާއީލަށް އަންގައިފިއެވެ.

މިސްރުގެ ރަސްމީ ނޫހެއްކަމަށްވާ "އަލްއަހްރާމް" ބުނިގޮތުގައި މިސްރު ސަރުކާރުންވަނީ ޣައްޒާއަށް ދޭ އުދުވާން ވަގުތުން ހުއްޓާލައި ފަލަސްތީނުގެ މުޖާހިދުންނާއެކު ދިގުމުއްދަތަކަށް ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކަށް އެނބުރި ރުޖޫއަވުމަށް އިސްރާއީލުގެ މަސްއޫލުވެރިންނަށް އަންގާފައެވެ. އިސްރާއީލުން ފަލަސްތީނުގެ މުޖާހިދުންނާއެކު ދިގުމުއްދަތަކަށް ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކަށް ކުރިޔަށްގެންދަނީ މިސްރު މެދުވެރިއެއްގެ ބައި އަދާކޮށްގެންނެވެ.

އިސްރާއީލު ސިފައިންގެ ބަޔަކު ސަރަހައްދީ ރޮނގު ހުރަސްކޮށް ސިއްރުން ޣައްޒާއަށް ވަދެ އުދުވާނީ ހަމަލާތަކެއްދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލީ މުޖާހިދުންނާއެކު ދިގުމުއްދަތަކަށް ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކަށް މިސްރުން ކުރިޔަށްގެންދަނިކޮށެވެ. ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދަނިކޮށް އިސްރާއީލުން މިގޮތަށް އަމަލުކުރުމުން މިސްރު ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށް މިސްރުގެ ރިޔާސަތާ ހަވާލާދީ "އަލްއަހްރާމް" ނޫސް ބުނެއެވެ.

އަނެއްކޮޅުން ރަޝިޔާއިންވެސްވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާން ކުށްވެރިކޮށް އުދުވާން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު އެ ބަޔާނުގައި އިސްރާއީލު ސިފައިންގެ ބަޔަކު މިދިޔަ ހޯމަދުވަހު ޣައްޒާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސިއްރުން ޣައްޒާއަށް ވަދެ އުދުވާނީ ހަމަލާތައްދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލި މައްސަލަ ވަރަށްބޮޑަށް ކުށްވެރިކޮށްފައިވެއެވެ. އަދި އިސްރާއީލުގެ އުދުވާނަށްފަހު ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ވަގުތުން ހުއްޓާލުމަށް ދެފަރާތަށް ރަޝިޔާގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ޔޫރަޕްގެ އިއްތިޙާދުން ނެރުނު ބަޔާނުގައިވެސް އިސްރާއީލުގެ އުދުވާން ކުށްވެރިކޮށްފައިވެއެވެ. ނަމަވެސް ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ މުޖާހިދުންނަށްވެސް ގޮވާލާފައިވެއެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގްޓަރެސް ވެސް ވަނީ އިސްރާއީލު ސިފައިންގެ ބަޔަކު ސިއްރުން ޣައްޒާއަށް ވަދެ ހިންގި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. އެބަޔާނުގައި މިހާރު ކުރިޔަށްދާ ހަމަލާތައް ހުއްޓާލައި ނަފްސު ކޮންޓްރޯލް ކުރުމަށް އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ ޖަމާއަތްތަކަށްވެސް ގޮވާލާފައިވެއެވެ.

އިސްރާއީލުގެ އުދުވާނަށް ތާއީދުކޮށް ބަޔާންނެރުނު ހަމައެކަނި ގައުމަކީ އެމެރިކާއެވެ. އެމެރިކާވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނަށް ހިތްވަރުދީ އެކަމަށް ތާއީދުކޮށްފައެވެ. އަދި ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ދެމުން ގެންދަނީ ޓެރަރިޒަމްގެ ހަމަލާތަކެއްކަމަށްވެސް އެމެރިކާވަނީ ސިފަކޮށްފައެވެ. އެމެރިކާއަކީ އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާއި އިސްރާއީލުން ފަލަސްތީނު އަޅުވެތިކޮށްގެން ހިންގާ އިސްތިއްމާރީ ހަރަކާތްތަކުގެ ފަހަތުގައި އޮންނަ އެންމެ ބޮޑު އިސްތިއްމާރީ ބާރެވެ.

އިސްރާއީލު ސިފައިންގެ ބަޔަކު ހޯމަދުވަހު ސިއްރުން ޣައްޒާއަށް ވަދެ އުދުވާނީ ހަމަލާތަކެއްދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލި އޮޕަރޭޝަންގައި ފަލަސްތީނުން ދިން ހަމަލާތަކުގައި އިސްރާއީލުގެ ކޮމާންޑަރު މަރުވުމުން އެ ބާރުތައްވަނީ ޣައްޒާއިން ފައިބައިފައެވެ. އެއަށްފަހު ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ ޣައްޒާގެ ކައިރީގައިވާ ޔަހޫދީ އާބާދީތަކަށް 300 އަށްވުރެ ގިނަ ރޮކެޓުން ހަމަލާދީ އިސްރާއީލު ހީނުކުރާ ވަރުގެވަރުގަދަ ރައްދެއް ދީފައެވެ.

މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ އެކަކު މަރުވެ 19 މީހުން ޒަޚަމްވެފައިވާއިރު ޔަހޫދީ ވަޒަންވެރިންގެ އެތަށް ގެއެއްވަނީ ރޮކެޓް އެރުމުގެ ސަބަބުން ހަލާކުވެފައެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާގެ ވިހި ތަނަކަށް ފައިޓަރޖެޓުން ޙަމަލާދީ ޣައްޒާގައި ހުންނަ ޙަމާސް ޖަމާއަތުގެ ޓީވީ ސްޓޭޝަން ކަމަށްވާ އަލްއަގްސާ ޗެނެލްގެ އިމާރާތްވެސް ބިމާ ހަމަކޮށްލާފައެވެ. ނަމަވެސް އޭގެ ދެތިން ގަޑީއިރު ފަހުން ބިމު އަޑީގެ ބިންގަރާހެއްގައިވާ ހަމާސްގެ ޓީވީ ސްޓޭޝަނަކުން އަލުން ވަނީ އަލްއަގްސާ ޓީވީގެ ނަމުގައި ޓެލެކާސްޓް ކުރަން ފަށާފައެވެ.

އިސްރާއީލުގެ ޔަހޫދީ އާބާދީތަކަށް 300 އަށްވުރެ ގިނަ ރޮކެޓް ޙަމަލާ ފަލަސްތީނުގެ މުޖާހިދުން ދީފައިވާއިރު އެއިން ވަރަށްމަދު ރޮކެޓެއްނޫނީ އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމް ކަމަށްވާ އަޔަންޑޯމް ނިޒާމަށް ވައްޓާލެވިފައެއް ނުވެއެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން ފަލަސްތީނަށް ގެނަސް ޔަހޫދީ އާބާދީތަކުގައި ވަޒަންވެރިކުރުވާފައިވާ ޔަހޫދީންތައް އިއްޔެއިން ފެށިގެން އުޅެންޖެހިފައިވަނީ ބިންގަރާސްތަކުގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް